ރާއްޖެ އިން ބޭރުގައި ކުރިއަށްދާ ހަނގުރާމަތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ދިވެހިން އަދިވެސް އެބަތިބި ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ބޭނުންވާ ދިވެހިން އަދިވެސް ރާއްޖޭގައި ތިބި ކަމުގެ މައުލޫމާތު އެކިއެކި ތަހުގީގުތަކާއި އިންޓަލިޖެންސް ރިޕޯޓްތަކުން މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެފަދަ މީހުން ވިސްނަން ޖެހޭ ހަގީގަތަކީ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސްގެން އެމީހުން ޖެހޭނެ ހާލާ މެދުގައި ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
"ފިރިހެންވެރިން ބައެއް ފަހަރު މިކަހަލަ ކަންކަމުގެ ތެރޭގައި ނިޔާވެ، އޭނާއާ އެކުގައި ގެންދާ އަނބިދަރިން ޖެހޭ ހާލު. އެ ތަނަށް އުފަންވާ ކުޑަކުދިންނަށް ޖެހޭ ހާލު. އެ ތަނަށް ގޮސް އަދި ކިރިޔާ ހިނގާބިނގާވެ އުޅެވެން ފަށާ ކުދިންނަށް ޖެހޭ ހާލު (ވިސްނަން ޖެހޭ). ތުއްތު މައުސޫމް ކުދިންނަށް އަދި އަންހެންވެރިންނަށް މިފަދަ ހާލު ނުޖެއްސުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ހަނގުރާމަތައް ކުރިއަށްދާ ސަރަހައްދުތަކަށް ގޮސްފި ނަމަ، ދިވެހިން ހާލުގައި ޖެހޭނެ ކަން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ހިޔާލެއް ގެންގުޅޭ މައުލޫމާތެއް ގެންގުޅޭ މީހަކު ހުރި ކަމުގެ މައުލޫމާތު އެއްވެސް ދިމާލަކުން ލިބިއްޖެ ނަމަ، ހިއްސާކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އަދި ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ އިން ބޭރަށް ދިވެހިން ފުރައިގެން ދިއުމުގެ ކުރިން ބޭނުންވާ އެހީތެރިކަން ދީފި ކަމުގައިވާ ނަމަ، މި ދިވެހިން އެފަދަ ހާލުން ސަލާމަތް ކުރެވިދާނެ ކަމުގައި އިހުސާން ވިދާޅުވިއެވެ. ބޭރުގެ އެކިއެކި ހަނގުރާމަތަކާ ދެކޮޅަށް ދިވެހިން ދިޔަ ނުދިނުމަށް ތަފާތު އެކިއެކި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބައެއް ދިވެހިން އެކަން ގަބޫލު ނުކުރާތީ ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެކަމަކު، ހިތާމައަކީ އަޅުގަނޑުމެން ދައްކާ ވާހަކަތަކާއި ދޭ މައުލޫމާތުތަކަށް ނުބަލައި ކޮންމެވެސް މަގްސަދެއް ހާސިލް ކުރުމަށް ބޭރަށް ފުރައިގެންދާ ތަން. ގޮސް މިފަދަ ހާލުގައި އާއިލާތައް ޖެހުނީމަ ދެން ދައުލަތުގެ މުއައްސަސާއަކަށް ގޮވާފައި މި ބުނަނީ އަނބުރާ ރާއްޖެ އަންނަން ބޭނުމޭ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ދިވެހިން ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ މީހުން ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ކަމުގެ މައުލޫމާތު ވުޒާރާ އަށް ލިބިފައިވާ ކަމަށެވެ. އަދި 90 އަށް ވުރެ ގިނަ މީހުންނަކީ އެކި ގޮތް ގޮތުން ވާހަކަ ދެކެވި އަނބުރާ ރާއްޖެ އައުމަށް ބޭނުންވެފައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ފަސް އާއިލާއެއްގެ 21 މީހަކު ރޭ ފަތިހު ވަނީ މާލެ ގެނެސް، ކ. ހިންމަފުށީގައި ހުންނަ ނެޝަނަލް ރެއިންޓަގްރޭޝަން ސެންޓަރަށް ބަދަލުކޮށްފައެވެ.
ރާއްޖެ ގެނައި މީހުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި 15 ކުޑަކުދިންނާއި ފިރިހެނެކެވެ.