ބޭރު ޤައުމުތަކަށް ވަޑައިގެން އިއްޒަތްތެރިން ލިޔުއްވައި ސޮއެ ކުރުމުގައި ޕްރޮޓޮކޯލްތަކެއް ހުރެއެވެ. އެއީ ޤައުމެއްގެ ރައީސް އެއް، އިހުތިރާމުގެ ޒިޔާރަތެއް ކުރެެއްވިއަސް، ތަނެއް ބަލާލަން ޒިޔާރަތް ކުރެއްވިއަސް އެކަންކަން ހިނގަނީ ވަކި ހަމަތަކާއި އުސޫލު ތަކުގެ ތެރެއިންނެވެ.
މުއިއްޒަށް ހަމައެއް ލަމައެއް ނޭނގުން
ފުރަތަމަ ކަމަކީ މުއިއްޒަށް ހަމައެއް ލަމައެއް ނޭނގުމެވެ. ރައީސަކު ހަމަ ފެންނަ އިރަށް ޖަހައި، ފޮތްތަކުގައި ލިޔެ ސޮއިކޮށް ނަހަދައެވެ. އެކަން އޮންނަ އުސޫލަކީ، ރާއްޖެއިން ނަމަ، ރާއްޖޭގެ ފޮރިންގ މިނިސްޓްރީއިން މެހެމާނުން ސޮއެ ކުރައްވާ ފޮތުގައި ލިޔުން ކޮޅު ލިޔުއްވާނެއެވެ. އެ ލިޔުން ކޮޅު ވާންޖެހޭނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި، އެކުވެރިކަން ރަމްޒު ކޮށްދޭ ލިޔުން ކޮޅަކަށެވެ. ވަކި ހާއްސަ މުނާސަބަތެއް ނުވަތަ ތަނެއް ނަމަ އެކަމަށް އިޝާރާތް ކޮށް އިތުރަށް ލިޔާނީއެވެ. އެ ލިޔުން ފޮރިންގ މިނިސްޓްރީއިން ދާ މީހަކު ލިޔުމުގެ ކުރިން، މިނިސްޓްރީއިން އެލިޔުން ލިޔެ، ރައީސް އޮފީހުގައި ހުންނަ ފޮރިންގ ރިލޭޝަން އާއި ގުޅޭ ފަރާތުން އެ ލިޔުން އެޕްރޫވް ކުރަން ވެސް ޖެހެއެވެ. މި ހުރިހާ ހާލަތެއް ނިންމުމަށްފަހު، އެ ލިޔުން ލިޔާނީ ރައީސް މީހާއެއް ނޫނެވެ. އެ ލިޔުން ލިޔަނީ ފޮރިން މިނިސްޓްރީގެ ސްޓާފެކެވެ. ރައީސް މީހާގެ ކަމަކަށް އޮންނަނީ ސޮއެ ކޮށްލުމެވެ.
ކަންކަން އިންތިޒާމު ކުރާއިރު، މި ގޮތަށް ކަންކަން ކުރިޔާލައި ރޭވިގެން ރައީސް މައުމޫނުގެ ޒަމާނުންސުރެ ބައިނަލްއަގްވާމީ ޕްރޮޓަކޯލް ތަކާއި އެއްގޮތަށް ކުރަމުން އަންނަނިކޮށް، ރައީސް އޮފީހުގައި ތިބި އެތައް ސަތޭކަ މުއައްޒަފުންނެއް ވަކިކޮށް، ތަނެއް ދޮރެއް ނުދަންނަ ބަޔަކު ލައިގެން ޕްރޮޓޮކޯލެއް އުސޫލެއް ނޭނގޭ ވެރިއަކު އައިސް، މުޅި ޤައުމު މިއަދު ވަނީ ލަދުވެތި ކަމެއްގެ ތެރެއަށް ވައްޓާލާފައެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ޗައިނާގެ ބޮޑުފާރު ބައްލަވަން ވަޑައިގެން މިލިޔުން އިބާރާތްކޮށް ލިޔުނީ ސީދާ މުއިއްޒެވެ.
މުޅި ރާއްޖެ މުއިއްޒްއާއި ހުރެ ލަދުގަންނަންޖެހުނު ލިޔުންކޮޅު

މުއިއްޒު ޗައިނާގެ ބޮޑު ފާރު ބެލުމަށްފަހު، އެތަނަށް ވަޑައިގަންނަވާ ހާއްސަ މެހެމާނުން ސޮއި ކުރައްވާ ރަސްމީ ފޮތުގައި ލިޔުއްވި ލިޔުން ކޮޅުގައި އޮތީ I am in awe of the it's hostoric... އެވެ. އިނގިރޭސި އެނގޭ ގްރޭޑް 6 ގެ ދަރިވަރުންނަށްވެސް އެތާގައި the އެއް ނޯންނާނެ ކަން އެނގެއެވެ. ޑރ. މުއިއްޒަކަށް އެނގި ނުލެއްވިއެވެ. އަދި ހަމަ އެ ޖުމްލާގައި އެ އޮތް hostoric އަކީ އިނގިރޭސި ބަހެއް ނޫނެވެ. އެބަހާއި ވައްތަރު އަދި ލިޔަން ގަސްތު ކުރި ބަހަކީ historic ކަމުގައި ބެލެވެއެވެ. މިހިސާބުން ނިމުނީކީ ނޫނެވެ. ފުލްސްޓޮޕެއް ޖަހަން ނުޖެހޭތަނެއްގައި ފްލުސްޓޮޕެއްވެސް ޖެއްސެވީއެވެ. strength – a symbol of human އޮންނަން ޖެހޭ ތަނެއްގައި މުއިއްޒު ލިޔުއްވީ strength ގެ ފަހަތަށް ފުލްސްޓޮޕެއް ޖައްސަވައިގެންނެވެ. ޗައިނާ އަކީ ގައުމެއްގެ ނަމެކެވެ. އިނގިރޭސިން ލިޔާއިރު ފަށާ އަކުރު ކެޕިޓަލް ކުރަން ޖެހެއެވެ. މުއިއްޒަށް މިވަރުވެސް ކޮށް ނުލެވުނެވެ. Unity އަށް ފަހު ކޮމާ ޖެއްސެވި އިރު އެއީ ފުލުސްޓޮޕެއް ޖައްސަވަން ވީ ފަހަރެވެ. މިއީ ޕީއެޗްޑީ ޑރ. މުއިއްޒުގެ ފެންވަރެވެ. މިއީ މި ކުރު ލިޔުމުގައި ހުރި އިމްލާ ކުށްތަކެވެ. ގްރޭޑް ހައެއްގެ އިނގިރޭސި ފެންވަރުވެސް މުއިއްޒުގެ ކިބާގައި ނެތެވެ.
ދެން ލިޔުއްވާފައިވާ ލިޔުން ކޮޅަށް ބަލާލާއިރު، މިއީ ޤައުމުގެ ރައީސްއަކު ތަނަކަށް ގޮސް ލިޔާވަރަށް ވުރެ، އާދައިގެ ލިޔުން ކޮޅެކެވެ. ފަހަރެއްގައި ރަށު ކައުންސިލަރަކު މި މޭރުމުން އިބާރާތް ކުރައްވައިގެން އިބާރާތް ކޮޅެއް ލިޔުއްވަފާނެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާ ބަސްމަގާ އިބާރާތްތައް މިއަށް ވުރެ، ރަނގަޅުވެފައި ފެންވަރު ހުރެއެވެ.
މުއިއްޒުގެ ފަރާތުން ދިވެހިންނަށް ލިބެނީ މުޅިންވެސް މިފަދަ ލަދުވެތިކަމެވެ. މީގެ އެތައް އަހަރެއް ފަހުންވެސް، ބޮޑު ފާރު ބަލަން ދިޔަ ރާއްޖޭގެ ރައީސްއަކު ލިޔުނު ލިޔުންކޮޅެއް ރަސްމީ ފަތްފުށްތަކުގައި ހުރެ، އޭގައި ލިޔެފައި ހުރި އެނގިރޭސި ބަހާއި މެދު މީހުން ހަޖޫ ޖަހާ މަލާމާތް ކުރާނެތެވެ. އަދި ދިވެހިންނަކީ މާބޮޑު ތައުލީމެއް ނެތް ބަޔަކު ކަމުގައި އެ ބަލާ މީހުންގެ އިތަށް އަރާނެއެވެ.