ޚަބަރު

މަކުނުދޫގައި ގާއިމްކުރާ އަަސްކަރީ މަރުކަޒު އެޅުމަށް, ސާވޭ ކުރުމަށް ޗައިނާގެ އަސްކަރިއްޔާގެ ޓީމެއް ރާއްޖެ އަންނަނީ!

ދިޔަވަރު
މަކުނުދޫގައި ގާއިމްކުރާ އަަސްކަރީ މަރުކަޒު އެޅުމަށް, ސާވޭ ކުރުމަށް ޗައިނާގެ އަސްކަރިއްޔާގެ ޓީމެއް ރާއްޖެ އަންނަނީ!

ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު ފާއިތުވި ހަފްތާގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރަން ސޮއިކޮށްފައިވާ ސިއްރު އެއްބަސްވުމެއްގައިވާ ގޮތުގެމަތިން, އަސްކަރީ ބޭސް އެޅުމަށް ކުރާންޖެހޭ ސާވޭ ކުރުމަށް ޗައިނާގެ އަސްކަރިއްޔާގެ ޓީމެއް އަންނަ މަހު ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޗައިނާގެ އަސްކަރިއްޔާގެ މި ޓީމު ރާއްޖެ އައުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަސް ކަމުގައެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މި ޓީމުން ރާއްޖެ އައުމަށްފަހު, އަސްކަރީ ބޭސް ގާއިމް ކުރުމަށް ހަޖައްސާ ސަރަހައްދުގެ ލޭންޑް ސާވޭ ހެދުމުގެ އިތުރުގެ އެ ސަރަހައްދުގެ ޗާޓު ކުރެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޭނާ ވިދާޅުވީ ޗައިނާގެ އަސްކަރިއްޔާގެ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ "މެރިޓައިމް ސާވެޔަރުން"ގެ ނަމުގައި ކަމަށާއި, އެހެންނަމަވެސް އަސްކަރިއްޔާގެ ޓީމުން ރާއްޖެއައުމަށް ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތަކެއް ޑިފެންސްޓްރީން ހަމަޖައްސަމުން ދާކަމުގައެވެ.

އެހެންނަމަވެސް ސާވޭ ކުރުމަމަށް ރާއްޖެ އަންނަ ޗައިނާގެ އަސްކަރިއްޔާގެ ޓީމުން ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ ކިހާ ދުވަހަކަށް ކަމެއް އޮފިޝަލް ވިދާޅުވެފައެއް ނުވެއެވެ.

ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު ފާއިތުވި ހަފްތާގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރަން ސިއްރު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. އެގޮތުން, ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ޗައިނާއާއެކީ ސޮއިކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާ 20 އެއްބަސްވުމުގެ ތެރޭގައި މިއެއްބަސްވުން ހިމަނާފައެއް ނުވެއެވެ.

މި ސަރުކާރުގެ އިސް އޮފިޝަލަކު މީގެކުރިން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވާ ގޮތުގައި, ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ސިއްރު އެއްބަސްވުމެއްގެ ގޮތުގައި ސޮއިކޮށްފައިވާ މި އެއްބަސްވުމުގައި މި މިލިޓަރީ ބޭސް އަށް ދީފައިވާ ނަމަކީ ”ނޭވީ މަރުކަޒު“ ނުވަތަ ”މެރިޓައިމް ސެންޓަރު“ ކަމަށެވެ.

މެރިޓައިމް ސެންޓަރު ނުވަތަ ނޭވީ މަރުކަރުގެ ގޮތުގައި އެއްބަސްވުމުގައި ލިޔެފައިވަނީ, މި ސިއްރު އެއްބަސްވުން ހާމަކުރުމަށް ސަރުކާރަށް މަޖުބޫރުވެއްޖެ ހާލަތެއްގައިވެސް, ޗައިނާއިން ރައްޖޭގައި މިލިޓަރީ ބޭސްއެއް ގާއިމް ކޮށްފައި ނުވާކަމަށް ސާބިތު ކޮށްދިނުމުގެ ގޮތުން ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.

މަކުނުދޫއަކީ ރާއްޖޭގެ އުތުރުން ހުޅަނގަށް ވާގޮތަށް, އިންޑިއާ ކަނޑުން ދަތުރުކުތާ އުޅަނދުތަކާއި ސަބްމެރިންތަކަށް ފާރަލެވޭގޮތަށް, މުހިންމު ލޮކޭޝަނެއްގައި އޮންނަ ރަށެކެވެ. އަދި ޗައިނާއިން މި ރަށުގައި އަސްކަރީ ބޭސްއެއް ގާއިމް ކުރުމުން މުޅި އިންޑިއާ ކަނޑުގެ ސާވައިލަންސް ބެލެހެއްޓުމުގެ އިތުރުން އިންޑިއާ ކަނޑު ހުރަސްކޮށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް ޗައިނާގެ ނޭވީގެ ރާޑަރުތަކަށް ނާރާ ދަތުރެއް ނުކުރެވޭނެއެވެ.

މިއީ އިންޑިޔާއައި އާއި ވީހާވެސް ކައިރީގައި އަސްކަރީ މަރުކަޒުތައް ޤާއިމުކޮށް އިންޑިޔާ ކަނޑުގެ ހަމަ ޖެހުން ނަގާލައި، ހަނގުރާމައިގެ ތުންފަތްމައްޗަށް އިންޑިޔާ ކަނޑުގެ ސަރަހައްދު ގެނައުމަށް ޗައިނާއިން ރާވައިގެން ހިންގާ އަސްކަރީ ރޭވުންތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އަސްކަރީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ސަރަހައްދީ ހަމަ ނުޖެހުން ނަގާލައި، އިންޑިޔާއާއި، ޗައިނާއާއި ދެމެދުގައި އޮތް ނުތަނަވަސް ކަމުގެ ތެރެއަށް، ދިވެހިރާއްޖެއިން ވަދެ، އިންޑިޔާގެ އަސްކަނި ދޮށަށް ޗައިނާގެ އަސްކަރިއްޔާ ގެނައުމަށް ފައިސާގެ ދަހިވެތިކަމުގައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މި މަސައްކަތަކީ ދިވެހިންގެ ޤައުމިއްޔަތާއި ދިވެހިން ލޯބި ކުރާ އަމާން ދިރިއުޅުމުގެ މަސްލަހަތަށް ފުށުއަރާ ކަމެއްކަމަށް ގިނަ ދިވެހީންވެސް ދެކެއެވެ.

ރާއްޖެއަކީ ޗައިނާއާއި އިންޑިއާދެމެދު އޮތް ހަމަނުޖެހުމުގައި ފިތެން ބޭނުން ނުވާ ގައުމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް, މަކުނުދޫގައި އަޅާ ޗައިނާގެ މި މިލިޓަރީ ބޭސްގެ ސަބަބުން ޗައިނާއާއި އިންޑިއާއާ ދެމެދު އުފެދިގެންދާނެ ހަމަނުޖެހުމުގައި ހަގީގަތުގައި ގުރުބާން ވެގެންދާނީވެސް ދިވެހިރާއްޖެކަމަށްވެސް ސިޔާސީ އަދި އަސްކަރީ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.

އަދި މިއީ ފައިސާގެ ދަހިވެތިކަމުގައި ރައީސް މުއިއްޒު ދިވެހި ބިމުން ބައެއް ޗައިނާއަށް ވިއްކާލި ވިއްކާލުމެއްގެ ގޮތުގައިވެސް މި އެއްބަސްވުން ގިނަބަކު ދަނީ ސިފަކުރަމުންނެވެ.

ދިވެހި ޤައުމުގެ އެންމެ އިންޗިއެއްވެސް ބޭރުގެ ބައެއްގެ އަތް މައްޗަށް ނުދޭނެ ކަމަށް ބުނެ، ވެރިކަމަށް އައިސް މަކުނުދޫގައި ޗައިނާއިން މެރިޓައިމް ސެންޓަރެއްގެ ނަމުގައި މިލިޓަރީ ބޭސް އެއް އަޅަން ރައީސް މުއިއްޒު އެއްބަސްވުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ވަނީ ސިއްރު 10 އެއްވަސްވުމެއްގައި ސޮއި ކޮށްފައެވެ.