ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވި, ރައީސް މުއިއްޒުގެ ސަރުކާރުގެ މަތިބަރުވެ, މިނިސްޓަރުން ފެންވަރުގެ 45 ބޭފުލަކު މިހާތަނަށް އައްޔަން ކޮށްފައިވާކަން ހާމަވެއްޖެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި މައުލޫމާތަށް ބަލާއިރު ވަޒީރުންގެ ފެންވަރުގައި މިހާތަނަށް ރައީސް މުއިއްޒު ވަނީ 45 ބޭފުޅަކަށް މަގާމް ދެއްވާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ރައީސް މުއިއްޒުގެ އާއިލީ ތިމާގެ ބެފުޅުންވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ. މި ހުރިހާ ބޭފުޅުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން އަހަރަކު 41 މިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހޭނެއެވެ.
އޭގެ އިތުރަށްވެސް މިސަރުކާރުން މިހާތަނަށްވަނީ 91 ސްޓޭޓް މިނިސްޓަރުންނާއި, 166 ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން އޭގެ ދަށްވެސް އެތައް ސިޔާސީ މަގާމެއް އުފައްދާފައެވެ. އެގޮތުން ރައީސް މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވިތާ ދެ މަސް އަދި ފާއިތުވެގެން ނުދަނީސް, ސިޔާސީ މަގާމްތަކަށް އައްޔަން ކުރި މިނިސްޓަރުންނާއި, ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު މިހާރުވަނީ 302 އަށް އަރާފައެވެ.
މިއީ ރާއްޖެއިން ބޭރުގަ ހުރި މިޝަންތަކަށް އައްޔަން ކުރަމުންދާ ސިޔާސީ މުވައްޒަފުންނާއި އަދި މިނިސްޓްރީތަކަށް ވައްދަމުންދާ އެހެނިހެން ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކަށް ވައްދަމުންދާ ސިޔާސީ މުވައްޒަފުން ނުހިމަނާ ސިޔާސީ ގޮތުން ރައީސް މުއިއްޒު ވަޒީފާ ދީފައިވާ ފަރާތްތަކުގެ އަދަދެވެ.
ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވައުދު ވެފައިވަނީ "މަތި ލުއި" ސަރުކާރެއް ގާއިމް ކުރައްވާނެ ކަމަށާއި, އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު ކުރީ ސަރުކާރަށްވުރެ މަދުވާނެ ކަމުގައެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ވެވަޑައިގެންފައިވަނީ އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ސިޔާސީ މަގާމްތައް އުފެއްދި ރައީސް ކަމުގައެވެ.