ހއ. ދިއްދޫގައި ކޮންޓްރެކްޓަށް ނަގާފައި ތިބި ފެނަކަ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް, ރައީސް މުއިއްޒުގެ އެންގުމަށް އާ ނުކުރި މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު (ވައްޑެ)އެވެ.
ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން ބައެއް މުވައްޒަފުން އިއްޔެ ވަނީ ދިއްދޫގައި ހުންނަ ފެނަކަ އޮފީސް ކައިރީގައި މުޒާހަރާކޮށް، އެ ކުންފުންޏާ ދެކޮޅަށް އަޑު އުފުލައިފައެވެ.
މި މައްސަލައިގައި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި އަބްދުﷲ ވަހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ ދިއްދޫ އާ އިންޖީނުގެއާއި އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކަ އިން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި ކުއްލި ގޮތަކަށް އެ މުވައްޒަފުންގެ ވަޒީފާތަކުން ވަކި ކުރި ކަން މުވައްޒަފުންގެ ފަރާތުން އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ، މުވައްޒަފުންގެ ފަރާތުން ނުތަނަވަސްކަމެއް ލިބި އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އިންތިހާ އަށް އެބައޮތް ކަމަށެވެ. އަދި ދިއްދޫގައި ކުރަމުން އަންނަ މަސައްކަތްތައް ނިމިފައި ނުވާ އިރު، އެހެން އެކަން އޮއްވާ އެ މުވައްޒަފުން ވަކިކޮށްލުމުން އެ މަސައްކަތް ހުއްޓި، މުވައްޒަފުންގެ އާއިލާތައް ނިކަމެތިކަންލިބޭނެ ކަމަށް ސިޓީގައިވެއެވެ. އެހެންވެ، މުވައްޒަފުން ވަކިކުރުން ކުށްވެރި ކުރާ ކަމަށް ވެސް ސިޓީގައިވެއެވެ.
''ވީމާ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި، ދިއްދޫ އާ އިންޖީނުގެއާއި، އައިސްޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށާއި، އެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބެވުމަށް ފެނަކައަށް ދެންނެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވައިދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ.'' ސިޓީގައިވެއެވެ.
ދިއްދޫ ފެނަކަ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. މުއާޒް ވިދާޅުވީ، މިވަގުތު މަސައްކަތް ހުއްޓިފައި އޮތީމަ ކޮންޓްރެކްޓްގެ ސްޓާފްގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންނަމަވެސް ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށެވެ.