ޗައިނާ ދަތުރަށް ފަހު އަނބުރާ ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާސަންދަ ސްކީމު ސިއްހީ ފަރުވާގެ "ފެންވަރު ރަނގަޅު" ޔޫއޭއީ އާއި ތައިލެންޑަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އޭރުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން، މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީވަންދެކަށް ދާނީ، މިހާރު އެދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ އަދި ބެންކޮކުގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް، އެކޮމޮޑޭޝަން އެކްސްޕެންސަސް ލިބިގެން، އާސަންދައިން ކަވާ ވެގެން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް މިކަންކަން އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.
މިހެން ވިދާޅުވީ، އިންޑިޔާއަށް ބިރު ދައްކަން ވެގެންނެވެ. ރައްޔިތުންނަށް އެހީތެރިވުމުގެ އެއްވެސް އިހްލާސްތެރިކަމެއް ހުރިނަމަ ޔޫއޭއީ އާއި ތައިލެންޑުން ދޭ ބޭސްފަރުވާގެ އަގު ބަލާލީސް އެވެ. ނުވަތަ މުއިއްޒަށް ދުނިޔޭގެ އާއްޖު ފާއްޖުވެސް ނޭނގި ހަމަ ދުލަށް އައިހާ މޮޅު އެއްޗެއް ކިޔަނީއެވެ. ނަމަވެސް ހަގީގަތަކީ ބޭސްފަރުވާ އަށް ރާއްޖެއިން އިންޑިޔާއަށް ދާ ޓުއަރިސްޓުން، ޓްރިވެންޑަރަމް އިން އެ ހޯދާ ފަރުވާ އަށް އެމީހުންނަށް، ރާއްޖެއަށް ދާ މީހުންގެ ފަރާތުން ޓުއަރިޒަމް އަށް ލިބޭ ފައިދާ އަކީ އެ އަވަށަށް ވަންނަ ފައިސާގެ އެންމެ %0.2 ކަމެވެ.
ބޭރުގެ ބޭސް ފަރުވާއަށް ތައިލަންޑަށް ވިސްނާލާއިރު ބެންކޮކް ހޮސްޕިޓަލް، ބަމްރުންގްރޭޑް ހޮސްޕިޓަލަކީ ޔޫރަޕަށް އަގު ބޮޑު ތަންތަނެވެ. ޔޫއޭއީގެ އަގުތައް ހުރީ އެއަށް ވުރެ މަތީގައެވެ. ޔޫއޭއީގެ ހައިސީޒަންގައި ހުރުމުގެ އަގު ރާއްޖޭގެ ބަޖެޓް ރިސޯޓަކާއި އެއްވަރެވެ. ބޭހުގެ އަގު އަދި އެހާމެ ބޮޑެވެ.
އާސަންދަ ފުޅާ ކުރާ ވާހަކަ ދައްކާއިރު، ކުޑަ މިނުން އަގުތައް ޤައުމުގައި ހުރި ވަރު ބަލާ އެއީ ރާއްޖެއަށް ކުރެވޭނެ ކަމެއްތޯވެސް ބަލަންޖެހެއެވެ. މުއިއްޒުގެ ފަރާތުން މިފެންނަނީ ދުނިޔޭގެ އާއްޖުފާއްޖު ނޭނގޭ ކަމާއި، އަމިއްލަފުޅު ވަކި ހިޔާލީ ދުނިޔެއެއްގައި އުޅުއްވާ ތަނެވެ.