ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އެންމެ ފުރަތަމަވެސް ވަކާލާތު ކުރައްވަމުން ގެންދެވީ އެއްވެސް ބޭރު ގައުމެއްގެ ސިފައިންނަށް ދިވެހި ފަސްގަޑު ޖާގައެއް ނުލިބޭނެ ކަމަށެވެ. އަދި ރާއްޖެގައި ތިބި އިންޑިއާ ސިފައިން ބާލާނެކަމަށް ވިދާޅުވެ, ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްތިހާރުވެވަޑައިގަންނަވަން ފެއްޓެވީ އެމަނިކުފާނަކީ ހަމައެކަނި "މޯލްޑިވްސް ޕްރޯ" ބޭފުޅެއްކަމަށް ވިދާޅުވެއެވެ.
އޭގެ އެއް ސަބަބަކީ ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އޭރުގެ އިނދިކޮޅު ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ޕީޕީއެމްގެ ސަރުކާރަކީ ޗައިނާގެ "ގޮނޑި ކޮއްކޮ" ސަރުކާރަކަށް އެ ސަރުކާރު ވެގެންދާނެކަމަށް ގިނަބަޔަކު ކުރަމުންދިޔަ ތުހުމަތު ތަކެވެ.
އެ ތުހުމަތުތަކާއި އަދި ޝައްކުތަކުން ބަރީއަ ވުމުގެ މަގުސަދުގައި މުއިއްޒުވަނީ ދިވެހިރާއްޖެ "ޕްރޮ ޗައިނާވެސް" އަދި "ޕްރޯ އިންޑިއާ"ވެސް ނުވާނެކަން ދެއްކުމަށް ރާއްޖެއިން ބޭރުގެ މީޑިއާތަކަށްވެސް އެތަކެއް އިންޓަރވިއުތަކެއް ދެއްވާ ހައްދަވާފައެވެ.
އެ އިންޓަރވިއުތަކުގައި އަދި, އެއްވެސް ގައުމަކާ ދެކޮޅުވެސް, އަދި އެއްކޮޅުވެސް ނުވާނެކަމަށް ވިދާޅުވި ރައީސް މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކަތަކުން ގިނަބަޔަކަށް ހީކުރެއްވި އަދި ބައެއް ފަރާތްތަކުން ޔަގީންވެސް ކޮށްފައިވަނީ ރައީސް މުއިއްޒުގެ އަމަލާ ބަހާ ދިމާވާނެ ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަމާޒަކަށް ވާނީ, ވަކި ފަރާތަަކަށް ނުޖެހޭ ސިޔާސަތަކަށް ކަމުގައެވެ.
އަމަލާބަހާއި ދިމައެއް ނުވީ, ވެއްޓިގަތީ ޗައިނާގެ އުނގަށް!
މީޑިއާތަކަށް އެތަކެއް އިންޓަރވިއުތަކެއް ދެއްވާ, ދިވެހިރާއްޖެއަކީ އެއްވެސް ގައުމަކާ އެއްކޮޅުވެސް އަދި ދެކޮޅުވެސް ގައުމަކަށް ނުވާނެކަމަށް ވިދާޅުވި, ރައީސް މުއިއްޒުގެ އެންމެ ފުރަތަމަ ރަސްމީ ފުރަމާނަ ދަތުރުފުޅު ހަމަޖެއްސެވީ ޗައިނާއަށް ކުރައްވާ ގޮތަށެވެ. އެއީވެސް ރާއްޖޭގެ އާ ރައީސަަށް މަރުޙަބާ ކިއުމަށް އަވައްޓެރި އެތައް ގައުމަކުން ތައްޔާރަށް ތިއްބާވެސް މެއެވެ.
އެގޮތުން ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައިވެސް މުއިއްޒު އަމަލު ކުރައްވާފައިވަނީ އޭގެ ކުރިން އެތައް ބަޔަކު އުއްމީދުކުރި ގޮތާ ދިމާ އިދިކޮޅަށެވެ. ގައުމުގެ މިނިވަންކަމާއި, ގައުމިއްޔަތުގެ ވާހަކަ ރިޔާސީ ކެމްޕޭނުގައި ދައްކަވައިގެން ވޯޓު ހޯއްދަވައިގެން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު, ޗައިނާއިން އެނބުރި ވަޑައިގެންނެވީ ޗައިނާއާއެކީ ސިއްރު 10 އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށްފަހުއެވެ. މުޅި ގައުމުގެ އިސްތިގުލާލު ޗައިނާއަށް ވިއްކަވާލައްވާފައެވެ.
އޭގެ ތެރޭގައި ހދ. މަކުނުދޫގައި ޗައިނާގެ ސިއްރު މިލިޓަރީ ބޭސްއެއް އެޅުމަށް އެގައުމާއެކީ ރާއްޖެއިން ސޮއިކުރި ސިއްރު އެއްބަސްވުން ހިމެނޭއިރު, މި އެއްބަސްވުމުގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަންކަމެއް މިއަދާއި ހަމައަށްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ހަމައެއާއެކު ރައީސް މުއިއްޒުވަނީ ރާއްޖޭގެ ފުޑް ސެކިއުރިޓީއާއި ގުޅުންހުރި އެއްބަސްވުމެއްގައި ސޮއިކޮށް, ރާއްޖޭގެ ކާނާއާއި ބެހޭ ރައްކާތެރިކަމުގެ ހުރިހާ އިޚްތިޔާރެއް ޗައިނާގެ އަތްމައްޗަށް ދޫކޮށްލައްވާފައެވެ.
އޭގެ އިތުރުންވެސް ޗައިނާ ސަރުކާރުން ލޭންދޭނަށް 130 މިލިއަން ޑޮލަރު ނަންގަވާ, މިހާރުވެސް "ހައްދުން ނެއްޓިފައި" އޮތް ދައުލަތުގެ ދަރަނި އެތައް ގުނައަކަށް އިތުރުކޮށް, މުއިއްޒުވަނީ ރައީސް ޔާމިންގެ ދައުރުގައި އޮތް ނުފޯރާފަށް އުފުލިފައި އޮތް ޗައިނާގެ ދަރަނި އެތައް ގުނައަކަށް އިތުރުކޮށް, ރާއްޖެއިން ޗައިނާއަށް ބަރޯސާވާންޖެހޭ މިންވަރުވެސް އެތައް ގުނައަކުން އިތުރު ކޮށްފައެވެ.
އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ކެމްޕޭނަށް ރައީސް މުއިއްޒުއަށް 100 މިލިއަން ރުފިޔާ ދޭން ޗައިނާގެ ޗައިނާގެ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އިން އެއްބަސް ވުމުން ރައީސް މުއިއްޒުވަނީ, މި އެއްބަސުމާއި އެއްގޮތަށް, ޖުމްލަ 800 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ބިޑް ކުރުމަކާވެސް ނުލާ އެކުންފުންޏާއި ހަވާލުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައެވެ.
މައުލޫމާތު އެނގިހުރި ސަރުކާރުގެ އިސް އޮފިޝަލަކު "ވިދާޅުވި ގޮތުގައި"ދިޔަވަރު އޮންލައިން"އަށް ޔަގީން ކޮށްދީފައިވާ ގޮތުގައި, ސީއެމްއީސީ ކުންފުނިން މަޖިިސް އިންތިޚާބަށް ދޭން އެއްބަސްވާ 100 މިލިއަން ރުފިޔާގެ ތެރެއިން 50 މިލިއަން ރުފިޔާ މިހާރުވަނީ ރައީސް މުއިއްޒުއާއި ހަވާލު ކޮށްފައެވެ.
އިންޑިއާއެކު ރާއްޖެއިން ދަމަހައްޓަމުން އައި ގުޅުން ޚަރާބު ކޮށްލައިފި!
ރާއްޖެއާއި އެންމެ ކައިރީގަ އޮތް ގައުމުގެ ހައިސިއްޔަތުން އިންޑިއާއާއެކު ޒަމާނުއްސުރެ ރާއްޖެއިން ދަމަހައްޓަމުން އައިސްފައިވަނީ ވަރަށްވެސް އެކުވެރި ގުޅުމެކެވެ.
ހަމައެއާއެކު ދޭތެރެ ދޭތެރެއިން, އެކި ބޭފުޅުންގެ ވެރިކަމުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގައި ކުނި ޖެހިފައިވި ނަމަވެސް, އެގުޅުން އެކީ ޚަރާބުވެގެން ގޮސްފައެއް ނުވެއެވެ. ވެރިމީހާ ނިކުމެ އިންޑިއާއަށް އިންޒާރުދީ, އެގައުމަށް އޮތް ބަރޯސާވުން ކުޑަ ކުރައްވާނެކަމަށް ވިދާޅުވެ, އެގައުމަށް ނިސްބަތްކޮށް, ސިޔާސީ ގުޅުމަށް ބުރޫއަރާ ޒާތުގެ ވާހަކަ ދައްކަވާފައެއް ނުވެއެވެ.
އެހެންނަމަވެސް ދާދިފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު އެބުރި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓުގައި ހުންނަވައިގެން ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ރައީސް މުއިއްޒުވަނީ އިންޑިއާއަށް ނިސްބަތްކޮށް ބަދުބަސް ވިދާޅުވެ, އިންޑިއާ ކަނޑަކީ އިންޑިއާގެ މިލްކެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.
އަދި އިންޑިއާއަށް ރާއްޖެއަށް ގަނާ ނުކުރެވޭނެކަމަށް އިންޑިއާގެ ވެރިންނަށް ނިސްބަތްކޮށް މުއިއްޒު ގަދަބަސް ވިދާޅުވިއިރު, އިންޑިއާގެ އެއްވެސް ވެރިއަކު އެބީދައިން ރާއްޖެއަށް ނިސްބަތްކޮށް ބަދުވަސް ވިދާޅުވެފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ. ސޯޝަލް މީޑިއާގައި ހިނގި ކުރިމަތިލުމެއް ހިނގާފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައެވެ.
އެހެންނަމަވެސް ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރު ކުރިޔަށް ނިކުމެވަޑައިގެން އިންޑިއާގެ ވެރިންނަށް ނިސްބަތްކޮށް ގަދަބަސް ވިދާޅުވެ އިންޒާރު ދެއްވާ ހެއްދެވުމުން, ދެން ދެ ގައުމުގެ މެދުގައި އާދައިގެ ސިޔާސީ ގުޅުމެއް ނޯންނޭކަމަށް ގަބޫލުކުރަން މިއަދު މިވަނީ މަޖުބުރު ވެފައެވެ.
އެއާއެކު ޗައިނާއިން އެނބުރި ވަޑައިގަތުމަށްފަހު, ޗައިނާއިން އަންގާފައިވާގޮތަށް, މުއިއްޒުވަނީ ރާއްޖޭގައި ތިބި އިންޑިއާސިފައިން މާރޗް 15ގެ ކުރިން ރާއްޖެ ދޫކޮށް ދިއުމަށްވެސް އަންގަވާފައެވެ.
ހަގީގަތުގައިވެސް މުއިއްޒު އުޅުއްވަނީ "އާކުކުޅަކަށް ގާބިހެއް" އެޅިގެންކަމަށް މިއަދު ގަބޫލުރަން މިވަނީ މަޖުބޫރު ވެފައެވެ. އެއްވެސް ހަމައެއް ލަމައެއް ނެތެވެ. ތިމާގެ ގަދަކަން ދެއްކުމުގެ ގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކާވެސް އިސްވެ ޖެހިގަންނަނީއެވެ. ޑިޕްލޮމަސީގެ ރިވެތި އުސޫލު މިރާއްޖޭގެ "ހެޑް އޮފް ސްޓޭޓް"ގެ ކިބައިން ފެންނާކަށް ނެތެވެ.
ތިމަން މަނިކުފާނަކީ ހަމައެކަނި "ޕްރޯ މޯލްޑިވްސް" ބޭފުޅެއްކަމަށް ވިދާޅުވެ, ޗައިނާގެ އުގަށް ވެއްޓިވަޑައިގަތީއެވެ. ފައިސާގެ ދަހިވެތިކަމުގައެވެ. ރައީސް ޔާމިނަށްވެސް "ކޮޅުކެހި" ދެއްވި ފަދައިން އަމަލާ ބަހާއި ދިމާނުވީއެވެ. ހުރިހާ ކަމެއްގައިވެސް ދައްކަވަމުން ގެންދަވަނީ ހަމައެކަނި މުޒާފިގު ކަމުގެ ސިފައެވެ.