މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ކެނޑިޑޭޓް އިންތިޚާބު ނުވުމުން, ކެމްޕޭން ތެރޭގައި, ސަރުކާރުން ހިންގާނީ ކައުންސިލްތަކަށް ބާރުދީގެން ކަމަށް ވިދާޅުވެ, ވެވަޑައިގެންނެވި ހުރިހާ ވައުދުތަކާއިވެސް އަމިއްލަފުޅަށް ޚިލާފް ވެވަޑައިގެން, ރޯމާ ދުވާލު, އެންމެންގެ ލޯ ކުރިމަތީގައި ރައީސް މުއިއްޒު މިވަނީ ސިޓީ ކައުންސިލްގެ ބާރުތައް ފޭރިގެންފައެވެ.
މިއަދު ބޭއްވުނު މާލޭ ސިޓީގެ ކައުންސިލް ބައްދަލުވުމުގައި މުއިއްޒު ވަނީ 120 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް, ގާނޫނު އަސާސީއާއި ގާނޫނުތަކާވެސް ޚިލާފަށް, އެމަނިކުފާނު ވަޒީރަކު ސިޓީ ކައުންސިލްގައި ބައިންދަވައިގެން, ސަރުކާރަށް ނެންގެވުމަށް ނިންމަވާފައެވެ.
މި މަޝްރޫއުތައް ސަރުކާރާށް ނެގުމަށް މުއިއްޒުގެ ފަރާތުން އެންގެވީ, މުއިއްޒުގެ ފަރާތުން ސިޓީ ކައުންސިލް ޖަލްސާގައި މިއަދު ބައިވެރިވެވަޑައިގެންނެވި, ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދުއެވެ.
މަޝްރޫއުތައް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ޝާހިދު މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އެންގެވުމާއެކު، ކައުންސިލަށް އެ ގޮތަށް ހުށަހެޅުއްވީ އެކްޓިން މޭޔަރު އަހުމަދު ނަރީޝް އެވެ. އެއާއެކު ކައުންސިލްގެ މެޖޯރިޓީން ވަނީ މިހުށަހެޅުން ފާސްކޮށްފައެވެ.
ޝާހިދުއަކީ ލޯނު ނުދައްކައިގެން އެތައް ބޭންކަކުން އޭނާގެ މައްޗަށް ހުކުމްވެސް ކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ މުއިއްޒުގެ ވަރަށް އަރިސް ފަރާތެކެވެ. މުއިއްޒަށް ކޮރަޕްޝަންގެ ނެޓްވޯކެއް އަޅައިދީ، މުއިއްޒު މަޖިލީސް އިންތިހާބަށް ފައިސާ ބޭނުންވާ ކަމަށް ބުނެ އެތައް މިލިއަން ރުފިޔާއެއް، ކޮންސްޓްރަކްޝަން ކުންފުނިތަކުންވެސް އޭނާ ދަނީ ނަގަމުންނެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އޭނާ އައްޔަން ކުރެއްވުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ މުއިއްޒުގެ މޭޔަރުކަމުގައި, ސިޓީ ކައުންސިލްގައެވެ.
ގާނޫނު އަސާސީގެ 235 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުގެ ދާއިރާގެ ތެރޭގައި، މުދާމިލްކު ކުރުމާއި ދަރަންޏަށް ޒިންމާ ވުމުގެ ބާރު ލާމަރުކަޒީ އިދާރާތަކަށް ލިގެންވާ ކަމުގައެވެ. އަދި ލާމަރުކަރީ ގާނޫނުގައި ބުނެފައިވަނީ ސިޓީތަކާއި ރަށްތަކުގެ އިހުތިސާސްގައި ހިމެނޭ އެންމެހާ ކަންކަމުގެ ފުރިހަމަ ގާނޫނީ ބާރު އެގާނޫނުން ލިބިދެނީ ސިޓީ ކައުންސިލްތަކާއި ކައުންސިލްތަކަށް ކަމުގައެވެ.
އެހެންކަމުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިނގަމުންއައި ޕްރޮޖެކްޓްތައް މުއިއްޒުގެ އަމުރަށް މިއަދު ސިޓީ ކައުންސިލުން ވަކިކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލް ހުއްޓުކަމަށް ގެނެސް, ބާރުގެ ބޭނުން ޚުދުމުޚްތާރުކޮށް ކޮށް, ރައްޔިތުންގެ ބާރު ކަނޑުވާލުމަށްކަން ވަރަށްވެސް ސާފުކޮށް ފެންނާން އެބައޮތެވެ.
ރައީސް މުއިއްޒުގެ މިއަދު ޚުދުމުޚްތާރު ނިންމުމާއި ގުޅިގެން ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
އަދި މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އާޒިމްވަނީ އެދިވަޑައިގެންފައެވެ.