އެމަނިކުފާނާއި އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފުވެސް ފަސްޓު ކުލާހުގައި ދަތުރު ނުކުރައްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނިކޮށް, ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފަސްޓު ކުލާހުގަ ޔުގަންޑާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ, ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ޔުގަންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަދި މި ދެސަމިޓުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
”ދިޔަވަރު އޮންލައިން“ އަށް ކަށަވަރު ވެފައިވާ ގޮތުގައި ނާއިބު ރައީސް ޔުގަންޑާއަށް ފުރާވަޑައިގަތީ އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގަ, ދައުލަތުގެ ޚަރަދުގައެވެ. އެމިރޭޓްސްގެ ފަސްޓު ކުލާހަކީ ދުނިޔޭގެ އެއަރަލއިންތަކުގެ ތެރެއިން އެންމެ އަގުބޮޑު ކުލާސްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގެ ޓިކެޓް އާންމު ގޮތެއްގައި އަގު އުޅެނީ 12 ހާސް އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ.
ފާއިތުވި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު, ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.
ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިބު ރައީސް އެނބުރި ޜާއްޖެ ވަޑައިގަންނަވާނީވެސް އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގައެވެ.
ރައީސް މުއިއްޒު ދާދިފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކުރައްވާފައިވަނީވެސް ފަސްޓު ކުލާހުގައެވެ.