ޚަބަރު

ރެޑިޓުގައި އިސްލާމް ދީން ޤަބޫލު ނުކުރާ އެތައް ޒުވާނުންނެއް ދީނާއި ދެކޮޅަށް ލިޔެ ނަގަނީ! ސަރުކާރުން އަޅައެއް ނުލާ! މިއީ ދެވޭ ހިތްވަރެއް! 

ދިޔަވަރު
ރެޑިޓުގައި އިސްލާމް ދީން ޤަބޫލު ނުކުރާ އެތައް ޒުވާނުންނެއް ދީނާއި ދެކޮޅަށް ލިޔެ ނަގަނީ! ސަރުކާރުން އަޅައެއް ނުލާ! މިއީ ދެވޭ ހިތްވަރެއް! 

ރެޑިޓުގައި އިސްލާމް ދީން ޤަބޫލު ނުކުރާ ރާއްޖޭގެ ޒުވާނުން ތަކެއް ދީނާއި ދެކޮޅަށް ލިޔެން ފަށައިފިއެވެ. ރެޑިޓް އަކީ ސޯޝަލް މީޑިޔާ ސައިޓެކެވެ. އަދި އެއީ ދުނިޔޭގައި ނަން މަޝްހޫރު ސައިޓެކެވެ. ރެޑިޓްގެ Maldives ސަބް-ރެޑިޓް އަކީ މީގެ ކުރިން ރާއްޖެއަންނަ ފަތުރުވެރިން ރާއްޖެއާއި ގުޅޭ ގޮތުން މައުލޫމާތު ހޯދާ ގްރޫޕެއް ކަމުގައި ވީނަމަވެސް އެ ސަބް-ރެޑިޓްގައި އިސްލާމް ދީނާއި ދެކޮޅަށް ދީން ގަބޫލު ނުކުރާ ކަމަށް ބުނެ މީހުން ދަނީ ލިޔަމުންނެވެ.

ދިޔަވަރު ނޫހުން ބެލި ބެލުމުން ފާހަގަ ކުރެވުނީ މިކަމުގައި ހަރަކާތްތެރި ވަނީ ބޮޑަށް ޒުވާނުން ނޫނީ ޓީނޭޖް އުމުރުގެ ކުދިންކަމެވެ. މި ގޮތަށް ބެލެވެނީ ލިޔުމުގެ ސްޓައިލާއި، ދައްކާ ވާހަކަ ތަކުގެ މައްޗަށް ބިނާކޮށެވެ. މިކަމާއި ގުޅިގެން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަދި އަޅާފައިވާ ކަމަކަށް އެނގިފައެއް ނެތެވެ. އަދި މިކަން ސަރުކާރުގެ ސަމާލު ކަމަށް އައިސްފައި ވާހެންވެސް ހީނުވެއެވެ.

މިކަން ހުއްޓުވުމަށް ސަރުކާރުން ކުރެވިދާނެ ކަންކަން

  • ރެޑިޓްގައި ހުންނަ ސަބް-ރެޑިޓް ތަކަކީ އެ ސަބް-ރެޑިޓް ހެދި ފަރާތުން މޮޑެރޭޓް ކުރެވޭހެން ހުންނަ ގްރޫޕްތަކެވެ. އެހެންކަމުން ޕްލެޓްފޯމްގައި ދީނާއި ޚިލާފު ވާހަކަ ލިޔާނަމަ، ސަބް-ރެޑިޓް ހެދި ފަރާތް ދެނަގަނެ އެފަރާތް މެދުވެރިކޮށް ދީނާއި ދެކޮޅު ލިޔުންތައް ހުއްޓުވިދާނެއެވެ.
  • ސްކޫލްތަކާއި ގުޅިގެން ފުލުންގެ އިސްނެގުމާއި އެކު މަސައްކަތް ކޮށްފިނަމަ، މިލިޔުންތައް ލިޔާ ފަރާތްތައް ދެނެގަނެވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެފަދަ ފަރާތްތައް އަލުން ދީނުގެ ހެޔޮ މަގަށް ގެނައުމަށް މަސައްކަތް ކުރެވިދާނެއެވެ.
  • ދީނުގެ އަގު ވެއްޓޭހެން ދީނުގެ ނަމުގައި ސިޔާސީ މަސައްކަތް ކުރާ ގްރޫޕްތަކުގެ ސަބަބުން މިފަދަ ކަންކަމަށް މަގުފަހިވާ ކަމަށް ބެލެވޭނަމަ އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވެ، ސިޔާސީ ގޮތުން އަހުލާގު ދަށް ކަންކަމުގައި ދީނީ އިލްމުވެރިން ކަމަށް ބެލެވޭ ފަރާތްތައް އުޅުން ހުއްޓުވުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރުން.
  • ދަރިވަރުންގެ ސިކުޑި ދޮވެ، ކަނައަތު ފިޔާގެ ހައްދުފަހަނައެޅި ޤައުމިއްޔަތު ކިޔަވައި ދިނުމުގެ ނުރައްކަލުން ސްކޫލްތައް ސަލާމަތް ކޮށް، ދަރިވަރުންގެ އަގީދާ ވަރުގަދަ ވާހެން އިސްލާމީ ތައުލީމުގެ މަންހައްޖު ރަނގަޅު ކުރުން.
  • އިސްލާމް ކިޔަވައިދޭ ޓީޗަރުން ދަރިވަރުންގެ ޝައްކުތައް ފިލުވުމަށް، ކުރާ ސުވާލުތަކަށް އެދެވޭ ޖަވާބު ދިނުމަށް، ޓީޗަރުން ތަމްރީނު ކޮށް، އެފަދަ މައްސަލަތައް ކުރިޔާލައި ދެނެގަނެ، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ފުރިހަމަ ނިޒާމެއް އެކަށައެޅުން.

ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ގޮސް، އިސްލާމް ދީނާއި ގުޅުމެއް ނެތް ހަނގުރާމަތަކަށް މީހުން ދާހެން، ދީން ގަބޫލު ނުކޮށް ހައްދުފަހަނަ އެޅި ހިޔާލުތައް މުޖުތަމައުގައި ދިރުވަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ނުބައެކެވެ. މުއިއްޒުގެ ސަރުކާރުގެ ވިސްނުން ހުރީ އިސްލާމް ދީނުގެ އަގީދާ އިތުރުވާހެން ކަރިކިޔުލަމް ބަދަލު ކުރުމުގެ ބަދަލުގައި، އޭނާއަށް ސަޕޯޓް ކުރާ ޖީލެއް އުފެއްދުމަށް، ޅަކުދިންގެ ސިކުޑި ދޮވެލުމަށް ޤައުމިއްޔަތުގެ ނަމުގައި އާ މާއްދާއެއް ކިޔަވައިދޭން ފެށުމެވެ.

މިވަގުތު މުޅި ސަރުކާރުގެ އަހައްމިއްޔަތުކަން އޮތީ ވައްކަން ކޮށް މުއްސަނދިކަން ސީދާ މުއިއްޒުގެ ޖީބަށް ލުމަށެވެ. ބާކީ ތިބި ފަރާތްތައް ތިބީ އެ ވައްކަމުގެ ވާހަކަ ދައްކާ ނޫސްތަކާއި މެދު އަޅާނެ ފިޔަވަޅަކާއި މެދު މަޝްވަރާ ކުރުމުގައެވެ. ޤައުމުގައި ހިނގަމުންދާ ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވި، ރިސާރޗް ހެދި އެކަންކަމަށް ސަމާލުކަން ދީ ރައްޔިތުންނަށް ކަމެއް ކޮށްދޭން އުޅޭ ތަނެއް ހަމަ ނުފެނެއެވެ.