މުއިއްޒަކީ މާތް މަތިވެރި މީހެއް ކަމުގައި ދައްކައި، މުއިއްޒުގެ ވައްކަމާއި އަނިޔާވެރިކަމަށް ބަސް ބުނާހާ ބަޔަކީ ޤައުމުގެ ގައްދާރުން ކަމަށް ކަނޑައަޅައި، ދޭދޭ ޤައުމުތަކުގައި އޮންނަ ބައިލެޓްރަލް އެކުވެރި ގުޅުން ބަދަހި ކުރަން ބޭނުންވާ ފަރާތްތަކަކީ ޚާއިނުން ކަމަށް ނިންމައި، މި ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ފިކުރު އެތައްހާސް ދަރިވަރުންގެ ބޮލަށް ވައްދައި، ސިކުނޑިތައް ދޮވެ، އެތައް އަހަރަކަށް ވެރިކަން ކުރުމަށް ޤައުމިއްޔަތު ކިޔާ މާއްދާއެއް ސްކޫލްތަކަށް މުއިއްޒު ތަޢާރަފު ކުރަނީ، ޤައުމު ދެކެ ކުޑަވެސް ކުލުނެއް ހުރެގެނެއް ނޫނެވެ.
ދުނިޔޭގެ އެއްވެސް ޤައުމެއްގައެއް ޤައުމިއްޔަތު ކިޔާ މާއްދާއެއް ކިޔަވައެއް ނުދެއެވެ. އެއީ ހައްދުފަހަނައެޅި ކަނައަތު ފިޔާގެ ސިޔާސީ ފިކުރު ދަރިވަރުންގެ ހިތްތަކުގައި ބިންވަޅު ނެގުމުގެ ސަބަބުން ސްކޫލު ކުދިންތައް ސިޔާސީ ކަންކަމުގައި ހައްދުފަހަނަ އަޅާގޮސް، ހަމަ ނުޖެހުމާއި، އަނިޔާވެރި ކުރިމަތިލުން ތަކުގައި ބައިވެރިވެ، އެތައް ހާސް ބަޔަކު މިފަދަ ހާދިސާ ތަކުގައި މަރުވެފައި ވާތީއެވެ. ކަނައަތު ފިޔާގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ފިކުރު ކުރިއަރުވާ ކޮންމެ ތަނެއްގައި ކަން ހިނގާފައި އޮތީ މިފަދައިންނެވެ. މިއީ ތާރީޚް ދައްކާ ޙަޤީގަތެވެ.
ސަރުކާރުން ގްރޭޑް 4 ގެ ދަރިވަރުންނަށް ޤައުމިއްޔަތު މާއްދާއެއް ގޮތުގައި ކިޔަވައި ދިނުމަށް ތައްޔާރު ވަމުން ދާއިރު، މިހާރުވެސް ކޮންމެ ހަފްތާއަކު އެއްފަހަރު ސްކޫލުގައި ހާއްސަ އެސެމްބްލީއެއް ބާއްވައެވެ. މި އެސެމްބްލީ ތަކުގައި ކުރިއަށް އޮތްތާގައި ދައްކަން އޮތް ވާހަކަތަކަކީ، ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ފިކުރު ދިރުވުމަށް ދައްކާ ވާހަކަ ތަކެވެ.
ޤައުމިއްޔަތު ކިޔަވާ ދިނުމުގެ ބައެއް ނުރައްކާ
- ބައިބައިވުން އުފެދޭ ފިކުރުތައް ކުރިއެރުވުން: ގައުމިއްޔަތަކީ ތިމާގެ އަމިއްލަ ޖަމާއަތް ނުވަތަ ގައުމު، އެހެން ގައުމުތަކަށްވުރެ މަތިވެރިކަމަށް ބާރުއަޅާ ބައިބައިވުމުގެ ފިކުރެކެވެ. މިކަމުގެ ސަބަބުން އެކި ޖަމާޢަތްތަކަށް ނުވަތަ ޤައުމުތަކަށް ނިސްބަތްވާ ކަމަށް ބެލެވޭ މީހުންނާމެދު ހަމަނުޖެހުންތަކާއި ތަފާތުކުރުންތައް އުފެދިގެންދާނެއެވެ. ހާއްސަކޮށް ޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަކީ ދަށް ބައެއް ކަމަށް ބަލައި އެމީހުންގެ މައްޗަށް އަނިޔާވެރިކަން އިސްކުރުމާއި، ބޭރު ޤައުމުތަކަށް ގޮސް އެކުވެރިކޮށް އުޅުމުގެ އަސާސް ޅަފަތުގައި ގެއްލި އަނިޔާވެރި މީހަކަ މީހާ ބަދަލު ކޮށްލައެވެ.
- ވިސްނުމާއި ސުވާކު ކުރުމަށް ހުރަސްއެޅުން: ގައުމިއްޔަތު އުނގަންނައިދިނުމަކީ ޕްރޮގްރެސިވް އެޑިއުކޭޝަނަކަށް ކޮންމެހެން ބޭނުންތެރި ކްރިޓިކަލް ވިސްނުމާއި ސުވާލު ކުރުން ހުއްޓުވައި، ވަކި ފިކުރެއް ނޫން ހުރިހާ ފިކުރެއް ގޯސްކަމަށް ނިންމާ، ކަންކަން ހޯދައި ބެލުމަށް އަޅާ ހުރަހެކެވެ. ފިކުރުކުރުމާއި، ވިސްނައިގެން ކަންކަން ކުރުން ހުއްޓުވުމަށް ކިޔަވައިދޭ މާއްދާއެކެވެ.
- ދައުލަތަށް ކަނު ވަފާތެރިކަން އުފެދޭ ގޮތަށް ގައުމިއްޔަތު އުނގަންނައިދީފިނަމަ، އެކަމުގެ ސަބަބުން، ޚިޔާލު ތަފާތުވާ އަޑުތައް ކަނޑުވާލަން އެކުދިން ބޭނުން ކުރާނެއެވެ.
- ހަމަނުޖެހުން ހިންގުމުގެ ފުރުޞަތު: ބައެއް ޙާލަތްތަކުގައި، ޤައުމިއްޔަތު ކުރިއެރުވުމުގެ ސަބަބުން، ޗައިނާގެ ޘަޤާފީ އިންޤިލާބު (1966-1976) އިން ފެންނަ ފަދައިން، ހަމަނުޖެހުންތަކާއި، ސިޔާސީ ހަލަބޮލިކަމަށް އިތުރުވެގެން ދެއެވެ. ޗައިނާގެ ސަގާފީ އިންގިލާބުގައި ދަރިވަރުން ބައިވެރިވެ، މައިންބަފައިން ހައްޔަރުކޮށްފައިވެއެވެ.
ޤައުމިއްޔަތު ކިޔެވުމުގެ ބަދަލުގައި ތަފާތު ސަޤާފަތްތައް ދެނެގަނެ، ޞުލްޙަވެރި އެއްބައިވަންތަ، އަދި ތަފާތުތަކުގެ މައްޗަށް ކެތްތެރިކަން (ޓޮލަރަންސް) އިސްކުރަން ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ރިވެތި އާދަތައް އުނގަންނައި ދޭނަމަ، އުގަންނައި ދޭންވީ އިސްލާމީ ރިވެތި އާދަތަކެވެ. އިސްލާމީ މަންހައްޖު ފުޅާކޮށް، އެކުވެރި ކަމާއި، އެއްބައިވަންތަކަމާއި، އަވަށްޓެރިންނަށް ކަމޭ ހިތުމުގައި ދީނުގައި ހުރި ސަވާބާއި ހެޔޮ ދަރުމައިގެ އުފާވެރި ޚަބަރުތަކުން ދަރިވަރުންގެ އިސްލާމީ ތަރަހަ ވަރުގަދަކުރުމެވެ. އީމާން ކަން އިތުރުކޮށް، ދުނިޔެ އަށް ލޯހުޅުވޭ، އެހެނިހެން ފިކުރުތަކުގެ މައްޗަށް ކެތްތެރިކަން އިސްކުރާ، އުފެއްދުންތެރި، އޯގާތެރި ރައްޔިތެއް އުފެއްދުމުގެ މަސައްކަތެވެ.
ކްރިޓިކަލް ވިސްނުން ކިޔަވައި ދީ، ކަންކަން ވިސްނުންތެރިކަމާއި އެކު ނިިންމުމުގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައި ދެވިދާނެއެވެ. ނަމަވެސް އެކަން ކޮށްފިނަމަ، މުއިއްޒު މި ގެންނަ ހައްދުފަހަނަ އެޅު ޤައުމިއްޔަތަކީ ނުރައްކާތެރި ވަބާއެއްކަމަށް ދަރިވަރުންނަށް ވިސްނިދާނެ ކަމަށް ވެސް ކްރިޓިކަލް ތިންކިންގ ކިޔަވައެއް ނުދޭނެއެވެ.
ޤައުމިއްޔަތަކީ އިސްލާމް ދީނުގައި އޮންނަ އެއްޗެއް ނޫނެވެ. އިސްލާމް ދީނުގައި އޮތީ އިސްލާމީ އުއްމަތެވެ. މުއިއްޒަށް އަޅުކަން ކުރަން ޖެހޭ ފިކުރެއް ނުވަތަ މުއިއްޒުގެ ސިޔާސީ ކުރިމަގަށް މަގުކޮށާ ހައްދުފަހަނަ އެޅި ޤައުމިއްޔަތު ދިރުވުމަކީ، މައުމޫނަކީ ކަލާންގެ ކަމަށް ކުޑަކުދިންނަށް ހީވުނު ޒަމާން އަލުން އިއާދަ ކުރަން މުއިއްޒު އުޅުމެވެ. އެއަށްވުރެ އެތައް ގުނައެއް ނުބައިކޮށެވެ. މައިންބަފައިން ނުކުމެ، ތިމާގެ ދަރިން މިކަމުން ސަލާމަތް ކުރާށެވެ. އެއީ ސްކޫލުގަައި މުޒާހަރާ ކުރަން ޖެހުނުކަމުގައި ވިޔަސް މެއެވެ.