ޚަބަރު

ފްލެޓުތައް މައްސަލައިގައި މުޒާހަރާ ކުރަން ދިޔަ މީހުން، މުއިއްޒުގެ އޯޑަރަށް ފުލުހުން ވަނީ އަނިޔާވެރިކަމާއި އެކު އޭސީސީން ނެރެލާފައި

ދިޔަވަރު
ފްލެޓުތައް މައްސަލައިގައި މުޒާހަރާ ކުރަން ދިޔަ މީހުން، މުއިއްޒުގެ އޯޑަރަށް ފުލުހުން ވަނީ އަނިޔާވެރިކަމާއި އެކު އޭސީސީން ނެރެލާފައި

ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮސް މުޒާހަރާ ކުރަން ފެށުމުން ރަޔަޓް ފުލުހުންގެ ޓީމެއް ގޮސް މުޒާހަރާގެ ބައިވެރިން އެތަނުން ނެރެލައިފި އެވެ. 

ބޯހިޔާވަހިިކަމުގެ ސްކީމެއްގެ ދަށުން ކުރީ ސަރުކާރުގައި 4000 ދޫކުރި ނަމަވެސް އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އޭސީސީން ދަނީ އެ މައްސަލަ ބަލަމުންނެވެ. މައްސަލަ ބަލައި ނިމުމުން ނޫނީ އެއްވެސް ފްލެޓެއް ދޫނުކުރަން ކޮމިޝަނުން އޮތީ ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.

"އަހަރުމެން ޑިމާންޑު ކުރީ މައްސަލަ ބަލައި ނިމޭނެ ތާރީހެއް ދޭށޭ. ހެނދުނު 10:30 ގައި ދިޔައީ. 2:30 ގަ ވެސް އެއްވެސް ޖަވާބެއް ނުދިން. ދެން ފުލުހުން އައިސް އަހަރުމެން ގަދަކަމުން ގެންދިޔައީ،" ފްލެޓު މައްސަލައިގައި ވަކާލާތު ކުރާ އިސްމާއިލް ނާއިފް ބުންޏެވެ. 

މިއަދު އޭސީސީއަށް ދިޔަ 30 ވަރަކަށް މީހުންގެ ތެރެއިން ގިނައީ އަންހެނުންނެވެ. ފުލުހުން އެމީހުން ބޭރު ކުރަން އުޅުނު ވަގުތު ދެ މީހަކަށް ހާނީއްކަވި ކަމަށް އިސްމާއިލް ބުންޏެވެ. ނަމަވެސް އެކަކަށް ވެސް ބޮޑު ގެއްލުމެއް ނުވާ ކަމަށް އޭނާ ބުންޏެވެ. 

ފްލެޓު މައްސަލައިގައި މުޒާހަރާ ކުރާ މީހުން ކައިރި އޭސީސީން މިދިޔަ ހަފުތާގައި ބުނީ ފްލެޓު މައްސަލައިގެ 96 ޕަސެންޓު މިހާރު ބަލައި ނިމިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އެއްކޮށް ބަލައި ނިމޭނެ ތާރީހެއް މިއަދު ވެސް އޭސީސީއަކުން ނުދެ އެވެ.

އޭސީސީން ފްލެޓުތަކުގެ މައްސަލަ ބަލަމުންދާއިރު، މީގެ ކުރިން މުޒާހަރާގެ ބައިވެރިން އެ އޮފީހަށް ދިޔުމުން ދެ ހަފުތާގެ ތެރޭގައި ފްލެޓާއި ގޯތީގެ ރަޖިސްޓްރީ ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެެވެ. ނަމަވެސް ދޫކުރަން ވިދާޅުވި ތާރީހު މިދިޔަ ހަފުތާގައި ވަނީ ހަމަވެފަ އެވެ.