ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސްއަކަށް ބަދަލުކޮށް އެ ބޯޓުގައި ބަލި މީހުން ތައިލޭންޑަށް އުފުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަކޮޅު މަލްޓިމީޑިއާ ސްލައިޑެއްގައި ލިޔުމަށްފަހު ރައީސް އޮފީހުގެ ޓުވިޓާރގައި ޕޯސްޓުކުރުމަށްފަހު, އެ މަރުކާގެ ބޯޓުތަކަށް ރާއްޖެއިން އުދުހިފައި ތައިލޭންޑާއި ހަމައަށް ނުދެވޭނެކަން ޔަގީވުމުން, އެ ޕޯސްޓު ރައީސް އޮފީހުގެ ވެބްސައިޓުން ޑިލީޓް ކޮށްފިއެވެ.
ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅަށްފަހު މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވެފައިވަނީ, ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއަރ އެމްބިއުލާންސަކަށް ބަދަލުކޮށް ރާއްޖެއިން ބަލިމީހުން ގެންދާނީ ސިދާ ތައިލޭންޑަށް ކަމުގައެވެ.
މުއިއްޒުގެ މި ވާހަކަކޮޅު ގްރެފިކްސް ސްލައިޑެއްގެ ގޮތަށް ފަރުމާ ކުރުމަށްފަހު، ރައީސް އޮފީހުން އެކްސްގައި ފުރަތަމަ ޕޯސްޓު ކުރީ މިއަދު މެންދުރުފަހު 2:59 ގަ އެވެ. އެ ޕޯސްޓު ޑިލީޓު ކުރުމަށްފަހު ދެވަނަ ޕޯސްޓެއް ހަވީރު 5:45 ގައި ވެސް ރައީސް އޮފީހުގެ އެކްސް އެކައުންޓުން ކުރި އެވެ. ނަމަވެސް އެ ޕޯސްޓުވެސް މިހާރު ވަނީ ޑިލީޓު ކޮށްފަ އެވެ.
ޑޭޝް-8 މަރުކާގެ މަތިންދާބޯޓުގައި ތައިލޭންޑަށް ބަލި މީހުން އުފުލާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިނަމަވެސް, އެމަރުކާގެ ބޯޓުތަކަކީ ރާއްޖެއިން ސީދާ ރޫޓެއްގައި ތައިލޭންޑާއި ހަމައަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓުތަކެއް ނޫނެނެވެ.
މޯލްޑިވިއަނުން މިހާރު ބޭނުންކުރާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސްއަކަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާއިރު، މޯލްޑިވިއަންއިން ބޭނުންކުރާ ޑޭޝް-8 މަރުކާގެ ބޯޓުތަކަކީ ނުހުއްޓި ރާއްޖެއާ ތައިލޭންޑާ ދެމެދު ހުންނަ ދުރުމިނަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެއް ނޫނެވެ. ރާއްޖެއާ ތައިލެންޑާ ދެމެދު 1966 މޭލު ނުވަތަ 3,165 ކިލޯމީޓަރު ހުންނައިރު، ޑޭޝް 8-200 ރޭންޖަކީ 1065 މޭލު ނުވަތަ 1713 ކިލޯމީޓަރެވެ. އަދި ޑޭޝް 8-300 ރޭންޖަކީ 968 މޭލު ނުވަތަ 1557 ކިލޯމީޓަރެވެ.