ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮސް, ހައްގު ހޯދުމަށް މުޒާހަރާ ކުރަން ފެށުމުން ރަޔަޓް ފުލުހުންގެ ޓީމެއް ގޮސް މުޒާހަރާގެ ބައިވެރިން އެތަނުން އަނިޔާވެރިކަމާއެކު ނެރެލާފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި, އަދި އެތަނުގައި ތިބި ފިރިހެން ފުލުންހުގެ ކުރިމަތީގައި އެކަނބަލުންގެ އިއްފަތްތެރިކަމަށްވެސް އަރައިގެންފައިވާކަމަށް, އިހުތިޖާޖުކުރި ބައެއް އަންހެން ކަނބަލުން ބުނެފިއެވެ.
ބޯހިޔާވަހިިކަމުގެ ސްކީމެއްގެ ދަށުން ކުރީ ސަރުކާރުގައި 4000 ފްލެޓް ދޫކުރި ނަމަވެސް އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އޭސީސީން ދަނީ އެ މައްސަލަ ބަލަމުންނެވެ. މައްސަލަ ބަލައި ނިމުމުން ނޫނީ އެއްވެސް ފްލެޓެއް ދޫނުކުރަން ކޮމިޝަނުން އޮތީ ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.
އެހެންނަމަވެސް, އެއީ އެމްޑީޕީގެ ސަރުކާރުން ދިން ފްލެޓް ތަކަކަށް ވާތީ މިސަރުކާރުން ގަސްތުގައި ލަސްކުރަމުންދާކަމަށް ފްލެޓް ލިބުނު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އަހަރުމެން ޑިމާންޑު ކުރީ މައްސަލަ ބަލައި ނިމޭނެ ތާރީހެއް ދޭށޭ. ހެނދުނު 10:30 ގައި ދިޔައީ. 2:30 ގަ ވެސް އެއްވެސް ޖަވާބެއް ނުދިން. ދެން ފުލުހުން އައިސް އަހަރުމެން ގަދަކަމުން ގެންދިޔައީ.
ފްލެޓު މައްސަލައިގައި ވަކާލާތު ކުރާ އިސްމާއިލް ނާއިފް ބުންޏެވެ.
މިއަދު އޭސީސީއަށް ދިޔަ 30 ވަރަކަށް މީހުންގެ ތެރެއިން ގިނައީ އަންހެނުންނެވެ. ފުލުހުން އެމީހުން ބޭރު ކުރަން އުޅުނު ވަގުތު ދެ މީހަކަށް ހާނީއްކަވި ކަމަށް އިސްމާއިލް ބުންޏެވެ. ނަމަވެސް އެކަކަށް ވެސް ބޮޑު ގެއްލުމެއް ނުވާ ކަމަށް އޭނާ ބުންޏެވެ.
މިއަދު ފުލުހުން އަނިޔާވެރިކަމާއެކު ނެރުނު ބައެއް އަންހެން ކަނބަލުން "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އެކަނބަލުން ގަދަކަމުން އޭސީސީން ނެރުނު އަންހެން ފުލުހުން އެކަނބަކުން އިތްފަތްތެރިކަމަށްވެސް އަރައިގެންފައިވާ ކަމަށާއި, އަދި އެކަނބަލުންގެ އައުރަވެސް ކަޝްފުކޮށް ހަދާފައިވަނީ އެތަނުގައި ބަލަހައްޓައިގެންތިބި ފިރިހެން ފުލުހުންގެ ކުރިމަތީގައި ކަމުގައެވެ.
އެމީހުން ވަނީ އަހަރެމެންގެ އިތްފަތްތެރިކަމަށްވެސް އަރައިގެންފަ. އައުރަވެސް ކަޝްފު ކުރި. ފިރިހެން ފުލުހުން ތިބީ ބަލަހައްޓައިގެން ހޭން.
މިއަދުގެ މުޒާހިރާގައި ބައިވެރިވި އަންހެން ކަނބަލަކި ބުންޏެވެ.
ފްލެޓު މައްސަލައިގައި މުޒާހަރާ ކުރާ މީހުން ކައިރި އޭސީސީން މިދިޔަ ހަފުތާގައި ބުނީ ފްލެޓު މައްސަލައިގެ 96 ޕަސެންޓު މިހާރު ބަލައި ނިމިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އެއްކޮށް ބަލައި ނިމޭނެ ތާރީހެއް މިއަދު ވެސް އޭސީސީއަކުން ނުދެ އެވެ.
އޭސީސީން ފްލެޓުތަކުގެ މައްސަލަ ބަލަމުންދާއިރު، މީގެ ކުރިން މުޒާހަރާގެ ބައިވެރިން އެ އޮފީހަށް ދިޔުމުން ދެ ހަފުތާގެ ތެރޭގައި ފްލެޓާއި ގޯތީގެ ރަޖިސްޓްރީ ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެެވެ. ނަމަވެސް ދޫކުރަން ވިދާޅުވި ތާރީހު މިދިޔަ ހަފުތާގައި ވަނީ ހަމަވެފަ އެވެ.