ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމާއެކު, "އޭ މިހިރަ ދިދަޔާއޭ" ނިސްބަތްކޮށް ވިދާޅުވީ "ތިބާއަށް އަހުރެން" ކުރުނީސް ކުރާން ބޭނުންވާ ކަމަށެވެ.
އެއަށްފަހު ދެން ވިދާޅުވީ އާންމު ރައްޔިތުންނާއި ކިޔަވާ ކުދިންގެ ހިތްތަކުގައި ވަތަނީ ލޯބި އާލާކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާން ބޭނުންފުޅު ވާކަމުގައެވެ.
އެއަށްފަހު ސަރުކާރުގެ ތައުލީމީ ވުޒާރާއިން މިހާރުވަނީ "ގައުމިއްޔަތު"ގެ ނަމުގައި މުޅިން އާ މާއްދާއެއް އެކުލަވާލާ, އަންނަ އަހަރު އެމާއްދާ ދިވެހި ދަރިވަރުންނަށް ކިޔަވާދޭން ފެށުމަށް ތައްޔާރު ވަމުންނެވެ.
އެހެންނަމަވެސް, ރާއްޖޭގެ ތައުލީމީ ނިޒާމަށް މުއިއްޒު ގެންނަވަން މަސައްކަތް ކުރަމުންދާ މި ބޮޑު ބަދަލާއި ގުޅޭގޮތުން އެތައް ބަޔަކު ދަނީ ޝައްކުގެ ނަޒަރަކުން ދެކެމުންނެވެ. ވަތަނީ ލޯބި ކިޔަވާ ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަގުސަދުގައި ރައީސް މުއިއްޒުގެ މި ފެއްޓެވި މަސައްކަތްޕުޅާމެދު ގިނަ ބަޔަކު ދަނީ ބޮޑެތި ތުހުމަތުތަކެއް ކޮށް ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ.
މިގޮތުން ގިނަ ބަޔަކު އުފައްދާ ސުވާލަކީ, ދިވެހި ދަރީންގެ ހިތްތަކުގައި ވަޡަނީ ލޯތްބާއި ރޫޙު އުފެއްދުމަށް ރައީސް މުއިއްޒު ފޫގަޅުއްވާލައްވައިގެން ހުންނެވިއިރު ޚުދު އެމަނިކުފާނުގެ ހިތްޕުޅުގައި ގައުމަށް އޮތީ ކިހާވަރެއްގެ ލޯތްބެއްތޯއެވެ.
މުއިއްޒުގެ ހިތްޕުޅުގައި ގައުމީ ލޯތްބެއް ނެތް, ވެރިކަން ކުރައްވަނީ ޗައިނާގެ ގޮނޑިކޮއްކެ ރައީސެއްގެ ގޮތުގައި!
"އޭ މިހިރަ ދިދަޔާއޭ" ނިސްބަތްކޮށް ދިވެހި ދިދައަށް ނިސްބަތްކޮށް "ތިބާއަށް އަހުރެން" ކުރުނީސް ކުރަމޭ ވިދާޅުވި މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ފައިސާގެ ދަހިވެތިކަމުގައި ވެއްޓިވަޑައިގަތީ ޗައިނާގެ އުނގަށެވެ. ޗައިނާގެ އަސްކަރީ ބޭސްއެއް ގާއިމްކުރުމަށް އެގައުމާއެކު ސިއްރު އެއްބަސްވުމެއްގައި ސޮއިކޮށް, މިހާރުވެސް ހުންނެވީ ދިވެހި ގައުމުގެ އިސްތިގުލާލު ގުރުބާން ކުރައްވައިގެންނެވެ.
އަދި ރާއްޖޭގެ އެތައް ޕްރޮޖެކްޓެއް އާންމުކޮށް އިއުލާން ކުރުމަކާވެސް ނުލާ ޗައިނާގެ ބޮޑެތި ކުންފުނިތަކަށް ދެއްވައިގެން, މުއިއްޒު ހުންނެވީ އެކުންފުނިތަކުން, ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ކޮރަޕްޝަންގެ ފައިސާވެސް ބޮޑު އަދަދުން ނަންގަވައިގެންނެވެ.
އެވަރުންވެސް ފުދުނީއެއް ނޫނެނެވެ. ޗައިނާއައެކީ ދަނޑުވެރިކަމާއި, ފުޑް ސެކިއުރިޓީއާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށް, އަދުގެ ދުނިޔޭގައި ގައުމަކަށް އެންމެ މުހިންމު އެއް ރައްކާތެރިކަން ކަަމަށްވާ, ދިވެހި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަންވެސް ހުންނެވީ ޗައިނާއަށް ހިބަކޮށް ދެއްވައިގެންނެވެ.
ގައުމީ ލޯތްބެއް, ގައުމަށް ކުޑަވެސް ކުލުނެއް ހިތުގައި އޮތް މީހަކަށް މިބީދައިން ގައުމު ގުރުބާން ކޮށްލަން ކެރިވަޑައިގަންނަވާނޭތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލަމާތޯއެވެ. އަމިއްފުޅު ހިތްޕުޅުގައި ވަޡަނީ ލޯބި ނެތްމީހަކަށް އަނެކުންގެ ހިތްތަކުގައި ވަޡަނީ ލޯބި އަށަގެންނެވޭނީ ކޮން ބީދައަކުންތޯ މިއީވެސް މިއަދު ޖަވާބު ހޯދާން ޖެހިފައިވާ ސުވާލެކެވެ.
ގައުމިއްޔަތަކީ ޗައިނާގެ ޚުދުމުޚްތާރު ވެރިކަމުން އެގައުމުގެ ރައްޔިތުން އަޅުވެތިކުރާ ސިޔާސަތު!
ދިވެހިން އެތައް ޒަމާނެއް ވަންދެން ދިވެހި ގައުމުދެކެ ލޯބިވެމެ, އަދި ދިވެހިވަންތަ ކަންމަތީގައި ދިރިއުޅެމުން ދަނިކޮށް, ކުއްލިއަކަށް ޅަ ދަރީންގެ ހިތްތަކުގައި "ގައުމިއްޔަތުގެ ލޯބި" އަށަ ގެންނެވުމަށް ރައީސް މުއިއްޒު އަވަސްވެގަތީ ކޮން ސަބަބަކާ ހެދިތޯ މިއީވެސް މިއަދު ގިނަ ބައެއްގެ ހިތްތަކުގައި އުފެދިފައިވާ ވަރަށް ބޮޑު ސުވާލެކެވެ.
އަދުގެ ދުނިޔޭގެ ގައުމުތަކަށް ބަލާއިރު, ގައުމިއްޔަތުގެ ހައްދުފަހަނައެޅި ފިކުރިއްޔާތު އެންމެ ބޮޑަށް ދިރުވާ އާލާ ކުރަމުންދަނީ ޚުދުމުޚްތާރު ވެރިކަންތައް އޮތް ގައުމުތަކުގައެވެ. އޭގެ ތެރެއިންވެސް އެންމެ އަރާ އޮތް ގައުމަކީ ޗައިނާއެވެ. އެގައުމަކީ ޚުދުމުޚްތާރު ކޮމިއުނިސްޓް ވެރިކަމެއް އޮތް ގައުމެކެވެ.
ވެރިކަމުގައި ހުންނެވި ޝީޖިން ޕިން ހުންނެވީ އުމުރަށް ވެރިކަން މުށުތެރެއަށް ލައްވައިގެންނެވެ. އެގައުމުގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމެއް ނެތެވެ. ޗައިނާއަކީ ސޯޝަލް މީޑިއާގެ ވަސީލަތުންވެސް ދުނިޔެއަށް ހުޅުވާލެވިފައި އޮތް ގައުމެއް ނޫނެވެ. އެގައުމުގައި ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތެއް އޮންނަނީ ބްލޮކް ކޮށްފައެވެ. ސަރުކާރަށް ފާޑުކިޔާ ނޫސްވެރިން ތިބެނީ ޖަލަށް ލާފައެވެ.
ހަމައެއާއެކު ޗައިނާއަކީ މިވަގުތު ދުނިޔޭގައި އޮތް, އެގައުމުގެ ދިރިއުޅޭ މުސްލިމުންނާ ދޭތެރޭ, އިސްރާއީލު ފިޔަވާ އެންމެ އަނިޔާވެރިކޮށް އަމަލުކުރަމުންދާ ގައުމެވެ. އެގޮތުން އެގައުމުގެ 11 މިލިއަން މުސްލިމް އާބާދީ އެއްސަރަހައްދަކަށް ޖަމާކޮށް, އެއީ މުސްލިމުންގެ ޖަލަކަށް ގޮތުގައި ޗައިނާ ސަރުކާރުން ވަނީ ހަދާފައެވެ. އެތަނުގައި މުސްލިމުންނަށް ދަނީ ލާއިންސާނީ އަނިޔާ ދެމުންނެވެ. އަދި އެގައުމުގެ ޒިން ޖިއާން ސިޓީ ފިޔަވާ އެހެން ހުރިހާ ސިޓީއެއްގައި ޗައިނާއިން ދަނީ މިސްކިތްތައްވެސް ބަންދު ކުރަމުންނެވެ.
އެއީ ޗައިނާގެ "ގައުމިއްޔަތު"ގެ ސިޔާސަތެވެ. ގައުމިއްޔަތަކީ ހަގީގަތުގައި ރައްޔިތުން އަޅުވެތިކޮށް, ޚުދުމުޚްތާރުކޮށް ވެރިކަން ކުރުމުގެ ވިސްނުން ގެންގުޅޭ ވެރީން އަދުގެ ދުނިޔޭގައި ހިންގަމުންދާ ސިޔާސަތެކެވެ. ފިކުރެކެވެ.
ކިޔަވާ ދޭންވީ "އިންސާނިއްޔަތު"ގެ މާއްދާ!
އަދުގެ ދުނިޔެއަކީ ހުޅިވިފައިވާ ދުނިޔެއެކެވެ. ޓެކްނޮލޮޖީއާއި މުއާސަލާތުގެ ވަސީލަތްތަކުންނެވެ. އިންސާނުންގެ ސިނކުޑިތައްވީ ހުޅުވާށެވެ. އަމިއްލަ ގައުމުގެ އަސްކަނިން ބޭރަށް ވިސްނުމާއި ފިކުރު ދަތުރު ކޮށްގެން މެނުވީ މިއަދު ތަރައްގީއެއްވެސް ތަމައްދުނެއްވެސް ނުހޯދޭނެއެވެ.
އެކަން ކުރެވެން އޮތީ އެކަކު އަނެކަކަށް އޯގާތެރިވުމާއި, އެހީތެރިކަން ފޯރުކޮށް ދިނުމުގެ ރޫހު ހިތްތަކުގައި އުފެއްދިގެންނެވެ. ދުނިޔެއާއި ގުޅިލާމެހިގެން ތިބުމުގެ ފިކުރެވެ. އަނެކުންގެވެސް ހައްގުތަކެއް ވާކަމާއި, ތިމާމެންނާވެސް އެއް ސަފެއްގައި އަނެކުންނަށްވެސް ދިރިއުޅުމެގެ ހައްގު އޮންނާން ޖެހޭނެކަމުގެ ފިކުރެވެ. ބަވަނަ ވެފައިވާ ދުނިޔެއެއްގައި ވަކިވެގަތުމަކީ ކުރިއަރައިންދިއުމަށް އެޅޭ ހުރަހެއްކަމުގައި ގަބޫލުކުރެވޭނީ އިންސާނިއްޔަތު ކަމުގެ ސިފަ ތިމާމެންގެ ކިބައިގައި އަށަގެންނެވިގެންނެވެ.
އެރޫހު އުފެއްދުމުން އަމިއްލަ ގައުމު ދެކެވެސް ލޯބިކުރާނެއެވެ. ހުޅުވިފައިވާ ސިކުނޑިއަކުން ކަންކަމާ ދޭތެރޭ ފިކުރުކޮށް ވިސްނާނެއެވެ.
އޭގެ ބަދަލުގައި, ގައުމިއްޔަތާއި ވަޡަނިއްޔަތުގެ ނަމުގައި އަމިއްލަވަންތަ, ހައްދުފަހަނައެޅި ފިކުރަށް އެންމެ ޅަފަތުގައި ލޯބި ޖެނުމުން އެ ގެއްލިގެން ދަނީ އަނެކުންނަށް އިހުތިރާމް ކުރުމުގެ މާތް ސިފައެވެ. ތިމާ ނޫން ބަޔަކު ދިރިއުޅެން ނުޖެހޭނެކަމަށް ބަލާ, އެ އުފަން ކުރެވެނީ ސަފުން ބާކީވެގެން ތިބުމުގެ ޚިޔާލާތާއި އޭގެ ފިކުރުތަކެވެ.
އޭގެ ނަތީޖައަކަށްވަނީ, އަމިއްލަ ގައުމުގައި ތިމާމެން އަޅުވެތިވެގެން ތިބުމެވެ. ވެރިމީހާ ދިނީމަ ނޫނީ ކައިގެން ބޮއިގެންވެސް ނޫޅެވޭނެކަމަށް ބަލާއި, ހައްދު ފަހަނައެޅި ގައުމިއްޔަތެއްގެ ހިޔަނީގައި ތިބުމެވެ. އެ އެޅިގެންދަނީ ޚުދުމުޚްތާރު ވެރިކަމުގެ ބިންގަލެވެ.