އިއްޔެގެ ވަގުތެއްގައި އެމަރޖެންސީކޮށް ގއ. ވިލިގިލިން މާލެ ގެނެސްފައިވާ ހާލު ބޮޑު ބަލިކުއްޖާ ހާލު ވަރަށް ދެރަކަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.
ގއ. ވިލިގިލީ އަތޮޅު ހޮސްޕިޓަލުގައި, ވެންޓިލޭޓަރުގައި އޮތް ހާލުބޮޑު ބަލި ބަލިކުއްޖާ އެރަށުން ފުރުވާލުން ލަސްވެގެން ހޮށްޕިޓަލް ދޮށަށް ގިނަ ބަޔަކު އިއްޔެ އެއްވެ މުޒާހިރާ ވެސް ވަނީ ކޮށްފައެވެ.
އެރަށުން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން މީހަކު އިއްޔެ ކިޔައިދިން ގޮތުގައި ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލިކުއްޖާ އިއްޔެ ރެއިއްސުރެ އޮތީ ވެންޓިލޭޓަރުގައެވެ.
އެހެންނަމަވެސް އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓުގައި އޭނާ މާލެ ގެންދިއުމަށް ސަރުކާރުން ދެކޮޅުހަދާ, މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކުރުމަށް ކުރި މަސައްކަތުގައި އެތައް ވަގުތެއް ހޭދަވުމުގެ ސަބަބުން ވިލިގިލީގެ އަތޮޅު ހޮސްޕިޓަލުގައި އެކުއްޖާގެ ހާލު ދިޔައީ ދެރަވަމުންނެވެ.
ބަލި ކުއްޖާގެ ހާލު ދެރަވެ, މާލެ ނުގެނެވި ލަސްވެގެން ދިޔައިރު, ޑޯނިއަރ މަތިންދާ ބޯޓު އޮތީ ބަލިކުއްޖާ ގެންދިއުމަށް ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ އެކުއްޖާ ގެންދިއުމަށް އިންޑިއާގެ އެއްވެސް އުޅަނދެއްގެ ބޭނުންކުރުމަށް ދެކޮޅު ހަދާފައެވެ.
ޑޯނިއަރ މަތިންދާ ބޯޓު ބޭނުން ކުރެވެން އަންނަނީ ސީދާ ރައީސް މުއިއްޒުގެ ހުއްދަ ލިބުމުންނެވެ.
އޭގެ ބަދަލުގައި މޯލްޑިއަންގެ ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް އިއްޔެ ރެއިން ފެށިގެން ކުރަމުން ގޮސްފައިވާކަމަށްވެސް ވިލިގިލީ އަތޮޅު ހޮސްޕިޓަލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވެފައި ވެއެވެ.
މިމައްސަލާގައި ހިންހަމަ ނުޖެހުން ފާޅުކޮށް, ރައްޔިތުން ވަނީ އެރަށު އަތޮޅު ހޮސްޕިޓަލްގެ ނަން ”ހެލްތު ޕޯސްޓު“ގެ ނަމަށް ބަދަލު ކޮށްފައެވެ.
ވިލިގިލިން ހާލުބޮޑު ބަލިކުއްޖާ މާލެއަށް ފުރުވާލެވުނީ އިއްޔެގެ އިރުއޮއްސެން އުޅެނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި, މިހާރު މާލޭގައި ފަރުވާ ދެވެމުންދާ ބަލިކުއްޖާގެ ހާލު ރަގަޅުނުވެ, ދަނީ މަރާއި ހަނގުރާމަ ކުރަމުންނެވެ. އެކުއްޖާއަކީ ވިލިގިލީ ސްކޫލުގެ ގްރޭޑް 7 ގައި ތައުލީމު ހާސިލްކުރާ, އުމުރުން 14 އަހަރުގެ ކުއްޖެކެވެ.
ދިވެހި ރައްޔިތެއްގެ ފުރާނައަށް ނުރައްކާ ވެއްޖެ ހާލަތެއްގައި ބޭނުން ކުރެވެން އޮތް ކޮންމެ ވަސީލަތެއްގެ ބޭނުން ކުރުމަކީީ ގާނޫނު އަސާސީން ސަރުކާރަށް ލާޒިމް ކޮށްފައިވާ ކަމެކެވެ. އެހެންނަމަމެވެސް ރައީސް މުއިއްޒު ގެންދަވަނީ އެފަދަ ހާލަތްތަކުގައިވެސް އިންޑިއާގެ ޑޯނިއާރއާއި ހެލިކޮޕްޓަރ ބޭނުން ކުރަން ދެކޮޅު ހައްދަވަމުންނެވެ.
އަދި މުއިއްޒުވަނީ ޗައިނާގެ އެންގުމަށް, އިންޑިއާ ސިފައިންނާއި ޑޯނިއަރ އަދި ހެލިކޮޕްޓަރވެސް 15 މާރޗްގެ ކުރިން ރާއްޖެއިން ބޭލުމަށް އަންގާފައެވެ.