އިސްލާމީ މަރުކަޒުގެ ފުރާޅުތައް ހަލާކުވެ، މިސްކިތް ތެރެއަށް ވާރެ ވެހޭތީ ޓިނުތައް ބަދަލުކުރުމުގެ މަސައްކަތް އަގުބޮޑުކޮށް ބަޔަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދަން ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާކަން އެނގުނީ އެމަސައްކަތް ކުރިޔަށްދާކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޓުވީޓު ކުރެއްވުމުންނެވެ.
އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރާޅުގެ ހުރިހައި ފަރާތެއްގެ ޓިނުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން، އެތެރެއަށް ވާރެ ވެހޭތީ ވިއްސާރަ ދުވަސްތަކުގައި މިސްކިތް ތެރޭގައި ހުންނަނީ ބަލިދީ ބަހައްޓާފައި ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރާޅުގައި ޖަހާ ޓިނު ލިބެނީ ބޭރުން ކަމަށާއި ޓިނުތައް ބަދަލުކުރުމުގެ މަސައްކަތަށް 2 މިލިއަން ރުފިޔާ ހަރަދުވާކަމަށެވެ.
އެހެންނަމަވެސް މިދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒުގެ ޓިނު ބަދަލު ކުރުމުގެ މަސައްކަތަށް ގިނަވެގެންވެސް ޚަރަދުވާނީ 6 ރުފިޔާ ކަމަށެވެ. "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އިސްލާމިކު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން ޓިނު ގެންނައިރު, މިސްކިތުގައި ޖަހާ ޓިނުތައް ގެންނަނީ ޝަހީމްއާއި ގާތްކަން އޮންނަ ކުންފުންޏަކުން ކަމަށާއި, މަސައްކަތް ހަވާލުކޮށްފައިވަނީވެސް އާދަޔާ ޚިލާފަށް އަގުބޮޑުކޮށް ޝަހީމްއާއި ގުޅުން އޮންނަ ކުންފުންޏަކަށް ކަމަށެވެ.
މި މަސައްކަތުން ޑރ. ޝަހީމަށް ލިބިލައްވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ސާފުވެފައެއް ނުވެއެވެ.
ދާދިފަހުން ރާއްޖޭގެ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނާއި ހަވާލުކުރީވެސް, ޑރ. ޝަހީމް ކެބިނެޓްގައި އެގޮތަށް ޑިމާންޑް ކޮށްގެންނެވެ. ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަންއާއި ހަވާލުކުރީ މައްކާގައި މީހުން ބައިތިއްބާ ހޮޓެލްތަކުން ޝަހީމް ބޮޑު "ކަޓެއް" ނެގެވުމަށް ބޭނުންވެގެންކަމަށް ސަރުކާރުގެ އިސް ބައެއް އޮފިޝަލުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައި ވެއެވެ.
ސަރުކާރުގެ ތައްރަގީގެ ގިނަ މަޝްރޫޢުތައް ހަވާލުކުރަމުންދަނީ, ގިނަ ވަޒީރުންނަށް ބައި އަޅައިގެން, މާރކެޓް އަގަށްވުރެ ބޮޑުކޮށެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް އެންމެ 2 މަހެއްހާ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު, މުޅި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންވަނީ އާންމު ވެފައެވެ.
ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުހައި ޚުދު ރައީސް މުއިއްޒުވެސް ވަނީ, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ކެމްޕޭނަށް ޚަރަދު ކުރުމަށް, ޗައިނާގެ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުންޏަށް, އިއުލާން ކުރުމަކާ ނުލާ 800 މިލިއަން ޑޮލަރުގެ މަޝްރޫއު ހަވާލުކޮށް, 100 މިލިއަން ރުފިޔާގެ ރިޝްވަތު އަމިއްލަފުޅަށް ނަންގަވާފައެވެ.