ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ދެއްވި ތަޤުރީރު ގައި އަނެއްކާވެސް އިނގިރޭސި ބަސްތައް އޮޅި، ވާހަކަ ރަނގަޅަށް ނުދެއްކި، މުޅި ރާއްޖެ މުޅި ދުނިޔޭގެ ކުރިމަތީ ލަދު ގަންނަވާލާފިއެވެ. ދިޔަވަރު ނޫހަށް މި މައުލޫމާތު އަރުވާފައިވަނީ މި ދަތުރުގައި ވަޑައިގެންނެވި ރައީސް އޮފީހުގެ އޮފިޝަލެކެވެ.
ނައިބްރައީސް ސެމްބެ މި ސަމިޓުގައި ތަގުރީރު ކުރައްވާފައި ވަނީ 19 ޖެނުއަރީ 2024 ގެ މެންދުރު ތީމެޓިކް ރައުންޑްޓޭބަލްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓްގައިވެސް، އެއްވެސް ސޯޝަލް މީޑިޔާ އެއްގައިވެސް ނައިބް ރައީސް ސެމްބެގެ ތަޤްރީރްގެ ވީޑިޔޯ ސަރުކާރުން ހިމަނާފައި ނުވެއެވެ. މި ގޮތަށް ސްޕީޗްގެ ވީޑިޔޯ ހިމަނާފައި ނުވަނީ، ވާހަކަ ދެއްކުމުގެ ހުރި ކޮށި ކަމުންނާއި، ވާހަކަ ދެއްކުމުގައި އިނގިރޭސި ބަސްތައް އޮޅި، ބައިނަލްއަގުވާމީ ބޮޑު ސަމިޓެއްގައި ރާއްޖެ ލަދުގަންނަވާފައިވާތީ އެކަން ފޮރުވުމަށްޓަކައެވެ.
މިއީ ނާއިބް ރައީސް ސެމްބެ ބައިނަލްއަޤްވާމީ މަޝްރަހުގައި ރާއްޖެ ލަދުގަންނަވާލި ދެވަނަ ފަހަރެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ސެމްބެ ދަނީ ރައްޔިތުންގެ ހަރަދުގައި ބޭކާރު އެތައް ދަތުރެއް ފަސްޓް ކުލާހުގައި ކުރައްވަމުންނެވެ. މިއިން އެއްވެސް ބައްދަލުވުމަކުން ޤައުމަށް ވީ ފައިދާއެއް ނެތެވެ.
ސެމްބެ އަށް ނާއިބް ރައީސްކަން ދީފައިވަނީ އޭނާއާއި ރާއްޖޭގެ ގޭންގް ތަކާއި އޮތް ގުޅުމުގެ ސަބަބުން، ގޭންގު ތަކުގެ ވޯޓު ހޯދުމަށެވެ. މިކަމާއި ގުޅިގެން ގޭންގް ތަކުގެ ބާރު ރާއްޖޭގައި ވަނީ އިތުރުވެ، ސްކޫލްތަކުގެ ގޭންގު ތަކާއި ގުޅުން ހުރި ދަރިވަރުން ދަނީ ބުލީ ކުރުން އިތުރުކޮށް، އާންމު ރައްޔިތުންނާއި، ސްކޫލް ދަރިވަރުންނަށްވެސް މުޅި ޤައުމު މި އޮތީ ނާމާން ތަނަކަށް ވެފައެވެ.
ނާމް އުފެދިގެން ދިޔައީ ފިނި ހަނގުރާމައިގެ ދުވަސްވަރު 1961 ވަނަ އަހަރު ހުޅަނގު ބާރުތަކާއި އަދި ސޯވިއެޓް ބްލޮކްތަކާ ގުޅެން ދެކޮޅު ހެދި ގައުމުތަކުގެ މެދުގައެވެ. އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ އާއި މިސްރުގެ ޖަމާލް އަބްދުލް ނާސިރާއި ޔޫގޯސްލާވިއާގެ ޖޯސިޕް ބްރޯޒް ޓިޓޯ ފަދަ މަޝްހޫރު ބޭފުޅުން އިސްކޮށް ހުންނަވައިގެން އުފެއްދި ނާމްގެ އަމާޒަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުގައި ސުލްހައާއި އިތުރުކޮށް، މިނިވަންކަން ދިފާޢުކޮށް ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.