ޚަބަރު

‏އިންޑިއާގެ ޑޯނިއަރ ބޯޓު ބޭނުން ނުކުރަން ހަދައިގެން, މާލެ ގެނައުން ލަސްވެ, ހާލު ސީރިއަސްވި ގއ. ވިލިނގިލީ ކުއްޖާ ނިޔާވެއްޖެ

ދިޔަވަރު
‏އިންޑިއާގެ ޑޯނިއަރ ބޯޓު ބޭނުން ނުކުރަން ހަދައިގެން, މާލެ ގެނައުން ލަސްވެ, ހާލު ސީރިއަސްވި ގއ. ވިލިނގިލީ ކުއްޖާ ނިޔާވެއްޖެ

މިމަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި އެމަރޖެންސީކޮށް ގއ. ވިލިގިލިން މާލެ ގެނެސްފައިވާ ހާލު ބޮޑު ބަލިކުއްޖާ ދާދި ދެންމެއަކު ނިޔާވެއްޖެއެވެ. އިތުރު ފަރުވާއަށް މި ކުއްޖާ މާލެ ގެނެއީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ޝެޑިއުލުން ފްލައިޓަކުން މިމަހުގެ 18 ވަނަ ދުވަހުގެ ވަރަށް ހަވީވެފައި ވަނިކޮށެވެ.

އުމުރުން 14 އަހަރުގެ މި ކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ނިޔާވީ ދާދި ދެންމެއަކުއެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށް މާލެގެނައި އެކުއްޖާގެ ހާލުދެރަވެ, ފާއިތުވި ދެދުވަހު އެކުއްޖާ އޮތީ ކޯމާއެއްގައެވެ. އަދި ޑޮކްޓަރުން ވަނީ ފަހުން އުއްމީދު ކަނޑާލާފައެވެ.

ގއ. ވިލިގިލީ އަތޮޅު ހޮސްޕިޓަލުގައި, ވެންޓިލޭޓަރުގައި އޮތް ހާލުބޮޑު ބަލި ބަލިކުއްޖާ އެރަށުން ފުރުވާލުން ލަސްވެގެން ހޮށްޕިޓަލް ދޮށަށް ގިނަ ބަޔަކު އިއްޔެ އެއްވެ މުޒާހިރާ ވެސް ވަނީ ކޮށްފައެވެ.

އެރަށުން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން މީހަކު އިއްޔެ ކިޔައިދިން ގޮތުގައި ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލިކުއްޖާ މިމަހުގެ 17 ވަނަ ދުވަހުގެ އިއްޔެ ރެއިން ފެށިގެން އޮތީ ވެންޓިލޭޓަރުގައެވެ.

އެހެންނަމަވެސް އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓުގައި އޭނާ މާލެ ގެންދިއުމަށް ސަރުކާރުން ދެކޮޅުހަދާ, މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކުރުމަށް ކުރި މަސައްކަތުގައި 16 ގަޑިއިރު ހޭދަވެ ވިލިގިލީގެ އަތޮޅު ހޮސްޕިޓަލުގައި އެކުއްޖާގެ ހާލު ދިޔައީ ދެރަވަމުންނެވެ.

ބަލި ކުއްޖާގެ ހާލު ދެރަވެ, މާލެ ނުގެނެވި ލަސްވެގެން ދިޔައިރު, ޑޯނިއަރ މަތިންދާ ބޯޓު އޮތީ ބަލިކުއްޖާ ގެންދިއުމަށް ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ އެކުއްޖާ ގެންދިއުމަށް އިންޑިއާގެ އެއްވެސް އުޅަނދެއްގެ ބޭނުންކުރުމަށް ދެކޮޅު ހަދާފައެވެ.

ޑޯނިއަރ މަތިންދާ ބޯޓު ބޭނުން ކުރެވެން އަންނަނީ ސީދާ ރައީސް މުއިއްޒުގެ ހުއްދަ ލިބުމުންނެވެ.

އޭގެ ބަދަލުގައި މޯލްޑިއަންގެ ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް 17 ވަނަ ދުހަވަހުގެ ރެއިން ފެށިގެން ކުރަމުން ގޮސްފައިވާކަމަށްވެސް ވިލިގިލީ އަތޮޅު ހޮސްޕިޓަލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވެފައި ވެއެވެ.

މިމައްސަލާގައި ހިންހަމަ ނުޖެހުން ފާޅުކޮށް, މިމަހުގެ 18 ވަނަ ދުވަހު ރައްޔިތުން ވަނީ އެރަށު އަތޮޅު ހޮސްޕިޓަލް ދޮށަށް އެއްވެ, ހޮސްޕިޓަލްގެ ނަން ބޯޑުގެ މަތީގައި ”ހެލްތު ޕޯސްޓު“ޖަހާފައިވާ ނަމެއް ހަރުކޮށްފައެވެ.

ވިލިގިލިން ހާލުބޮޑު ބަލިކުއްޖާ މާލެއަށް ފުރުވާލެވުނީ މިމަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. އެއަށްފަހު މާލޭގައި ފަރުވާ ދެމުންދިޔަ ނަމަވެސް އެކުއްޖާގެ ހާލު ރަގަޅުނުވެ ދިޔައީ މަރާއި ހަނގުރާމަ ކުރަމުންނެވެ. އެކުއްޖާއަކީ ވިލިގިލީ ސްކޫލުގެ ގްރޭޑް 7 ގައި ތައުލީމު ހާސިލްކުރާ, އުމުރުން 14 އަހަރުގެ ކުއްޖެކެވެ.

ދިވެހި ރައްޔިތެއްގެ ފުރާނައަށް ނުރައްކާ ވެއްޖެ ހާލަތެއްގައި ބޭނުން ކުރެވެން އޮތް ކޮންމެ ވަސީލަތެއްގެ ބޭނުން ކުރުމަކީީ ގާނޫނު އަސާސީން ސަރުކާރަށް ލާޒިމް ކޮށްފައިވާ ކަމެކެވެ. އެހެންނަމަމެވެސް ރައީސް މުއިއްޒު ގެންދަވަނީ އެފަދަ ހާލަތްތަކުގައިވެސް އިންޑިއާގެ ޑޯނިއާރއާއި ހެލިކޮޕްޓަރ ބޭނުން ކުރަން ދެކޮޅު ހައްދަވަމުންނެވެ.

އަދި މުއިއްޒުވަނީ ޗައިނާގެ އެންގުމަށް, އިންޑިއާ ސިފައިންނާއި ޑޯނިއަރ އަދި ހެލިކޮޕްޓަރވެސް 15 މާރޗްގެ ކުރިން ރާއްޖެއިން ބޭލުމަށް އަންގާފައެވެ.