ޚަބަރު

ނިޔާވި ކުއްޖާ ޑޯނިއަރގައި އަވަހަށް އިވޭޓްކުރެވެން އޮއްވާ, މުއިއްޒު ދެކޮޅު ހެއްދެވީ ކީއްވެ? ދިވެހި ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރުމަށް, ހުރިހާ ވަސީލަތެއްގެ ބޭނުން ކުރުން މުއިއްޒުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމް ނުކުރޭތަ?

ދިޔަވަރު
ނިޔާވި ކުއްޖާ ޑޯނިއަރގައި އަވަހަށް އިވޭޓްކުރެވެން އޮއްވާ, މުއިއްޒު ދެކޮޅު ހެއްދެވީ ކީއްވެ? ދިވެހި ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރުމަށް, ހުރިހާ ވަސީލަތެއްގެ ބޭނުން ކުރުން މުއިއްޒުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމް ނުކުރޭތަ?

ދިވެހި ރައްޔިތެއްގެ ފުރާނައަށް ނުރައްކާ ވެއްޖެ ހާލަތެއްގައި ބޭނުން ކުރެވެން އޮތް ކޮންމެ ވަސީލަތެއްގެ ބޭނުން ކޮށްގެންވެސް, ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަކީ ގާނޫނު އަސާސީން ވަލިއްޔުލްއަމުރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެކެވެ.

ގާނޫނު އަސާސީގައި ބުނެފައިވަނީ, ގައުމުގެ ވަލިއްޔުން އަމުރުގެ މައްޗަށް އޮތް އެންމެ މަތީ މަސްލަހަތަކީ ރައްޔިތުންގެ މަސްލަހަތު ކަމުގައެވެ. އެގޮތުން ރައްޔިތެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ, އެހެން ހުރިހާ މަސްލަހަތެއްގެ މައްޗަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްވެގެންވަނީ ރައްޔިތުންގެ މަސްލަހަތު އިސްކުމެވެ.

އެގޮތުން, ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރެވެން އޮތް ހުރިހާ ވަސީލަތެއްގެ ބޭނުން ކުރުމަކީ ރައީސުލްޖުމުހޫރިއްޔާގެ މައްޗަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުންވެސް ލާޒިމް ކުރާ ކަމެކެވެ.

އެހެންނަމަވެސް, މިމަހުގެ 18 ވަނަ ދުވަހު އިރުއޮއްސެން އުޅެނިކޮށް އެމަރޖެންސީކޮށް ގއ. ވިލިގިލިން މާލެ ގެނައި ހާލު ބޮޑު ބަލިކުއްޖާ މާލެ ގެނެވުން ލަސްވެގެން, އެކުއްޖާ އެމަޖެންސީކޮށް އަވަހަށް އިވޭކުއޭޓް ކުރުމަށް, ރާއްޖޭގައި އޮންނަ އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓުގެ ބޭނުން ކުރުމުގެ ހުއްދައަށް ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން އެދިވަޑައިގަތުމުންވެސް އެ ހުއްދަ ރައީސް މުއިއްޒު ދެއްވާފައި ނުވެއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން, ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ, މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ގއ. އަތޮޅު ހޮސްޕިޓަލުގައި ވެންޓީލޭރަށްލީ ބަލި ކުއްޖާ މާލެ ގެނައުން އަދަޔާ ޚިލާފަށް ލަސްވާން ފެށުމުން, ޑޯނިއަރ ބޯޓުގެ ބޭނުންކުރުމަށް އެބޯޓު ތައްޔާރީ ހާލަތަކަށް ގެނެވިފައި އޮތްކަން ރާއްޖޭގައި ހުންނަ އިންޑިއަ ހައިކޮމިޝަންއިން ޑިފެންސް މިނިސްޓްރީއަށް އެންގި ކަމުގައެވެ.

އަދި އެކުއްޖާ އިވެކުއޭޓް ކުރެވޭނީ އެންމެ އަވަސްކޮށްވެސް އިރުއޮއްސޭހާއިރު ކަމަށް މޯލްޑިވިއަންއިން ޑިފެންސް މިނިސްޓްރީއަށް އެންގުމުން, ޑޯނިއަރގެ ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް މިނިސްޓަރ ސީދާ ރައީސަށް ގުޅުއްވި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެހެންނަމަވެސް ޑޯނިއަރގެ ބޭނުން ކުރުމުގެ ހުއްދަ ރައީސް މުއިއްޒު ނުދެއްވީކަމަށް, ނަން ހާމަ ނުކުރުމަށް އެދި ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން, ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އެގޮތުން ވެންޓިލޭޓަރުގައި އޮތް ހާލުބޮޑު ބަލިކުއްޖާ އެންމެ ފަހުން މާލެ ގެނެސްފައިވަނީ, ވިލިގިލީ އަތޮޅު ހޮސްޕިޓަލްގައި, އެކުއްޖާ ވެންޓިލޭޓަރަށްލާ, އިމަޖެންސީކޮށް އިވެކުއޭޓު ކުރުމަށް ޑރ. ލަފާދިންތާ 16 ގަޑި އިރުފަހުންނެވެ.

ރައީސް މުއިއްޒުވަނީ ޗައިނާގެ އެންގުމަށް, އިންޑިއާ ސިފައިންނާއި ޑޯނިއަރ އަދި ހެލިކޮޕްޓަރވެސް 15 މާރޗްގެ ކުރިން ރާއްޖެއިން ބޭލުމަށް އަންގާފައެވެ. ރާއްޖޭގަ އޮތް އިންޑިއާގެ އެއްވެސް އުޅަދެއްގެ ބޭނުން މިހާރު ކުރެވެން އަންނަނީ ސީދާ ރައީސް މުއިއްޒުގެ ހުއްދަ ލިބުމުންނެވެ.

ގއ. ވިލިގިލިން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން މީހަކު އިއްޔެ ކިޔައިދިން ގޮތުގައި ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލިކުއްޖާ މިމަހުގެ 17 ވަނަ ދުވަހުގެ ރެއިން ފެށިގެން އޮތީ ވެންޓިލޭޓަރުގައި ކަމުގައެވެ.

އެހެންނަމަވެސް އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓުގައި އޭނާ މާލެ ގެންދިއުމަށް ސަރުކާރުން ދެކޮޅުހަދާ, މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކުރުމަށް ކުރި މަސައްކަތުގައި އެތައް ވަގުތެއް ހޭދަވުމުގެ ސަބަބުން ވިލިގިލީގެ އަތޮޅު ހޮސްޕިޓަލުގައި އެކުއްޖާގެ ހާލު ދިޔައީ ދެރަވަމުންނެވެ.

ބަލި ކުއްޖާގެ ހާލު ދެރަވެ, މާލެ ނުގެނެވި ލަސްވެގެން ދިޔައިރު, ޑޯނިއަރ މަތިންދާ ބޯޓު އޮތީ ބަލިކުއްޖާ ގެންދިއުމަށް ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އެހެންނަމަވެސް ސަރުކާރުން ދިޔައީ އެކުއްޖާ ގެންދިއުމަށް އިންޑިއާގެ އެއްވެސް އުޅަނދެއްގެ ބޭނުންކުރުމަށް ދެކޮޅު ހަދަމުންނެވެ.

އޭގެ ބަދަލުގައި މޯލްޑިއަންގެ ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް 17 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރަމުން ގޮސްފައިވާކަމަށްވެސް ވިލިގިލީ އަތޮޅު ހޮސްޕިޓަލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވެފައި ވެއެވެ.

ބަލި ކުއްޖާ ގއ. ވިލިގިލިން ފުރުވާލެވުން ލަސްވެގެން ހިންހަމަ ނުޖެހުން ފާޅުކޮށް, މިމަހުގެ 18 ވަނަ ދުވަހު އެރަށު ރައްޔިތުން ވަނީ އެރަށު އަތޮޅު ހޮސްޕިޓަލް ދޮށުގައި މުޒާހިރާކޮށް, ހޮސްޕިޓަލުގެ ނަން ”ހެލްތު ޕޯސްޓު“ގެ ނަމަށް ބަދަލުކޮށް, ނަން ބޯޑުގެ މަތީގައި "ހެލްތު ޕޯސްޓު" ލިޔެފައިވާ ކަރުދާސްގަޑެއްވެސް ހަރު ކޮށްފައެވެ.

އެންމެ ފަހުން, ވެންޓިލޭޓަރުގައި އޮތް ހާލުބޮޑު ބަލިކުއްޖާ ވިލިގިލިން މާލެއަށް ފުރުވާލެވުނީ މިމަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. އެހެންނަަމަވެސް ފުރުވާލެވުން ލަސްވުމުގެ ސަބަބުން, މާލެ ގެނައުމަށްފަހުވެސް, ބަލިކުއްޖާގެ ހާލު ރަގަޅުނުވެ, ދިޔައީ މަރާއި ހަނގުރާމަ ކުރަމުންނެވެ. އަދި އިއްޔެއިން ފެށިގެން, އެކުއްޖާގެ ހާލުދެރަވެ, އޮތީ ކޯމާއެއްގައި, ޑޮކްޓަރުން އުއްމީދު ކަނޑާލާފައެވެ.

އެކުއްޖާއަކީ ވިލިގިލީ ސްކޫލުގެ ގްރޭޑް 7 ގައި ތައުލީމު ހާސިލްކުރާ, އުމުރުން 14 އަހަރުގެ ކުއްޖެކެވެ.

ގިނަ ބަޔަކު މިއަދު ބުނަމުން ދަނީ ދިވެހި ކުއްޖެއްގެ ފުރާނަ ގޮސްފައިވަނީ ވަލިއްޔުލްއަމްރުގެ އިހުމާލުން ކަމުގައެވެ. އޭގެ ސަބަބެއްގެ ގޮތުގައި ގިނަބަޔަކު ބުނަމުންދަނީ, ރައީސް މުއިއްޒު ގޮތް ދޫކޮށް, އިންޑިއާގެ ޑޯނިއާރގައި މާލެގަނައުމުގެ ހުއްދަ ދިންނަމަ, ވަގުތު އޮއްވާ, މާލެ ގެނެވި އަވަސް ފަރުވާ ދިނުމުގެ ފުރުސަތު އޮންނާނެ ކަމުގައެވެ. އަދި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތުވެސް އޮންނާނޭ ކަމަގައެވެ.

މިއީ ރައީސް މުއިއްޒު ގޮތްދޫނުކޮށް, ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް އަމަލު ކުރެއްވުމުގެ ހިތި ނަތީޖާއެވެ.