ޚަބަރު

މަޖިލިސް އިންތިޚާބު ރޯދަ މަހު ބާއްވަން މަޖުބޫރުވީ ޤާނޫނަށް ބަދަލު ނުގެނައުމުން: ފުއާދު 

ދިޔަވަރު
މަޖިލިސް އިންތިޚާބު ރޯދަ މަހު ބާއްވަން މަޖުބޫރުވީ ޤާނޫނަށް ބަދަލު ނުގެނައުމުން: ފުއާދު 

މަޖިލިސް އިންތިޚާބު ރޯދަ މަހު ބާއްވަން މަޖުބޫރުވީ ޤާނޫނަށް ބަދަލު ނުގެނައުމުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ މަޖިލިސް އިންތިޅާބު ބާއްވާ ދުވަހާއި ގުޅޭގޮތުން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި ރޯދަ މަހު އިންތިޚާބު ބާއްވަން ޖެހޭ ސަބަބު ރައްޔިތުންނަށް އެނގުން މުހިންމު ކަމަށެވެ.

"ޤާނޫނުތައް ހަދާފައި ހުންނައިރު މީލާދީ ކަލަންޑަރާއި ހިޖުރީ ކަލަންޑަރާ ތަފާތުތަކެއް އެބައާދޭ، މީލާދީ ކަލަންޑަރަށް ބަލައިގެން ގިނަ ޤާނޫނުތައް ހަދާފައި މިހުރީ، މަޖިލިސްގެ އިންތިޚާބު ބާއްވަން އިއުލާން ކުރަން މިޖެހޭނީ މިހާރު ހިނގަމުންދާ މަޖިލިސްގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން. އޭގެ މާނައަކީ އެންމެ އަވަހަށް އިއުލާންކުރެވޭނީ ޖެނުއަރީ 31 ވަނަ ދުވަހުއެވެ. މިކަމާއި ބެހޭގޮތުން މަޖިލީހުގައި އިސް ނަގައިގެން ވެސް އަޅުގަނޑުމެން ވާނީ މަޝްވަރާކޮށްފައި. ބޮޑަށް އެބޭފުޅުންގެ ވާހަކަ ހުރީ އިންތިޚާބުގެ ފަހަށް ޖެއްސިދާނެތޯ؟ އެގޮތަށް ބަލާއިރު ގޮންޖެހުންތައް އެބަހުރި، ރަމަޟާން މަހުގެ ފަހު 10 ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް އެއަށްފަހު މި އަންނަނީ އީދު ބަންދުގެ ދުވަސްތައް، އެއަށްފަހު މި އަންނަނީ ހުރިހާ ސްކޫލުތަކެއްގެ އިމްތިޚާނުތައް. އެ ދުވަސްވަރަކީ އަޅުގަނޑުމެންނަށް ސްކޫލުތައް ލިބޭނެ ދުވަސްވަރެއް ނޫން" ފުއާދު ވިދާޅުވިއެވެ.

އެގޮތުން 120 ދުވަސްވުމުން އިއުލާނުކުރުން 140 ދުވަހަށް ބަދަލުކޮށް، 20 ދުވަސް ކުރިން އިންތިޚާބު އިއުލާނުކުރާ ގޮތަށް ގާނޫނު އިސްލާހުކުރެވިއްޖެނަމަ ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ޤާނޫނަށް ބަދަލު ނުގެނެސް، އެއީ އިންތިޚާބު އަވަސް ކުރެވޭނެ ގޮތެއް ނޫން ކަމަށާއި މަޖިލީހުގެ މެމްބަރުން ޤާނޫނަށް ބަދަލު ގެންނަން ބޭނުންނުވާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. ފުއާދު ވަނީ މިފަދަ ހާލަތެއް ކުރިމަތިވެފައިވާއިރު އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާކަން ފާހަގަކުރައްވާ މި މަސައްކަތުގައި ހުރި ބުރަތަކާއި ގޮންޖެހުންތައް އެނގޭނީ ކޮންމެ މީހަކު ވެސް މި މަސައްކަތް ކުރުމުން ކަމަށް ވިދާޅުވެފައެވެ.

ރަމަޟާން މަހު މަޖިލިސް އިންތިކާބު ބާއްވާތީ ބައެއް ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް އެމްޑީޕީ އާއި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވެސް ވަނީ އެދިފައެވެ.

ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ ރޯދަ މަހު އިންތިޚާބު ބޭއްވުމަކީ ޤަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށާއި އެއީ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. ރޯދަ މަހު މަޖިލިސް އިންތިޚާބު ބޭއްވުމުން ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ދަށްވާނެ ކަމަށާއި މަސައްކަތް ކުރާ ފަރާތްތަކަށް އިންތިހާއަށް ދަތިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް އީސީން ވަނީ ނިންމާފައެވެ.