ޚަބަރު

ޗައިނާ ސަރުކާރުން ދެކެނީ އިސްލާމް ދީނަކީ "ރަނގަޅު" ކުރަން ޖެހޭ "ނަފްސާނީ ބައްޔެއް" ކަމަށް

ދިޔަވަރު
ޗައިނާ ސަރުކާރުން ދެކެނީ އިސްލާމް ދީނަކީ "ރަނގަޅު" ކުރަން ޖެހޭ "ނަފްސާނީ ބައްޔެއް" ކަމަށް

އދ އާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އަންދާޒާކޮށްފައިވާ ގޮތުގައި ޗައިނާގެ ކޮންސެންޓްރޭޝަން ކޭމްޕްތަކުގައި 2018 ވަނަ އަހަރު އެކަނި، އެއް މިލިއަން މުސްލިމުން ބައިތިއްބާފައި ތިއްބެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންގެ ނަސްލުގެ އުއިގޫރު ދަރިކޮޅުގެ މީހުންނެވެ. މި އެއްމިލިއަންއަށް ވުރެ ގިނަ މުސްލިމުންގެ އަގީދާއަކީ ނަފްސާނީ ބައްޔެއް ކަމަށް ބަލައި، އެތައް މަހެއް ވަންދެން ކުރިއަށް ދިޔަ "ފަރުވާ ދިނުމުގެ" މަރުހަލާގެ ތެރޭގައި އިސްލާމްދީން ދޫކޮށް، ކޮމިއުނިސްޓް ޕާޓީގެ ޕްރޮޕެގެންޑާ ލަވަތައް ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ވަންދެން ކިޔަން މުސްލިމުންނަށް މަޖުބޫރުވެފައި ވެއެވެ. މުސްލިމުންނަށް ނަހީކުރައްވާފައިވާ ބަނގުރަލާއި ރާ ބުއިމަށް ގައިދީންނަށް މަޖުބޫރުކުރުވުމުގެ އިތުރުން އަނިޔާކުރުމާއި މަރުގެ އިންޒާރުތައް ހައްޔަރު ކޮށްފައިވާ މިލިއަނުންނަށްވުރެ ގިނަ މުސްލިމުންނަށް ދަނީ ދެމުންނެވެ. މީގެ ތެރެއިން އެތައް ބަޔަކު ވާނުވާ ނޭނގި ދާއިމަށް ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މީގެ އިތުރުން ގަދަކަމުން އޫރު މަސް ކާން ދިނުމާއި، ތުބުޅި ބޭލުމަކީ އާންމު ކަމެކެވެ. މިއީ އިޒްރޭލުގައި ހިނގާ ގަތުލުއާންމު ފަދަ ބިރުވެރި ހާލަތެކެވެ.

މި ޖަލުތަކުގައި މުސްލިމުންނަށް ޖިސްމާނީ، ނަފްސާނީ އަނިޔާތައް ހައްދެއް ނެތް މިންވަރަށް ދަނީ ދެމުންނެވެ. ކުޑަކުދިން އެމީހުން މައިންބަފައިންގެ އަތުން އަތުލުމަށްފަހު، ކިޔެވުމުން މަހުރޫމުކޮށް ވަކި ޖަލުތަކަކަށްލައި އިސްލާމް ދީން ދޫކޮށްލުމަށް މަޖުބޫރު ކޮށް، އަނިޔާ ދެމުން ދެނީ ވަކި މިންވަރެއްނެތް ވަރަށެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ބުނާ ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ ހުޅަނގު އުތުރު ޝިންޖިއާން ސަރަހައްދުގައި މުސްލިމުން ގެންގުޅޭ ޖަލުތައް ދެގުނަ ކޮށްފައިވަނީ ކަންބޮޑުވާ މިންވަރަކަށެވެ. ދުނިޔޭގެ އެކި ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި "ދުނިޔޭގައި މައިނޯރިޓީ އާބާދީއެއް އެންމެ ގިނައިން ޖަލަށްލާފައިވާ" ފަހަރެވެ. މި ޖަލުތަކުގައި ވޭން އަޅަމުން ދަނީ އެތައް މިލިއަން މުސްލިމުން ތަކެކެވެ. އުއިގޫރު ގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށްގެން ބެއިޖިން މި އަނިޔާވެރިކަން ފެށިކަމުގައި ވީނަމަވެސް، ޗައިނާގެ އެއްވެސް ސަރަހައްދެއްގައި އިސްލާމީ ޝިޢާރު ފާޅު ކޮށްފި ނަމަ، ކުޑަ މިނުން މުސްލިމަކު ތުބުޅި ބެހެއްޓިއަސް އެމީހަކު ޖަލު ކޭމްޕްތަކަށްލައި އަނިޔާ ކުރެއެވެ.

މުސްލިމުންނާއި ދެކޮޅަށް މިހިންގާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް 2018 ވަނައަހަރު ކުރީކޮޅު އދ.ގެ ޕެނަލަކުން އެ ކޭމްޕްތަކާ ބެހޭ ގޮތުން ޗައިނާގެ އިސް އޮފިޝަލަކާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ޗައިނާ ސަރުކާރުގެ ލިޔުންތަކުގައި އެ ގޮތަށް ހުރި ޖަލުތަކެއް ހުރިކަމަށް އިޝާރާތް ކުރި ނަމަވެސް އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ބުނަނީ އެއީ ކުށްވެރިންނަށް ހާއްސަ ވޮކޭޝަނަލް ސްކޫލްތަކެއް ކަމަށެވެ.

އެއްވެސް ދައުވާއަކާއި ނުލައި، އެތައް މިލިއަން މުސްލިމުންތަކެއް ޖަލަށްލައި ޗައިނާއިން އަނިޔާ ކުރަމުންދަނީ ހަމަ އެކަނި އެމީހުން އިސްލާމް ދީން ގަބޫލު ކުރާ ކަމަށްޓަކައެވެ.

ޗައިނާ ސަރުކާރުން މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ފޮރުވަމުން ދަނީ އެމީހުންގެ ބާރާއި ނުފޫޒު ރާއްޖެފަދަ މުސްލިމް ޤައުމުތަކުގެ މައްޗަށް އޮތްލެއް ބޮޑު ކަމުންނެވެ.

ޗައިނާއަކީ ރާއްޖެއަށް ހެޔޮ އެދޭ ޤައުމެއް ނޫނެވެ. އަމުދުން މުސްލިމުންނަށް ހެޔޮ އެދޭ ބައެއް ނޫނެވެ. ދިވެހިރާއްޖެ އަކީ އޮންނަ ގައުމެއް ކަމަށްވެސް ޗައިނާ ދެކެނީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ ރާއްޖެ އިންޑިޔާ ކައިރީގައި އޮންނާތީއެވެ. ދިވެހި ރާއްޖެއަކީ ސައުތު އެމެރިކާފަދަ ސަރަހައްދެއްގައި އޮތް ޤައުމެއް ނަމަ، ޗައިނާއިން އަޅާ ނުލީހެވެ.

މުއިއްޒުގެ ދަތުރުފުޅުގައި، މުއިއްޒާއި އެކު ޗައިނާގެ ރައީސް ބައިވެރިވެވަޑައިގެންނެވި މީޓިންގ ގައި ރައީސް ޝީގެ ވާހަކަފުޅުތައް އަޑު އިިވަޑައިގަތުމުން އޭނާ ވަރަށް ބޮޑަށް "އިމޯޝަނަލް" ވެ "ލޮލުން ކަރުނަ ހިލޭ ވަރުވި" ކަމަށް ބުނެ މިހާރު ނޫހުގައި ބޮޑު ރިޕޯޓެއް ލިޔުނު އިރު، ހަގީގަތަކީ އެ ބައްދަލުވުމުގައި ވަޑައިގެން ތިއްބެވި ދިވެހި ސަރުކާރުގެ މުސްލިމް ވެރިން، ޗައިނާއިން ސިފަ ކުރަނީ ނަފްސާނީ ބަޔެއް ޖެހިފައިވާ ބައެއްގެ ގޮތުގައެވެ.