ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގައި ވައުދުވި ގޮތަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން, ފިޝަރީޒް މިނިސްޓަރާއި ދެކޮޅަށް ގދ. ތިނަދޫގެ މަސްވެރިން މުޒާހިރާއަށް ތައްޔާރު ވެފައި ވަނިކޮށް, ފިޝަރީޒް މިނިސްޓަރ ޝިޔާމް އެރަށަށް ކުރަން ހަމަޖެހިފައި އޮތް ދަތުރު ކެންސަަލް ކޮށްފިއެވެ.
ގދ. ތިނަދޫއިން "ދިޔަވަރު އޮންލައިން"އާއި ވާހަަކަ ދެއްކި މީހަކު ކިޔައި ދިން ގޮތުގައި, ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވައުދު ވެފައިވަނީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނަކަމަށް ކަމުގައެވެ.
އެހެންނަމަވެސް މިހާރުވެސް އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ނުލިބި އެބަހުރި ކަމަށާއި, ފައިސާ ލިބެމުންދަނީ އެތައް މަހެއް ފަހުން ކަމުގައެވެ.
އަދި މަސްވެރިން ބުނެފައިވަނީ މިހާރު ތައްޔާރު ވަމުންދަނީ އަންނަ ހުކުރު ދުވަހު ކޫއްޑޫ ކައިރީގައި މަސްވެރިންގެ ބޮޑު އިހުތިޖާޖަކަށް ދިއުމަށް ކަމުގައެވެ. "ދިޔަވަރު އޮންލައިން" އާއި ވާހަ ދެއްކި ތިނަދޫގެ މަސްވެރިއަކު ބުނީ މި އިހުތިޖާޖުގައި މަސްވެރިންނަށް ނުދީ ހުރި ފައިސާ ހޯދުމުގެ އިތުރުން އިތު 3 ކަމަކަށްވެސް ސަރުކާރަށް ޑިމާންޑު ކުރާނެ ކަމުގައެވެ. އެހެންނަމަވެސް އެ 3 ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ބުނީ ރައީސް މުއިއްޒު ވައުދު ވެފައިވަނީ މަސްކިޔާރާތާ 48 ގަޑިއިރުތެރޭ ފައިސާ ޖަމާކުރުމަށް ކަމަށާއި, އެ ވައުދު ފުއްދަންދެން އިހުތިޖާޖު ކުރިޔަށް ދާނެ ކަމުގައެވެ.
ރައީސް މުއިއްޒު ގެންދަވަނީ ވެރިކަން ލިބިވަޑައިގަތުމުން ރިޔާސީ އިންތިޚާބުގައި ވި ގިނަ ވައުދުތަކަށް ޚިޔާނާތްތެރިވަމުންނެވެ. އެގޮތުން ވެރިކަން ލިބުމުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ނުކަނޑާނެކަމަށް ވައުދު ވުމަށްފަހު މުއިއްޒު މިހާރުވަނީ އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކި ކޮށްފައެވެ.