ޚަބަރު

ޑޯނިޔާ ގައި ދަތުރު ކުރުމުގައި އިންޑިޔާގެ އެއްވެސް ދައުރެއް ނޯވޭ. އޮޕަރޭޓް ކުރުމާއި، ބޭނުން ކުރުމުގެ ހުރިހާ ބާރެއް އޮންނަނީ އެމް.އެން.ޑީ.އެފް ގައި. ސިފައިންގެ ވެރިޔާ މުއިއްޒު ވަނީ ޑޯނިޔާ ބޭނުން ކުރުން މަނާކޮށްފައި. - އޮފިޝަލް

ދިޔަވަރު
ޑޯނިޔާ ގައި ދަތުރު ކުރުމުގައި އިންޑިޔާގެ އެއްވެސް ދައުރެއް ނޯވޭ. އޮޕަރޭޓް ކުރުމާއި، ބޭނުން ކުރުމުގެ ހުރިހާ ބާރެއް އޮންނަނީ އެމް.އެން.ޑީ.އެފް ގައި. ސިފައިންގެ ވެރިޔާ މުއިއްޒު ވަނީ ޑޯނިޔާ ބޭނުން ކުރުން މަނާކޮށްފައި. - އޮފިޝަލް

އެމެޖެންސީ ހާލަތްތަކުގައި ރާއްޖޭގައި ބަލިމީހުން އުފުލުމަށް ބޭނުން ކުރާ އިންޑިޔާގެ ޑޯނިޔާ މަދިންދާ ބޯޓާއި ހެލިކޮޕްޓަރުތަކަކީ އިންޑިޔާގެ އެއްވެސް ބާރެއް އެ އުޅަނދު ބޭނުން ކުރުމުގެ އެއްވެސް މަރުހަލާއެއްގައި އޮންނަ އުޅަނދެއް ނޫން ކަމަށް އެމްއެންޑީއެފް އޮފިޝަލަކު ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ. ހުރިހާ ބާރެއް މީގައި އޮންނަނީ އެމްއެންޑީއެފް އަށް ކަމަށާއި، އެމަޖެންސީ ކޭސް އެއް ކަމަށް ސަރުކާރުން ނިންމައި، އެމްއެންޑީއެފް އަށް އަންގާ ހިސާބުން ޑޯނިޔާ ނުވަތަ ހެލިކޮޕްޓަރ އެ ކަމަށް ބޭނުން ކުރަނީ ކަމަށް މައުލޫމާތު ސާފު ކޮށްދެމުން އޭނާ ކިޔައި ދެއްވިއެވެ. އެ ދުއްވުމުގައި ހަރަކާތްތެރިވާ އިންޑިޔާ ޕައިލެޓުންނަށް އެއްވެސް ވަރަކަށް އަމިއްލައަށް އެއްވެސް އުޅަނދެއް ބޭނުން ނުކުރެވޭނެ ކަމަށާއި، އެމްއެންޑީއެފް އިން އެންގުމުން ނޫނީ ޑޯނިޔާ އަދި ދެ ހެލިކޮޕްޓަރުން ކުރެ، އެއްވެސް ހެލިކޮޕްޓަރެއް އޮޕަރޭޓް ނުކުރާ ކަމަށް އޭނާ ތަފްސީލުކޮށް ކިޔައި ދެއްވިއެވެ.

އިންޑިޔާއަށް ނުވަތަ އިންޑިޔާ އެމްބަސީއަށް ޑޯނިޔާ ބޭނުން ކުރިކަން އެނގެނީ އެމްއެންޑީއެފް އިން ކުރާ ޓްވީޓުން، ނުވަތަ މީޑިޔާއަށް ދޭ މައުލޫމާތުގެ ތެރެއިންނެވެ. ނަމަވެސް ސިފައިންގެ ވެރިޔާ މުއިއްޒުގެ އެންގުމަށް އެމެޖެންސީގައި މިހާރު ޑޯނިޔާ ބޭނުން ނުކުރާ ކަމަށާއި، އެހެންކަމުން މިހާރު އެހީތެރިވުމަށް ބޭނުން ކުރެވޭނީ މޯލްޑިވިއަންގެ އާދައިގެ ފަސަންޖަރުން އުފުލާ އެއަރކްރާފްޓް ކަމަށާއި، އެ އެއަރ ކްރާފްޓްތަކަކީ އެކަމަށް ވަގުތު ނަގާ، އަދި އެމެޖެންސީއެއްގައި ފުރާނަ ސަލާމަތް ކުރުމުގައި އުދުހުމަށް ތައްޔާރު ކުރެވިފައިވާ ވަސީލަތްތަކަކަށް ނުވުމުން އެއިން އެމެޖެންސީ އިވެކުއޭޝަން ނެހެދޭނޭ ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް މެޑިކަލް އިވެކުއޭޝަން އެއް ހެދިދާނެ ކަމަށާއި، އެމެޖެންސީ ހާލަތެއްގައި މޯލްޑިވިއަންގެ މަތިންދާ ބޯޓު ބޭނުން ކުރުމަކީ ބުއްދި ގަބޫލު ކުރާކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތަށް ކަން އޮތް އިރު، އެކަން އޮޅުވާލުމަށް، މުއިއްޒުގެ ސޯޝަލް މީޑިޔާގެ ޓީމުން ދަނީ، ކުރީ ސަރުކާރުގައި އިންޑިޔާގެ ހުއްދަ ނުލިބިގެން ޑޯނިޔާގެ ޚިދުމަތް ލަސްވެފައި ވާކަމަށް ދޭހަވާހެން ދޮގު ވާހަކަ ފަތުރާފައެވެ. އެއްވެސް ޚިދުމަތެއް ލަސްވެފައިވާނަމަ، އެއީ އެއިރެއްގައި އޮތް ސަރުކާރަކުން އެ ޚިދުމަތް ފެށުމަށް އެމްއެންޑީއެފް އަށް އެންގުމުގައި އައިސްފައިވާ ލަސްކަމެއް ކަމަށާއި، އެކަމާއި އިންޑިޔާއަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްއެންޑީއެފްގެ އިސް އޮފިޝަލެއް ސާފުކޮށްދިނެވެ.

ގއ. ވިލިގިލީގައި ނިޔާވެގެން ދިޔަ ކުއްޖާއަށް އެހީތެރިވުމުގައި، ހަމަ އެކަނި އޮތް އޮޕްޝަނަކީ ޑޯނިޔާ ނުވަތަ ހެލިކޮޕްޓަރުތައް ކަމަށް ވެފައި، މޯލްޑިވިއަންގެ ފްލައިޓެއް އަންނަންދެން މަޑުކުރަން ޖެހުމަކީ ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިފައިންގެ ވެރިޔާ މުއިއްޒު އިންޑިޔާގެ އެއްވެސް އުޅަނދެއް އެމެޖެންްސީގައި އެހީތެރިވުމަށް ބޭނުން ނުކުރަން އެންގުމުން، މިކަމާއި ގުޅިގެން ސިފައިންގެ ގިނަބަޔަކު ތިބީ މުއިއްޒްއާއި މެދު ހިތް ހަމަ ނުޖެހިފައި ކަމަށާއި، އިތުރު ގޮތެއް ހޯދެންދެން، ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމަށް ލިބެން ހުރި، ހުރިހާ ވަސީލަތްތަކުގެ ބޭނުން ނުކުރަން މުއިއްޒު އެންގުމުން ދޭހަވަނީ ގޮތްދޫ ނުކުރުމާއި ނުބައިކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ގެއްލިގެން ދިޔަ ދެ ކުއްޖެއްގެ ފުރާނަ ކަމަށާއި މިއީ އެމްއެންޑީއެފްގެ ހުރިހާ ފަރާތެއްވެސް އެކަމާއި ހިތާމަ ކުރާނެ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ތިމަންނާމެން ފޮލޯ ކުރަނީ އޯޑަރު ކަމަށާއި، ތިމަންނާމެންގެ އަތް މަތީ އޮތް ކަމެއްނަމަ، އެ ދެކުދިން މިއަދު ދުނިޔޭގައި ތިބުމުގެ ފުރުޞަތު ބޮޑުކަމަށް އޭނާ ދެރަވެ ހުރެ، ކިޔައިދިނެވެ.