މޯލްޑިވިއަންގެ ފްލައިޓް ތަކަކީ އެމެޖެންސީގައި ބޭނުންކުރަން ހެޔޮވާ ވަރުގެ އެއްޗެއްސެއް ނޫންނެވެ. އެއީ ފަސެންޖަރުން އުފުލާ ބޯޓުފަހަރުތަކެކެވެ. އެއީ އެމެޖެންސީގައި އޮތް ބަލި މީހަކަށް ފަރުވާދެވޭހެން އިންތިޒާމުތައް ހަމަޖައްސާފައިވާ ފްލައިޓްތަކެއް ނޫނެވެ. ހަމަ އެކަނި ކުރެވޭނެ ކަމަކީ ބަލިމީހާ ބާއްވާނެ އެނދު (ސްޓްރެޗަރ) ހަރުކޮށްލުމެވެ.
- ފުރަތަމަ ކަމަކަށް މޯލްޑިވިއަންގައި ބޭނުން ކުރާ ފްލައިޓްތައް އުފައްދާފައިވަނީ ސްޓްރެޗަރ ބެހެއްޓޭ ގޮތަކަށް ނޫނެވެ. އެހެންކަމުން ސްޓްރެޗަރ ބަހައްޓަން ޖެހެނީ މެނުއަލް ކޮށް އެތައް މަސައްކަތެއް ކޮށްގެންނެވެ. އެއީ އެކަމަށް ވަގުތު ހޭދަވާ ނުރައްކާތެރި ކަމެކެވެ.
- ދެވަނަ ކަމަކީ ޑޮނިޔާ ނުވަތަ ހެލިކޮޕްޓަރާއި ޚިލާފަށް އޭގައި ވަސީލަތް ނެތުމެވެ. އެމެޖެންސީ ފަރުވާއަށް ބޭނުންވާ ވަސީލަތް ކޮންމެ ފަހަރަކު ޖެހޭނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ހޯދައިގެން ގެންނާށެވެ. އެކަމަށް އެތައް ވަގުތެއް ހޭދަވެއެވެ. އަދި އެއީ ޕްރަކްޓިކަލް ކަމެއްވެސް ނޫނެވެ. އެމެޖެންސީ ފަރުވާ އަކަށް ފުރަން އޮތް ބޯޓަކަށް އައިޖީއެމްއެޗްއިން އެއްޗެހި ހޯދައިގެން މޯލްޑިވިއަން ފްލައިޓަށް ދިޔުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
- ޑޮކްޓަރެއް ނެތުން، އަދި އެހީވާނެ މީހެއް ނެތުން: އެމެޖެންސީގައި އިވެކުއޭޝަން ހެދުމަށް، އަދި ވަގުތުން ފަރުވާ ދިނުމަށް ޑޮކްޓަރެއް ހޯދައިގެން އޭނާ ދަތުރަށް ރެޑީވެގެން އަންނަ އިރު، އެތައް ގަޑި އިރެއް ވެއެވެ. ނަމަވެސް އެމްއެންޑީއެފްގައި އެމަޖެންސީ ފަރުވާއަށް ހާއްސަ ކުރެވިފައިވާ ޑޮކްޓަރުން ވަގުތުން ބަލިމީހަށް ފަރުވާ ދިނުމަށް ތައްޔާރީ ހާލަތުގައި ތިއްބަވައެވެ.
- އެއަރޕޯޓަކަށް ޖައްސަން ޖެހުން: ކިތަންމެ އެމަޖެންސީއެއްގައި އޮތް މީހަކަސް، އެމީހަކު ޖެހޭނީ އެންމެ ކައިރީގައި އޮތް އެއަރޕޯޓްއަކަށް ލޯންޗެއް ނަގައިގެން ދާށެވެ. ފަޔެއް، ސްޕައިން ބިންދައިގެން ގޮސް އެމަޖެންސީ ފަރުވާ ބޭނުންވާ މީހާ، ލޯންޗެއްގައި ދަތުރު ކޮށްފައި އެއަރޕޯޓަށް ދެވޭއިރު އޮންނާނީ މަރުވެފައެވެ. ނުވަތަ ނުކުޅެދޭ މީހަކަށް އުމުރަށް ބަދަލު ވެފައެވެ. އިންޑިޔާއިން ދީފައި ހުންނަ ހެލިކޮޕްޓަރުތަކަކީ ކޮންމެ ތަނަކަށްވެސް ޖައްސައި ބަލިމީހާ ނަގައިގެން ދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއްޗެއްސެވެ.
- ޚަރަދު ބޮޑުވުން: މޯލްޑިވިއަން ފްލައިޓެއް ޗަރޓަރ ކުރާނަމަ އެތައް ލައްކަ ރުފިޔާއެއް އަރައެވެ. އެފައިސާ ދަނީ އާސަންދައިންނެވެ. އެއީ އެތައް ހާސް ބަލިމީހުންނަކަށް ރާއްޖެއިން ބޭރުން ލިބެންހުރި ފަރުވާއަށް ކަނޑައަޅާފައިވާ ބަޖެޓެވެ. އެހެންކަމުން ބަޖެޓް ނެތި، އޭގެ ސަބަބުން އެތައް ހާސް ބަލިމީހުންނަށް ދޭން އޮތް ފަރުވާ ގެއްލިގެން ދެއެވެ. ދެކޮޅުން ކުރެ ކޮންމެ ކޮޅަކުންވެސް ދިވެހިންނަށް އޮތީ މި ސަރުކާރުގައި މަރެވެ. ޑޮނިޔާއާއި، ދެ ހެލިކޮޕްޓަރަކީ ހިލޭ އިންޑިޔާއިން އެތަކެތީގެ މެއިންޓައިނަންސް އާއި، އެ ބަލަހައްޓާ ފަރާތުގެ ކެއުމާއި، ބުއިމާއި ހުރުން ބަލަހައްޓާ ތަކެއްޗެވެ. މެއިންޓައިނަންސް އަށް އެކަނި ކޮންމެ ވެހިކަލް އަކަށް މަހަކަށް 20-80 ހާސް ޑޮލަރު އިންޑިޔާ ސަރުކާރުން ހޭދަ ކުރައެވެ.
- ފަސިންޖަރުން އުފުލާ މަތިންދާބޯޓުތަކަށް މޫސުންތަން ނުދޭނަމަ މެޑިކަލް އިވެކުއޭޝަނެއް ނުހެދޭނެއެވެ. ޑޯނިއަރ އަކީ މޫސުން ގޯސްވިއަސް، އެމެޖެންސީ މެޑިކަލް ފަރުވާ ދިނުމަށް އުދުހޭ ގޮތަށް ތައްޔާރު ކޮށްފައިވާ ބޯޓެކެވެ.
- ފަސިންޖަރުންގެ މަތިންދާ ބޯޓެއްގެ ކެބިން މާހައުލަކީ، ހަލަބޮލިކަމާއި، ޕްރެޝަރަށް އަންނަ ބަދަލުތަކާއެކު، ސީރިއަސް ބަލި މީހުންނަށް އެންމެ އެކަށީގެންވާ މާހައުލެއް ނޫނެވެ. އޭގެ ސަބަބުން އެމީހުންގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުޞަތު އޮވެއެވެ.
- ގެއްލިގެން މީހުން ހޯދުމަށް، ކަނޑުގެ ސަރަހައްދުތައް ބެލުމަށް ބޭނުންވާ އެއްވެސް އެކަށޭނެ ވަސީލަތެއް ފަސަންޖަރުން އުފުލާ ބޯޓު ފަހަރު ތަކުގައި ނުހުރެއެވެ. އަދި އެފަދަ މޮޑިފިކޭޝަންއެއް ބޯޓަށް ގެނައުމަށްވުރެ، އެކަމަށް އެކަށޭނެ އާ ބޯޓެއް ގަތުން ވެސް މާ އަގުގެ ގޮތުން ހެޔޮވާނެއެވެ.
އެހެންކަމުން، މޮޑިފައިކޮށްގެން މުއިއްޒު ހަދަން އުޅޭ ޑޭޝް-8 ގެ މަތިންދާ ބޯޓަކީ މިކަމަށް އެކަށީގެންވާ އުޅަނދެއް ނޫނެވެ. މި އުޅެނީ އިތުރު އެތައް ބަޔަކު އެމެޖެންސީގައި ގަސްތުގައި މަރާލާށެވެ. ޑޭޝް-8 ގެ މަތިންދާ ބޯޓު މޮޅުކަމަށް ދައްކަން ފޮނި ކަނޑާލަން މުއިއްޒު ވަނީ އެއީ ތައިލެންޑަށްވެސް ދަތުރު ކުރެވޭނެ އެއްޗެއް ކަމަށް ބުނެ ދޮގުވެސް ހަދާފައެވެ. އެވަރަށް އެއަށް ފިއުލް ނޭޅޭތާގައި، މޮޑިފައިކޮށް ބަދަލު ގެނެސްފައިވާ ފްލައިޓެއް ބޭރުގައުމެއްގެ ރަންވޭ އަކަށް ޖައްސަން، ފުރަތަމަ ކަމަކަށް ހުއްދަ ނުދޭނެކަން ވެސް މީނައަކަށް ނޭނގެއެވެ. މުއިއްޒަށް ރައްޔިތުންގެ ފުރާނައަކީ އެއްވެސް މިންވަރަކަށް މުހިންމު އެއްޗެއް ނަމަ، މުއިއްޒުގެ އިހުމާލުން މަރާލެވިފައިވާ ދެކުދިން ސަލާމަތް ކުރުމަށް އެކަށޭނެ މަސައްކަތެއް ކުރީހެވެ. މުއިއްޒުގެ ހަމައެކަނި ސަމާލުކަން އޮތީ ވެރިކަމުގެ ތެރެއިން، މުއްސަނދި މަހުޖަނަކަށް ބަދަލުވުމެވެ.