ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަސައްކަތަށް މަދުވެގެން 700 މިލިއަން ޑޮލަރު ކޮންޓްރެކްޓަރުގެ އަތުން ހަރަދުކުރަންޖެހޭނެ ކަމަށް ލަފާކުރެއްވޭކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މިމަހު 05 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއީ ފުށިދިއްގަރުފަޅު ހިއްކަން ދިވެހިން އަތުންދާނެ އަދަދަށްވުރެ 200 މިލިއަން ޑޮލަރު ބޮޑު އަދަދެކެވެ.
އައްޑޫ ސިޓީގައި ވާދަވެރި ބިޑަކަށް ހުޅުވާލައިގެން ހިއްކަމުން ދާ، ސަރަހައްދު ހިއްކަމުން ދަނީ 150 ހެކްޓަރު 80 މިލިއަން ޔޫއެސް ޑޮލަރަށެވެ. އިންޑިޔާ ކުންފުންޏަކުން ހިއްކަމުން ދާ އައްޑު ޕްރޮޖެކްޓުގެ އަގަށް ބަލާލުމުން، ސަރުކާރުން ވާދަވެރި ބިޑަކަށް ގޮސްގެން ފުށިދިއްގަރުފަޅުގެ ހިއްކައިފިނަމަ މިކަމަށް ޚަރަދުވާނީ 700 މިލިއަން ޑޮލަރު ނޫންކަން ކަނޑައެޅިގެން އެނގެއެވެ.
އައްޑޫގައި ހިއްކަމުންދާ 150 ހެކްޓަރުގެ ބިން ހިއްކަމުންދާ ރޭޓުން ބަލާނަމަ، ފުށިދިއްގަރުފަޅުގެ 1200 ހެކްޓަރު ހިއްކުމަށް ހޭދަވާނީ 550 މިލިއަން ޑޮލަރެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުވާލުމަށް މިކަމުގައިވެސް ސަރުކާރުން ވަނީ ދޮގު ހަދާފައެވެ.
ސަރުކާރުން ފުށި ދިއްގަރުފަޅު ހިއްކަނީ 10 ހެކްޓަރުގެ ބިން ހުޅުމާލޭގެ އެންމެ މުހިންމު ހިސާބުން އާއި ފުށި ދިއްގަރުފަޅުން 60 ހެކްޓަރުގެ ބިން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަށް ދޭގޮތަށެވެ.
ސީއެމްސީއަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައިވާއިރު، ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދަނީ އެކުންފުންޏަކުން ނޫނެވެ. އެކުންފުންޏާއި ބޮސްކާލެސްއާއި ދިމާވި ފައިސާގެ މައްސަލައެއްގައި، ބޮސްކާލިސް އިން ވަނީ ސީއެމްސީއަށް މަސައްކަތް ކުރުން ހުއްޓާލާފައެވެ.
މިވަގުތު ފުށިދިއްގަރުފަޅު ހިއްކަމުން ދަނީ އެމްޓީސީސީގެ މުއައްޒަފުންނާއި ވަސީލަތްތައް ބޭނުން ކޮށްގެންނެވެ. އަދި އެކަމަށް ޚަރަދުވާ ފައިސާ އެހެން ޕްރޮޖެކްޓްތަކަށް ބަހާލައިގެންނެވެ. މި ސަރުކާރު ވަނީ ކޮރަޕްޝަން އާއި ވައްކަން އިންތިހާއަށް އިތުރުކޮށް، މުއިއްޒާއި ސަރުކާރުގެ ބާރުގަދަ ވެރިންތަކެއް މުއްސަނދި ކުރުމުގެ މަސައްކަތްތަކެއް ފަށާފައެވެ.