ޚަބަރު

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ, އަބުދުއްރަހީމްގެ ރުހުންނެތް ކެނޑިޑޭޓުންގެ ކެނޑިޑަސީ ބާތިލް ކުރަން ފަށައިފި

ދިޔަވަރު
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ, އަބުދުއްރަހީމްގެ ރުހުންނެތް ކެނޑިޑޭޓުންގެ ކެނޑިޑަސީ ބާތިލް ކުރަން ފަށައިފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ, ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ޗެއަރމަން, އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ރުހުން ނެތް ކެނޑިޑޭޓުންގެ ޕްރައިމަރީގެ ޓިކެޓް ކެންސަލް ކުރަން ފަށައިފިއެވެ.

ޕީޕީއެމް/ޕީއެންސީން މިއަދުވަނީ, ޕާޓީ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެކަށީގެންވާ ހިދުމަތެއް ކޮށްދީފައިނުވާ ކަމަށް ބުނެ އެޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރަން ހުށަހެޅި ބައެއް މެމްބަރުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފި އެވެ.

މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ހުށަހެޅި ބައެއް މެމްބަރުންނަށް ޕްރައިމަރީގައި ވާދަ ނުކުރެވޭނެކަން ވެރިކަން ކުރާ ކޯލިޝަނުން އަންގަން ފެށީ މިއަދުއެވެ.

ބައެއް މެމްބަރުންނަށް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނީ ޕާޓީ ބައިބައިކޮށް "ފިތުނަ އުފެދޭ ގޮތަށް" މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެވެ. ބައެއް ކެންޑިޑޭޓުންނަށް އެޕާޓީން މިއަދު ފޮނުވި ސިޓީތަކުގައި ބުނީ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ "އެކަށީގެންވާ ހިދުމަތެއް" ކޮށްދީފައިނުވާތީ ކަމަށެވެ.

ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވާފައިވާ ކަމަށް ނުފެންނާތީ، މަނިކުފާނުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމާފައިވާތީ، ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން.

ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ބައެއް މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ފިތުނަ އުފެއްދި ކަމަށް ޕީއެންސީ/ޕީޕީއެމް އިން ބުނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެވަޑައިގެންނެވި މައްސަލައިގައި އެމަނިކުފާނަށް ތާއީދު ކުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ބެލެވެ އެވެ.

މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ ...،"

ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ބައެއް ކެނޑިޑޭޓުންނަށް މިއަދު ފޮނުވި ސިޓީތަކުގައި ބުނެފައިވެ އެވެ.

ކޮރަޕްޝަނުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގަތީ ނޮވެމްބަރު، 2023، ގަ އެވެ. އެއަށްފަހު ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔާމީންއާ ގުޅުން ކަނޑާލާފައިވާ ކަމަށް ސަރުކާރުން ޕާޓީގެ ހަރަކާތްތައް ހުއްޓުވާފައިވާ ކަމަށެވެ.

އޭގެ ފަހުން ޕީޕަލް ނެޝަނަލް ފްރޮންޓުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ގެންދަވަނީ ކުރައްވަމުންނެވެ.