ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގައި ވައުދުވި ގޮތަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން, އަންނަ ހުކުރުދުވަހު މިފްކޯއާއި ދެކޮޅަށް މަސްވެރިން ބޮޑު އިހުތުޖާޖަކަށް ނިކުންނަން ނިމައިފިއެވެ.
ގދ. ތިނަދޫއިން ”ދިޔަވަރު އޮންލައިން“އާއި ވާހަަކަ ދެއްކި މީހަކު ކިޔައި ދިން ގޮތުގައި, ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވައުދު ވެފައިވަނީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނަކަމަށް ކަމުގައެވެ. އެހެންނަމަވެސް މިހާރުވެސް އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ނުލިބި އެބަހުރި ކަމަށާއި, ފައިސާ ލިބެމުންދަނީ އެތައް މަހެއް ފަހުން ކަމުގައިވެސް ”ދިޔަވަރު އޮންލައިން“އާއި ވާހަަކަ ދެއްކި މަސްވެރިން ބުނެފައި ވެއެވެ.
”ދިޔަވަރު އޮންލައިން“އާއި ވާހަަކަ ދެއްކި މަސްވެރިން ބުނެފައިވަނީ, މަސްކިޔާރާތާ 48 ގަޑިއިރުތެރޭ ފައިސާ ޖަމާކުރާނެކަމަށް ބުނެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަންދެން އިހުތިޖާޖު ކުރިޔަށް ދާނެ ކަމުގައެވެ.
މަސްވެރިން ބުނެފައިވަނީ މި އިހުތިޖާޖުގައި ދެކުނުގެ ހުރިހާ މަސްވެރި ދޯނިފަހަރުތައް ބައިވެރިވާއިރު, ރާއްޖޭގެ އުތުރުންވެސް އިހުތިޖާޖުގައި ބައިވެރިވުމަށް ދޯނިފަހަރުތައް ދާނެކަމުގައެވެ. އަދި މި އިހުތިޖާޖުގައި މަސްވެރިންނަށް ނުދީ ހުރި ފައިސާ ހޯދުމުގެ އިތުރުން އިތު 3 ކަމަކަށްވެސް ސަރުކާރަށް ޑިމާންޑު ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ. އެހެންނަމަވެސް އެ 3 ކަމެއް މަސްވެރިން ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ ފިޝަރީޒް މިނިސްޓަރ ޝިޔާމް ގދ. އަށް ކުރެއްވި ދަތުރުފުޅުގައި, އޭނާ ގދ, ތިނަދޫއަށް ކުރަން އޮތް ދަތުރު ވަނީ, އޭނާއާއި ދެކޮޅަށް އެރަށުގެ މަސްވެރިން މުޒާހިރާ ކުރަން ތައްޔާރު ވެފައިވަނިކޮށް ކެންސަލް ކޮށްފައެވެ.
ރައީސް މުއިއްޒު ގެންދަވަނީ ވެރިކަން ލިބިވަޑައިގަތުމުން ރިޔާސީ އިންތިޚާބުގައި ވި ގިނަ ވައުދުތަކަށް ޚިޔާނާތްތެރިވަމުންނެވެ. އެގޮތުން ވެރިކަން ލިބުމުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ނުކަނޑާނެކަމަށް ވައުދު ވުމަށްފަހު މުއިއްޒު މިހާރުވަނީ އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކި ކޮށްފައެވެ.