މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީކަމުގެ މަގާމުގައި މާނު ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނަގާފައިވާކަން ތަހުގީގަށް ހޯދާފައިވާ ކަމަށެވެ.
އެ މައްސަލައިގައި މާނުގެ މައްޗަށް ހަތް ދައުވާއެއް ކޮށްދިނުމަށް އޭސީސީން އެދިފައިވެ އެވެ. އެއީ؛
1. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
2. ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
3. ކުށެއް ކުރަން އެދުމުގެ ދައުވާ
4. ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
5. ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
6. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމުގެ ދައުވާ
7. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
އޭސީސީގެ އަމިއްލަ އިސްނެގުމަށް ބެލި މައްސަލައަށް ފަހު އޭސީސީން ބުނީ ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާ މާނުއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް މީހުންނާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.