ޚަބަރު

މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް 746 ޝަކުވާ ހުށަހަޅައިފި

ދިޔަވަރު
މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް 746 ޝަކުވާ ހުށަހަޅައިފި

މި އަހަރުގެ މާރިޗް މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި 284،337 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް، 746 ޝަކުވާ ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޝަކުވާ ހުށަހެޅުމުގެ މުއްދަ އިއްޔެ ހަމަވިއިރު އެޑްރެސް ބަދަލުވެގެން 450 ޝަކުވާ ލިބިފައިވާއިރު ދާއިރާ ބަދަލުވެގެން 40 ޝަކުވާ، މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި ވާތީ ލިބުނު 225 ޝަކުވާ،ލިސްޓްގައި ނަން ނެތިގެން 5 ޝަކުވާ، އައިޑީ ކާޑު ބަދަލުވެގެން އެއް ޝަކުވާ ވަނީ ލިބިފައެވެ.

އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނަކާއި، 145،162 ފިރިހެނަކަށް ވޯޓު ލެވެއެވެ. މިއާއެކު ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 284،327 އަށް އަރައެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން ގިނަވެގެން ވޯޓް ފޮއްޓަކަށް 700 މީހުންނަށް ވޯޓްލެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ, ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާތީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.