ކުރިޔަށް އޮތް ރައްޔިތުން މަޖިލިހުގެ އިންތިޚާބިގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ, ވީބީ ހުސެއިންގެ ޕްރައިމަރީ ޓިކެޓް ޕީއެންސީން ކެންސަލް ކޮށްފިއެވެ.
"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ ވީބީ ހުސެއިންގެ ޓިކެޓް ކެންސަލް ކޮށްފައިވަނީ އެދާއިރާއަށް ވާދަކުރުމަށް ނިންމާފައިވާ ހުސައިން ނާސިހްއަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރު ކޮށްދިނުމަށެވެ. ހުސައިން ނާސިހްއަކީ, ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ރައީސް މުއިއްޒު އަޔަން ކުރައްވާފައިވާ އަބްދުﷲ ނާސިރު (ހެރިންސް އައްލޯ)ގެ ގާތް އެކުވެރިއެކެވެ.
"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ޕީއެންސީގެ އިސް އޮފިޝަލު ވިދާޅުވީ ވީބީ ހުސެއިންގެ ޓިކެޓް ކެންސަލް ކޮށްފައިވަނީ އަބްދުﷲ ނާސިރު (ހެރިންސް އައްލޯ)ގެ ނުފޫޒުން ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމުގައެވެ.
ކުރިން މާލެ ސިޓީ ކައުންސިލަރުކަމުގެ މަގާމުގައި ހުންނެވި, އަބްދުﷲ ނާސިރު (ހެރިންސް އައްލޯ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވަނީ ރައީސް މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކުއެވެ. ހެރިންސް އައްލޯއަކީ ރައީސް މުއިއްޒުގެ ކޮރަޕްޝަންގެ ޑީލްތަކުގައި އެންމެ އަޑީގައި ހުންނެ އެއް ފަރާތެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ, ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ޗެއަރމަން, އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ރުހުން ނެތް ކެނޑިޑޭޓުންގެ ޕްރައިމަރީގެ ޓިކެޓް ޕީއެންސީން ދަނީ ކެންސަލް ކުރަމުންނެވެ.
އަދި ކެނޑިޑަސީ ބާތިލް ކުރުމަށް ނިންމި ބައެއް ކެނޑިޑޭޓުން ދަނީ އަބުދުއްރަހީމްއަށް ފައިސާ ދީގެން ޓިކެޓް އަލުން ކަށަވަރުވެސް ކުރަމުންނެވެ.
އެހެންނަމަވެސް ވީބީ ހުސެއިންގެ ޓިކެޓް ކެންސަލް ކޮށްފައިވަނީ, އެ ޓިކެޓް ހެރިންސް އައްލޯގެ އެކުވެރި ހުސައިން ނާސިހްއަށް ޕްރައިމަރީއަކާ ނުލާ ދިނުމަށް ރައީސް މުއިއްޒު އެންގެވުމާއި ގުޅިގެންނެވެ.
ވީބީ ހުސެއިންގެ ޓިކެޓްވެސް ކެންސަލް ކޮށްފައިވަނީ އެނާއަކީވެސް ޕީއެންސީއަށް އިޚްލާސަތެރި މީހެއް ނޫންކަމަށް ޕީއެންސީގެ ލީޑަރޝިޕުން ނިންމާއި ގުޅިގެންނެވެ. އޭނާގެ ޓިކެޓް ކެންސަލް ކުރިއިރު ވީބީ ހުސެއިންވަނީ ޕްރައިމަރީ ކެމްޕޭން ފުޅާކޮށް, ބޮޑު ޚަރަދެއްވެސް ކޮށްފައެވެ.
ޕީޕީއެމް/ޕީއެންސީގެ ބައެއް ކެނޑިޑޭޓުން ކިޔައިދިން ގޮތުގައި, ކުރިޔަށް އޮތް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ބައެއް ކެނޑިޑޭޓުންގެ ޓިކެޓް ކެންސަލް ކުރުމަށް ނިންމާފައިވަނިކޮށް, އެ ކެނޑިޑޭޓުންގެ ޓިކެޓް ކެންސަލްވިޔަ ނުދީ ހަމަޖެއްސުނީ އަބުދުއްރަހީމްއަށް ފައިސާ ދީގެންނެވެ.
ޕީޕީއެމް/ޕީޢެންސީގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ބައެއް މެމްބަރުންނަށް, އަބުދުއްރަހީމް ސޮއިކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ, އެމީހުންގެ ޓިކެޓް ކެންސަލް ކޮށްފައިވަނީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނީ ޕާޓީ ބައިބައިކޮށް “ފިތުނަ އުފެދޭ ގޮތަށް” މަސައްކަތްކޮށްފައިވާވާތީ ކަމުގައެވެ. އަނެއްބައި ކެންޑިޑޭޓުންނަށް އެޕާޓީން މިއަދު ފޮނުވި ސިޓީތަކުގައި ބުނީ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ “އެކަށީގެންވާ ހިދުމަތެއް” ކޮށްދީފައިނުވާތީ ކަމަށެވެ.