ޗައިނާގެ ނޭވީގެ ކަނޑުގެ އުޅަނދެއް މިމަހުގެ 30 ގައި ރާއްޖެއަށް އައުމަށް ހަމަޖެހިއްޖެއެވެ.
ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާގޮތުން ޗައިނާ ސަރުކާރުގެ އުޅަނދެއް ކަމަށްވާ "XIANG YANG HONG 03" މިހާރު ދަނީ ޖާވާ ކަނޑުން ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންނެވެ. އެ އުޅަނދު މާލެއަށް ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ މި މަހުގެ 30 ގަ އެވެ.
”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ގާތްގަނޑަކަށް 100 މީޓަރުގެ މި އުޅަނދަކީ, ޗައިނާގެ ނޭވީއަށް ނިސްބަތްވާ, ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މިވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ އެންމެ އުޅަނދެވެ.
އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޖާސޫސް ކުރާކަމަށް ބުނެ, އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިމުމަކަށް ގެނައިކަން މި ސަރުކާރުން ހާމަކޮށްފައިވަނީ ފާއިތުވި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުމުގައިވާގޮތުން އެ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން 6 މަސް ދުވަހުގެ ކުރިން އިންޑިއާއަށް އަންގަންޖެހެއެވެ. އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އައުވެގެންދެއެވެ. އެ އެއްބަސްވުން އައު ނުކުރުމަށް މިސަރުކާރުން ނިންމާ އެކަން މިހާރު އިންޑިއާއަށް އަންގަވާފައިވާކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާގެ ނޭވީ އުޅަނދު (އިންޑިއާގެ ސަބްމެރިންތަކަށް ޖާސޫސްކުރުމަށް) ރާއްޖެ އައުމަށް ހުއްދަ ދީފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސާވޭއެއް ހެދުމުގެ ނަމުގައެވެ. އަދި މި އުޅަނދު ރާއްޖެއަށް ފުރިހަމަ ކުރާންޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތްތައް ޓްރާންސްޕޯޓު މިނިސްޓްރީއިންނާއި އެމްއެންޑީއެފްއިން މިހާރު ވަނީ ފުރިހަމަކޮށް ނިންމާފައެވެ.
ނަންހާމަ ކުރުމަށް ބޭނުންނުވާ ސަރުކާރުގެ އިސް އޮފިޝަލަކު ”ދިޔަވަރު އޮންލައިން“އަށް ކިޔައިދިން ގޮތުގައި ޗައިނާގެ ނޭވީގެ އުޅަނދު ރާއްޖެ އަންނަނީ ރައީސް މުއިއްޒުގެ ސަރުކާރާއެކު ވެވޭ ސިއްރު އެއްބަސްވުމުގެ ދަށުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އިންޑިއާގެ ސަބްމެރިންތަކަށް ޖާސޫސް ކުރުމަށެވެ. އަދި މުޅި އިންޑިއާ ކަނޑުގައި ހަރަކާތްތެރި ވަމުންދާ ސަބްމެރިންތަކަށް މި އުޅަދަށް ރާއްޖޭގެ އެސްއީޒެޑްގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބުމުން ފާރަލެވޭނެކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ޗައިނާފެ ނޭވީގެ ވެސެލްއެއް ރާއްޖެ ގެނައުމަށް މުއިއްޒު ހުއްދަ ދިނުމާއި ގުޅޭގޮތުން ”ދިޔަވަރު އޮންލައިން“އާއި ވާހަކަ ދައްކަމުން ރާއްޖޭގެ ނޭޝަލް ސެކިއުރިޓީގެ ތަޖުރިބާކާރަކު ވިދާޅުވީ ޗައިނާގެ ނޭވީގެ ވެސެލްއެއް ރާއްޖޭގެ ކަނޑުގެ ސާވޭ ކުރަން ގެނައުމަކީ ރާއްޖޭގެ ނޭޘަނަލް ސެކިއުރިޓީއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމުގައެވެ.
އިންޑިއަން އޯޝަންގެ އެއް ކޮޅުގަ އޮތީ އެމެރިކާ, އަނެއްކޮޅުގަ އޮތީ އިންޑިއާ. އެހެންވީމަ އިންޑިއާ ކަނޑުގެ ސެކިއުރިޓީއަކި ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީއާއި ވަރަށް ބޮޑަށް ގުޅުން އޮތް ކަމެއް. ޗައިނާގެ ވެސެލްއެއް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރި ވާނަމަ އިންޑިއާގެ ސަބްމެރިންތަކަށް ފާރަލެވޭނެ. އެކަން އިންޑިއާއިންވެސް އެމެރިކާއިންވެސް ބަލައެއް ނުގަންނާނެ.
ރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއާއި އިތުރު ނޫސްތައް އަދި ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން، އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން އިއުލާންކުރި އިރު، އަންނަ މަހުން ފެށިގެން ޗައިނާގެ ރިސަރޗް ސަރވޭ ވެސެލް ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް މާލެއަށް ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ރާއްޖެއަކީ ޗައިނާ ޕްރޯ ގައުމެއް ނޫންކަމުގައެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ޗައިނާއާއެކު ސިއްރު އެއްބަސްވުންތައް ހަދަމުންދާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.