އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ, ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ޗެއަރމަން, އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ރުހުން ނެތް ކެނޑިޑޭޓުންގެ ޕްރައިމަރީގެ ޓިކެޓް ކެންސަލްކޮށް, އަލުން ފުރުސަތު ދިނުމަށް ކެނޑިޑޭޓުން އަތުން އަބުދުއްރަހީމް ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތުތައް ބޮޑު, ޕާޓީ އޮފީސްތެރޭގައި މާރާމާރީ ހިންގަމުން ދަނިކޮށް, ޕްރެޝަރަށް ކެތް ނުކުރެވިގެން, ހުރިހާ ކެނޑިޑޭޓުންނަވެސް ކުރިމަތިލެވޭގޮތަށް ޕީއެންސީން ނިންމައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ އެންމެންނަށް ޕްރައިމަރީގައި ބައިވެރި ވެވޭގޮތަށް ނިންމިއިރު, ކެނޑިޑަސީ ބާތިލްކުރި އެތައް ބައެއްގެ އަތުން އަބުދުއްރަހީމް ފައިސާ ނަގާފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ ޕާޓީގެ އޮފީސްތެރޭގައި މާރީމާރީ ހިންގާ ހިސާބަށް ކަންތައް ދިޔައީ, ކެނޑިޑޭޓުން އަތުން އަބުދުއްރަހީމް ފައިސާއަށް ޑިމާންޑް ކުރަމުން ގޮސް, އެކަމުގެ ޝަކުވާތައް ބޮޑުވެގެން ކަމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބުދުއްރަހީމް ވަނީ, ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށް ބުނެ ބައެއް ކެނޑިޑޭޓުން އަތުން 100,000 ރުފިޔާވެސް ނަގާފައެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ, ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތިނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅި ޝަކުވާތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހާ ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލް ވިދާޅުވީ, ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ކެނޑިޑޭޓުންނަށް ފަހި ކުރުމަށްފަހު, ޕާޓީން ހަދާ ޚާއްސަ ލިސްޓެއްގައި ހިމެނޭ ކެނޑިޑޭޓުން ނޫން އެހެން ކެނޑިޑޭޓުން, ވޯޓު އޮޅުވާލައިގެން ނަމަވެސް ނުހޮވޭނެކަން ޔަގީން ކުރުމަށް މުއިއްޒު އަންގާފައިވާ ކަމުގައެވެ.
މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ހުށަހެޅި ބައެއް މެމްބަރުންނަށް ޕްރައިމަރީގައި ވާދަ ނުކުރެވޭނެކަން ވެރިކަން ކުރާ ކޯލިޝަނުން އަންގަން ފެށީ, ޕާޓީ ބައިބައިކޮށް “ފިތުނަ އުފެދޭ ގޮތަށް” މަސައްކަތްކޮށްފައިވާވާތީ ކަމަށް ބުނެއެވެ.