ޚަބަރު

ޑރ. ޝަހީމަށް ހުޅުމާލެއިން ބޮޑު ބިމެއް ހިލޭ، "ކޮމިޝަން"ގެ ގޮތުގައި ފަޒުލްއަށް 3 މިލިއަން ރުފިޔާ، ބައި އަޅާ މީހުންގެ ތެރޭގައި ސާޖިދާގެ ބޮޑުބޭބެ ޝައިޚް މުހައްމަދު ލަތީފްވެސް ހިމެނޭ!

ދިޔަވަރު
ޑރ. ޝަހީމަށް ހުޅުމާލެއިން ބޮޑު ބިމެއް ހިލޭ، "ކޮމިޝަން"ގެ ގޮތުގައި ފަޒުލްއަށް 3 މިލިއަން ރުފިޔާ، ބައި އަޅާ މީހުންގެ ތެރޭގައި ސާޖިދާގެ ބޮޑުބޭބެ ޝައިޚް މުހައްމަދު ލަތީފްވެސް ހިމެނޭ!

އިސްލާމިކް މިނިސްޓަރުގެ ދަރިކަލުންނާއި އެމިނިސްޓްރީގެ މިނިސްޓަރުގެ ނައިބު އަލީ އަހުސަން އާއި އިސްލާމީ މަރުކަޒުގެ އިމާމް މުހައްމަދު ލަތީފްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ސްކޫލެއް ހިންގަން ހުޅުމާލެއިން ބޮޑު ބިމެއް ދީފި އެވެ.

އެޗްޑީސީން ވަނީ އެ ތިން ބޭފުޅުންގެ ހިއްސާ އޮންނަ "އަލް މަދީނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"އަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. މަދީނާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޝަހީމްގެ ގާތް އެކުވެރިޔާ އަދި އިސްލާމިކް މިނިސްޓަރުގެ ނައިބު އަހުސަނެވެ.

އަލް މަދީނާ އިންވެސްޓްމަންޓަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އުފެއްދި ކުންފުންޏެކެވެ. ނަމަވެސް ފަހުން އެ އެ ކުންފުނީގެ ޑރ. ޝަހީމް ހިއްސާ ވަނީ އިސްލާމީ މަރުކަޒުގެ އިމާމް މުހައްމަދު ލަތީފަށާއި އަހުސަނަށް މިދިޔަ އަހަރުގެ ނޮވެމްބަރު 22 ގައި ބަދަލުކޮށްފަ އެވެ.

ޝަހީމްގެ ހިއްސާ ބަދަލުކުރި ނަމަވެސް އެ ކުންފުނީގެ ހިއްސާދާރެެއްގެ ގޮތުގައި ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ހިއްސާ އޮކްޓޯބަރު 14، 2021 އިން ފެށިގެން އޮވެ އެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި, އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ, ހުޅުމާލެއިން, އިއުލާން ކުރުމަކާނުލާ ބޮޑު ބިމެއް ޑރ. ޝަހީމްއަށް ދީފައިވަނީ އެޗްޑީސީން ހުޅުމާލެއިން ބިންތައް ދޫކުރާ އުސޫލާވެސް ޚިލާފަށް ކަމަށާއި, ބިން ދޫކޮށްފައިވަނީ "ކޮމިޝަން"ގެ ގޮތުގައި ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދަށް 3 މިލިއަން ރުފިޔާ ލިބޭގޮތަށް ކަމަށެވެ.

އަލް މަދީނާ އިންވެސްޓްމަންޓަށް ހުޅުމާލެއިން ހިލޭސާބަހަށް, ބޮޑު ސްކޫލެއް އެޅުމަށް ބިން ދޫކޮށްފައިވާއިރު, އެތަނުގައި ކުރާ އިންވެސްޓްމަންޓަކީ ސީދާ މުއިއްޒުއާއި ގުޅުން އޮންނަ ވިޔަފާރިއެއްކަން ޔަގީންވަނީ, އަލް މަދީނާ އިންވެސްޓްމަންޓް ކުންފުނީގެ ހިއްސާ ދާރެއްގެ ގޮތުގައި ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑު ބޭބެ, އިސްލާމީ މަރުކަޒުގެ އިމާމް މުހައްމަދު ލަތީފްވެސް ހިމެނޭތީއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ސާޖިދާގެ ބޮޑުބޭބެ މުހައްމަދު ލަތީފްއަށް ވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރު ފެންވަރަށް މަތިކުރައްވައި، ހަމަޖައްސަވާފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްކޫލެއް އެޅުމުގެ ނަމުގައި, ރައީސް މުއިއްޒުގެ ހިއްސާވެސް އޮންނަ ގޮތަށް ހުޅުމާލެއިން ދިން ބިމުގައި ސްކޫލް އެޅުމަށްފަހު, ބިމުގެ ބޭނުންކޮށްގެން ޝޮޕިން ސެންޓަރެއްވެސް އެޅުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް އެ ޕްލޭން ސްކޫލު އެޅުމަށް ތައްޔާރު ކޮށްފައިވާ ޕްލޭން މިމަސައްކަތާއި ގުޅުންހުރި ކަރުދާސްތަކުން ފެންނާކަށް ނުހުރެއެވެ.

ޑރ. ޝަހީމް ފާހަގަވެގެން ގޮސްފައިވަނ, ރައީސް މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންގެ ތެރެއިން އެންމެ ކޮރަޕްޓް އެއް ވަޒީރުގެ ގޮތުގައެވެ.