ޗައިނާގެ ވައިސް މިނިސްޓަރ އޮފް ދި އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ، ސުން ހައިޔާން މި ހަފްތާގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި, ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ކަމާގުޅުންހުރި އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާތަކުގައި, "ޖޮއިންޓް އޯޝަން އޮބްޒަވޭޝަން ސްޓޭޝަން" ނަމުގައި ހދ. މަކުނުދޫގައި ޗައިނާގެ ގާއިމްކުރާ އަސްކަރީ މަރުކަޒާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިއްޖެއެވެ.
"ޖޮއިންޓް އޯޝަން އޮބްޒަވޭޝަން ސްޓޭޝަން" ނަމުގައި ހދ. މަކުނުދޫގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ގާއިމް ކުރުމަކީ, އެގައުމުން އިސް ނަގައިގެން, ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 2017 ވަނަ އަހަރުވެސް އަމަލީސިފަ ގެނައުމާއިހަމައަށް މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. އެހެންނަމަވެސް ޖެހިގެން އައި 2018ވަނަ އަހަރު ވެރިކަން ބަދަލުވުމާއެކު, މި މަޝްވަރާތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.
ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ޗައިނާގެ ވައިސް މިނިސްޓަރ ރައީސް މުއިއްޒުއާއެކު ބޭއްވެވި މަޝްވަރާތަކުގައި, މަކުނުދޫގައި ގާއިމްކުރާ އަސްކަރީ މަޒުކަރު ގާއިމްކުރުމަށް ދެގައުމުން އެއްބަސްވެފައިވާ ޓައިމްލައިންއާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
އެގޮތުން, މި އަސްކަރީ މަރުކަޒު މިއަހަރުގެ މެދެއްހާ ތާގައި އޮޕަރޭޝަނަލް ލެވެލްއަކަށް ގެނެވޭނެ ވަރުގެ މަގުޗާޓަކަށް އެއްބަސްވުމަށް ދެބޭފުޅުން މަޝްވަރާ ކޮށްފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ. އަދި އަސްކަރީ މަރުކަޒުގެ އެކްސްކުލޫސިވިޓީ (ތަން ބޭނުންކުރުމާއި އޮޕަރޭޓް ކުރުމުގެ ހުރިހާ އިޚްތިޔާރަކާއި ބާރެއް) ޗައިނާގެ އަސްކަރިއްޔާއަށް ދިނުމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗައިނާގެ ވައިސް މިނިސްޓަރުގެ ދަތުރުފުޅުގައި ޑިފެންސް މިނިސްޓްރީއާއެކު ބޭއްވުނު މަޝްވަތާތަކުގައި އެކަމަނާ ވަނީ, މަކުނުދޫގައި އަސްކަރީ މަރުކަޒު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް މޮބިލައިޒް ކުރުމަށް ބާރު އަޅުއްވާ ވާހަކަ ދައްކަވާފައެވެ.
ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު ފާއިތުވި ހަފްތާގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރަން ސޮއިކޮށްފައިވާ ސިއްރު އެއްބަސްވުމުގައި ވާގޮތުގެމަތިން, އަސްކަރީ ބޭސް އެޅުމަށް ކުރާންޖެހޭ ސާވޭ ކުރުމަށް ޗައިނާގެ އަސްކަރިއްޔާގެ ޓީމެއް އަންނަ މަހު 15ގައި ރާއްޖެ އައުމަށްވެސް ވަނީ ހަމަޖެހިއްޖެއެވެ.
މަކުނުދޫއަކީ ރާއްޖޭގެ އުތުރުން ހުޅަނގަށް ވާގޮތަށް, އިންޑިއާ ކަނޑުން ދަތުރުކުތާ އުޅަނދުތަކާއި ސަބްމެރިންތަކަށް ފާރަލެވޭގޮތަށް, މުހިންމު ލޮކޭޝަނެއްގައި އޮންނަ ރަށެކެވެ. އަދި އެރަށް އޮންނަނީ އިންޑިއާގެ ލަކްބަދުވީޕްގެ ރަށްތަކާވެސް ކައިރިއަށް ވާގޮތަށެވެ.
އެހެންކަމުން ޗައިނާއިން މި ރަށުގައި އަސްކަރީ ބޭސްއެއް ގާއިމް ކުރުމުން މުޅި އިންޑިއާ ކަނޑުގެ ސާވައިލަންސް ބެލެހެއްޓުމުގެ އިތުރުން އިންޑިއާ ކަނޑު ހުރަސްކޮށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް ޗައިނާގެ ނޭވީގެ ރާޑަރުތަކަށް ނާރާ ދަތުރެއް ނުކުރެވޭނެއެވެ.
މިއީ އިންޑިޔާއައި އާއި ވީހާވެސް ކައިރީގައި އަސްކަރީ މަރުކަޒުތައް ޤާއިމުކޮށް އިންޑިޔާ ކަނޑުގެ ހަމަ ޖެހުން ނަގާލައި، ހަނގުރާމައިގެ ތުންފަތްމައްޗަށް އިންޑިޔާ ކަނޑުގެ ސަރަހައްދު ގެނައުމަށް ޗައިނާއިން ރާވައިގެން ހިންގާ އަސްކަރީ ރޭވުންތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އަސްކަރީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
ސަރަހައްދީ ހަމަ ނުޖެހުން ނަގާލައި، އިންޑިޔާއާއި، ޗައިނާއާއި ދެމެދުގައި އޮތް ނުތަނަވަސް ކަމުގެ ތެރެއަށް، ދިވެހިރާއްޖެއިން ވަދެ، އިންޑިޔާގެ އަސްކަނި ދޮށަށް ޗައިނާގެ އަސްކަރިއްޔާ ގެނައުމަށް, ފައިސާގެ ދަހިވެތިކަމުގައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މި މަސައްކަތަކީ ދިވެހިންގެ ޤައުމިއްޔަތާއި ދިވެހިން ލޯބި ކުރާ އަމާން ދިރިއުޅުމުގެ މަސްލަހަތަށް ފުށުއަރާ ކަމެއްކަމަށް ގިނަ ދިވެހީންވެސް ދެކެއެވެ.
ރާއްޖެއަކީ ޗައިނާއާއި އިންޑިއާދެމެދު އޮތް ހަމަނުޖެހުމުގައި ފިތެން ބޭނުން ނުވާ ގައުމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް, މަކުނުދޫގައި އަޅާ ޗައިނާގެ މި މިލިޓަރީ ބޭސްގެ ސަބަބުން ޗައިނާއާއި އިންޑިއާއާ ދެމެދު އުފެދިގެންދާނެ ހަމަނުޖެހުމުގައި ހަގީގަތުގައި ގުރުބާން ވެގެންދާނީވެސް ދިވެހިރާއްޖެކަމަށްވެސް ސިޔާސީ އަދި އަސްކަރީ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.
އަދި މިއީ ފައިސާގެ ދަހިވެތިކަމުގައި ރައީސް މުއިއްޒު ދިވެހި ބިމުން ބައެއް ޗައިނާއަށް ވިއްކާލި ވިއްކާލުމެއްގެ ގޮތުގައިވެސް މި އެއްބަސްވުން ގިނަބަކު ދަނީ ސިފަކުރަމުންނެވެ.
ދިވެހި ޤައުމުގެ އެންމެ އިންޗިއެއްވެސް ބޭރުގެ ބައެއްގެ އަތް މައްޗަށް ނުދޭނެ ކަމަށް ބުނެ، ވެރިކަމަށް އައިސް މަކުނުދޫގައި ޗައިނާއިން މެރިޓައިމް ސެންޓަރެއްގެ ނަމުގައި މިލިޓަރީ ބޭސް އެއް އަޅަން ރައީސް މުއިއްޒު އެއްބަސްވުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ އެންމެ ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވަނީ ސިއްރު 10 އެއްވަސްވުމެއްގައި ސޮއި ކޮށްފައެވެ.