ރާއްޖޭގެ ވެރިރަށް މާލެއާ ދިމާލަށް ދަތުރުކުރަމުންދާ ޗައިނާގެ ކަނޑުގެ ޖާސޫސީ އުޅަނދު، ޒިއަންގް ޔަންގް ހޮންގް 03 ގެ ހަރަކާތްތައް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ދިފާއީ މަސްދަރުތަކުން ވަނީ އެ އުޅަނދު ހަރަކާތްތައް އިންޑިއާގެ ނޭވީއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެ އުޅަނދުގެ ހަރަކާތްތައް ބަލަމުން އަންނަ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިންޑިޔާއާއި އެކު ހަދާފައިވާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުން ޗައިނާގެ އޯޑަރަށް އުވާލުމަށްފަހު، އެއްމަސް ނުވަނީސް ޗައިނާގެ ޖާސޫސީ އުޅަނދެއް ރާއްޖޭ ގެނެސް ރާއްޖޭގެ ކަނޑުގެ އަޑީގެ މައުލޫމާތު ޗައިނާއަށް ވިއްކާލައި މުއިއްޒު ވަނީ ޤައުމަށް ޤައްދާރުވެފައެވެ.
އެކްސް (ކުރީގެ ޓްވިޓާ) ގައި detresfa_ ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން, ރާއްޖެއަށް ދަތުރު ކުރަމުންދާ ޒިއަންގް ޔަންގް ހޮންގް 03 އަކީ ކަނޑުގެ ސާވޭތައް ހެދުމުގެ ތާރީހެއް އޮތް ބޯޓެކެވެ. އިންޑިއަން އޯޝަން ރީޖަން (އައިއޯއާރު) އާއި ބޭ އޮފް ބެންގާލް އަދި އަރަބި ކަނޑު ފަދަ މުހިންމު ސްޓްރެޓެޖިކް ތަންތަނުން މި އުޅަނދު ވަނީ މީގެ ކުރިން ފެނި، ޗައިނާއާއި މެދު ނުތަނަވަސްކަން ވަނީ އުފެދިފައެވެ. ޖާސޫސީ އުޅަނދުތަކެއްގެ ގޮތުގައި ގިނަ ފަހަރަށް ބެލެވޭ ޗައިނާގެ އުޅަނދުތަކުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ތަކުރާރުކޮށް ވަންނަމުން ދާދިއުމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ޗައިނާގެ ޖާސޫސީ އުޅަނދު ރާއްޖެއަށް އަންނާނެ ކަމަށް ބެލެވޭ މި ދަތުރުފުޅަކީ ރައީސް މުހައްމަދު މުއިއްޒު އިސްވެ ހުންނަވައިގެން ރާއްޖޭގެ އާ ސަރުކާރުން ޗައިނާއާއެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާ ވަގުތެކެވެ. މުއިއްޒު ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ސިއްރު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރު ސަން ހައިޔާން ވަނީ މުއިއްޒު އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓްރެޓެޖިކް ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން ދިވެހިންނަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޗައިނާގެ އޮފިޝަލް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. އަދި މަކުނުދޫގައި ޗައިނާގެ އަސްކަރީ މަރުކަޒެއް އެޅުމުގެ މަސައްކަތާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.