މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވިއިރު އެއީ 2022 ވަނަ އަހަރުގެ މޭމަހު, ރައީސް ސާލިހުގެ ސަރުކާރުން އެގޮތަށް ނިންމަވާ, އަދި ތަންފީޒުވެސް ކުރައްވަމުން ގެންދަވާ ކަމެއްކަން ހާމަވެއްޖެއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމާއި ތިން ކައުންސިލަރުން ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާއި ހަވާލުކުރަން މި ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.
"އޭރުން އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ.
މާލޭގެ މޭޔަރާއި އަދި ކައުންސިލަރުން ހުވާކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް, 2022 ވަނަ އަހަރުގެ މޭމަހުގެ 28 ވަނަ ދުވަހު އއ. އުކުޅަހުގައި ކުރިއަށް ދިޔަ "ވިޔަވަތި" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ އަޑުއެއްސެވުމަށް ފަހު، ރައީސް ސާލިހު ވިދާޅުވެފައިވަނީ, އޭގެ ކުރިން, އަތޮޅު ފިހާރަތަކުން ލިބެމުން އައި ފާއިސާގެ ދެބައިކުޅަ އެއްބައި ކައުންސިލްތަކަށް ޖަމާކުރަމުން އައި ނަމަވެސް, އެއަށްފަހު, އަތޮޅު ފިހާރަތަކުން ލިބެމުންއައި ހުރިހާ ފައިސާއެއް ކައުންސިލްތަކަށް ލިބޭނެ ކަަމަށެވެ.
އަދި އެއަށްފަހު އެމްޑީޕީގެ ސަރުކާރުން ވަނީ އެ ސިޔާސަތު ތަންފީޒު ކުރައްވަމުންވެސް ގެންދަވާފައެވެ.
މި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި, އެމްޑީޕީގެ ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ގިނަ ސިޔާސަތުތަކެއް ނަކަލްކޮށް, އަދި ތަންފީޒު ކޮށްފައިވާ އެތައް ސިޔާސަތެއް އަލުން ތަންފީޒުކުރާނެކަމަށް ވިދާޅުވެ, އެކަންކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތް ކުރާކަން ފާހަގަ ކޮށްލެވެ.
މާލޭ ނޯތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާތީ ބައެއް ކައުންސިލްތަކުން ކުރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންނަމަވެސް އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދާފައިވި ނަމަވެސް, އެ ފިހާރަތަކުން ލިބޭ ހުރިހާ އާމްދަނީއެއް އެމްޑީޕީ ސަރުކާރާ ހަމަޔަށް އަންނަންދެން އެކީ އޮތޮޅުތަކަށް ލިބޭގޮތް ވަނީ ނުވެފައެވެ.