ރާއްޖޭގެ ވެރިރަށް މާލެއާ ދިމާލަށް ދަތުރުކުރަމުންދާ ޗައިނާގެ ކަނޑުގެ ޖާސޫސީ އުޅަނދު، ޒިއަންގް ޔަންގް ހޮންގް 03 ރާއްޖެއާ ދިމާލަށް ދަތުރު ކުރަމުންދާކަމަށް ސަރުކާރުން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އިންޑިއާގެ ކަންބޮޑުވުމާ ހެދި ސްރީ ލަންކާ ސަރަހައްދަށް ނުވެއްދި ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެއަށް ދަތުރު ކުރަމުންދާ ކަމުގައެވެ. އަދި ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި އުޅަނދު ރާއްޖޭގައި ބަނދަރު ކުރިޔަސް އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށެވެ.
އެހެންނަމަވެސް, ބައިނަލް އަގުވާމީ ނޫސްތަކުންވެސް ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އުޅަނދު ސްރީ ލަންކާ ސަރަހައްދަށް ވަނުމަށް އިންޑިއާއިންނާއި ސްރީ ލަންކާއިންވެސް ދެކޮޅު ހެދީ ކަނޑުގައި ދުއްވާ އުޅަނދުތަކާއި ސަބްމެރިންތައް ޖާސޫން ކުރުމަށް ބޭނުންކުރާ ރާޑަރުތަކާއި ސޯނާރ އެކުއިޕްމަންޓަ ތަކާއި, ކަނޑުގެ އަޑިން ދަތުރުކުރާ ސަބްމެރިންތައް ދެނެގަތުމަށް ބޭނުންވާ އޮޕްޓިކަލް އެކުއިޕްމަންޓަތައްވެސް މިއުޅަނދުގައި ހުރުމުން ކަމުގައެވެ.
ރާއްޖޭގެ ވެރިރަށް މާލެއާ ދިމާލަށް ދަތުރުކުރަމުންދާ ޗައިނާގެ ކަނޑުގެ ޖާސޫސީ މި އުޅަނދުގެ ހަރަކާތްތައް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ދިފާއީ މަސްދަރުތަކުން ވަނީ އެ އުޅަނދު ހަރަކާތްތައް އިންޑިއާގެ ނޭވީއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެ އުޅަނދުގެ ހަރަކާތްތައް ބަލަމުން އަންނަ ކަމަށް ކަށަވަރުކޮށްދީފަ އެވެ.
އިންޑިޔާއާއި އެކު ހަދާފައިވާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުން ޗައިނާގެ އޯޑަރަށް އުވާލުމަށްފަހު، އެއްމަސް ނުވަނީސް ޗައިނާގެ ޖާސޫސީ އުޅަނދެއް ރާއްޖޭ ގެނެސް ރާއްޖޭގެ ކަނޑުގެ އަޑީގެ މައުލޫމާތު ޗައިނާއަށް ވިއްކާލައި މުއިއްޒު ވަނީ ޤައުމަށް ޤައްދާރުވެފައެވެ.
ރާއްޖެއަށް ދަތުރު ކުރަމުންދާ ޒިއަންގް ޔަންގް ހޮންގް 03 އަކީ ކަނޑުގެ ސާވޭތައް ހެދުމުގެ ތާރީހެއް އޮތް ބޯޓެއްކަމަށްވެސް ކަމާއި ގުޅުންހުރި ފަރާތްތަކުން ބުނެފައި ވެއެވެ. އިންޑިއަން އޯޝަން ރީޖަން (އައިއޯއާރު) އާއި ބޭ އޮފް ބެންގާލް އަދި އަރަބި ކަނޑު ފަދަ މުހިންމު ސްޓްރެޓެޖިކް ތަންތަނުން މި އުޅަނދު ވަނީ މީގެ ކުރިން ފެނި، ޗައިނާއާއި މެދު ނުތަނަވަސްކަން ވަނީ އުފެދިފައެވެ. ޖާސޫސީ އުޅަނދުތަކެއްގެ ގޮތުގައި ގިނަ ފަހަރަށް ބެލެވޭ ޗައިނާގެ އުޅަނދުތަކުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ތަކުރާރުކޮށް ވަންނަމުން ދާދިއުމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ޗައިނާގެ ޖާސޫސީ އުޅަނދު ރާއްޖެއަށް އަންނާނެ ކަމަށް ބެލެވޭ މި ދަތުރުފުޅަކީ ރައީސް މުހައްމަދު މުއިއްޒު އިސްވެ ހުންނަވައިގެން ރާއްޖޭގެ އާ ސަރުކާރުން ޗައިނާއާއެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާ ވަގުތެކެވެ. މުއިއްޒު ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ސިއްރު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރު ސަން ހައިޔާން ވަނީ މުއިއްޒު އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓްރެޓެޖިކް ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން ދިވެހިންނަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޗައިނާގެ އޮފިޝަލް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. އަދި މަކުނުދޫގައި ޗައިނާގެ އަސްކަރީ މަރުކަޒެއް އެޅުމުގެ މަސައްކަތާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.