ފާއިތުވި ދޮޅު މަސްތެރޭގައި ގުޅީފަޅާއި، އުތުރު ތިލަފަޅާއި، ހުޅުމާލެއިން ގޯތި ދީފައިވާ ފަރާތްތައް ވަނީ އެ ފަރާތްތަކުގެ ހައްޤު ހޯދުމަށް ތެދުވެފައެވެ. އެގޮތުން އޭސީސީއަށާއި ހައުސިންގ މިނިސްޓްރީއަށް ގޯތި ލިބުނު ފަރާތްތައް ވަނީ ގޮސް، މުޒާހަރާ ވެސް ކޮށްފައެވެ. މުއިއްޒު މަސައްކަތް ކުރަމުން ދަނީ، އެކި އުޒުރުތައް ދައްކައި، ފުށިދިއްގަރު ފަޅަށް ގޯތިތައް ބަދަލު ކުރުމަށެވެ. ފުށިދިއްގަރުފަޅު އާބާދު ކުރުމަށެވެ. ނަމަވެސް، ގޯތި ލިބުނު އެއްވެސް ފަރާތަކުން ފުށި ދިއްގަރު ފަޅަށް ދާން ބޭނުން ނުވާކަށް މުއިއްޒަށް މިހާރު ވަރަށް ސާފުކޮށް އެނގިލައްވައެވެ. މާ ބޮޑަށް ކަންބޮޑުވެގެން އެ މަނިކުފާނު އެ އުޅުއްވަނީ އެކަމާއި އެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ހިއްކަން ކަނޑައެޅި ބިންތަކުން، މާލޭގެ ރައްޔިތުންނަށާއި، އަދި ރާއްޖޭގެ އެހެން ރަށްރަށުން މާލެއަށް ހިޖުރަކޮށް 20 އަހަރު ވަންދެން ދިރި އުޅެފައިވާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގޯތި ލިބެން އެބަހުއްޓެވެ. އެހެންކަމުން، ރައީސް ސޯލިހް ފެއްޓެވި މަސައްކަތް ނިންމާ ހިސާބުން، މާލޭގައި އޮތް ގޯތި ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލު ލިބިގެން ދާނެއެވެ. އަދި މި ހައްލު ލިބިގެން ދާނީ އިޤްތިޞާދީ އެހެނިހެން ސިނާއަތްތަކަށް ބުރު ނާރާހެންނެވެ. މި ހައްލު ހޯދައި ދިނުމަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަސައްކަތް މުއިއްޒު ކޮށް ނިންމައިފި ނަމަ، މިކަމުން މުއިއްޒަށް ލިބޭނެ ސިޔާސީ މަންފާއެއް ނެތްކަމަށް ބަލައި، ފުށިދިއްގަރުފަޅުގެ މަސައްކަތް ފެށީ، ޤައުމުގެ މަސްލަހަތަށް ވުރެ، އަމިއްލަ މަސްލަހަތު އިސްކޮށް މިކަމުގައި އެއްވެސް ރޭވުމެއް ނެތިއެވެ.
ފުށި ދިއްގަރުފަޅު ހިއްކަން 70 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް ދީފައި ވާއިރު، ފުށި ދިއްގަރުފަޅު އަބާދު ކުރާނެ ގޮތެއް ނެތެވެ. މާލޭ މީހުން މާލެއިން ފައިބާގެން ފުށިދިއްގަރު ފަޅަށް ނުދާނެއެވެ. ރާއްޖޭގެ އެހެން ރަށްރަށުން މީހުން ގެންނަން އަދި މާ ދަތި ވާނެއެވެ. އަންޑަރ ވޯޓަރ ޓަނަލް އެއްގެ ވާހަކަ އެ ދެއްކީ، އެހެންވެއެވެ. މުޅި ފުށި ދިއްގަރުފަޅު، ވިއްކާލިއަސް އަންޑަރ ވޯޓަރ ޓަނަލް އެއް އަޅާނެހާ ފައިސާއެއް ސަރުކާރަކަށް ނުލިބޭނެއެވެ.
މިހާރުވެސް، މާދަމާ މުސާރަ ދޭނެ ފައިސާކޮޅެއްވެސް، ބަޖެޓުގައި ނެތް އިރު، ތަކެތީގެ އަގު ދަނީ ކުރިއަށް ވުރެ ބޮޑު ވަމުންނެވެ. ރާއްޖޭގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަނީ ދުވަހަކަށް ފަހު ދުވަހެއް ދަށް ވަމުންނެވެ. ޑޮލަރު ލިބުމުގެ ދަތިކަން ވަނީ ފާއިތުވި 8 އަހަރަށް ވުރެ އިތުރު ވެފައެވެ. މިހެން މިކަން ހިނގަމުންދާއިރު، ޤައުމަށް ބޭނުންވަނީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އެއްވެސް ފައިދާއެއް ނެތް މުއިއްޒުގެ އިގޯ ޕްރޮޖެކްޓެއް ނޫނެވެ. ރައްޔިތުންނަށް ކަމެއް ކޮށްދިނުމެވެ.
5 އަހަރުގެ ދައުރެއް ނިމިގެން ދާއިރު، ފުށިދިއްގަރުފަޅު އޮންނާނީ ފަޅަށެވެ. ދައުލަތުގެ ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއް އިސްރާފު ކޮށްފައެވެ. މުއިއްޒްއާއި މެދު މުޅި ޤައުމުގައި ނަފްރަތު އުފެދި، ވެރިކަމުން ބޭލުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންހެން ބޭނުން ވެފައެވެ.