ޚަބަރު

ޗައިނާގެ ފަތުރުވެރިންނަށް ބަރޯސާ ވުމުގެ ނުރައްކާ! ޗައިނާއިން ފަތުރުވެރިކަން ބޭނުންކުރަނީ ހަތިޔާރެއް ގޮތުގައި!

ދިޔަވަރު
ޗައިނާގެ ފަތުރުވެރިންނަށް ބަރޯސާ ވުމުގެ ނުރައްކާ! ޗައިނާއިން ފަތުރުވެރިކަން ބޭނުންކުރަނީ ހަތިޔާރެއް ގޮތުގައި!

ޗައިނާގެ އޮންނަނީ ކޮމިއުނިސްޓް ސަރުކާރެކެވެ. އެގައުމުގެ ސަރުކާރުން ކުޑަ އިޝާރަތެއް ކޮށްލިއަސް ފަތުރުވެރިން ފޮނުވުން ހުރިހާ ޓްރެވަލް އެޖެންސީ ތަކުން ހުއްޓާލައެވެ. މީގެ ކުރިން ޗައިނާ ވަނީ ފަތުރުވެރިކަން އިޤްތިޞާދީ ހަތިޔާރެއް ގޮތުގައި ގައުމުތަކާއި ދެކޮޅަށް ބޭނުން ކޮށްފައެވެ. ޗައިނާގެ ފަތުރުވެރިންނަށް ބަރޯސާ ވުން ނުރައްކާވަނީ މިހެންވެއެވެ.

މުއިއްޒު ވަނީ ޗައިނާއިން ގިނަ ފަތުރުވެރިންތަކެއް ގެނައުމަށް މަސައްކަތް ފަށާފައެވެ. ނަމަވެސް މި މަސައްކަތަކީ ކިހާ ކާމިޔާބު މަސައްކަތެއް ކަމެއް ދެނެގަތުމަށް ވަގުތު ބޭނުންވެއެވެ.

ޗައިނާގެ ސަރުކާރުން ފަތުރުވެރިކަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށް ޤައުމުތަކުގެ އިޤްތިޞާދަށް ދީފައިވާ ބައެއް ގެއްލުންތަކަށް ބަލާލާނަމެވެ.

  • 2017 ވަނަ އަހަރު ދެކުނު ކޮރެއާއިން ތާޑް މިސައިލް ޑިފެންސް ސިސްޓަމް ބެހެއްޓުމަށް ނިންމިއިރު، ޗައިނާއިން އެކަމާ ދެކޮޅު ހެދި އިރު، ޗައިނާގެ ޓޫރިސްޓުން ސައުތުކޮރެޔާއަށް ދިޔުން ޗައިނާ ސަރުކާރުން މަދުކޮށްލިއެވެ. މިގޮތުން ޗައިނާއިން، ކޮރަޔާއަށް ދާ ޓޫރިސްޓުންގެ އަދަދު 40 ޕަސެންޓު ދަށްކޮލިއެވެ. މީގެ ސަބަބުން ދެކުނު ކޮރެއާގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
  • ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ޗައިނާއާ ދެމެދު އުފެދިފައިވާ ކަނޑުގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލަކުން 2016 ވަނަ އަހަރު ވަނީ ފިލިޕީންސްއާ އެއްކޮޅަށް ހުކުމްކޮށްފަ އެވެ. ޗައިނާއިން މިކަމާއި ހިތްހަމަ ނުޖެހި، ފިލިޕީންސަށް ޗައިނާގެ ޓޫރިސްޓުން ދާ މިންވަރު މަދުކޮށްލިއެވެ. އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 60 ޕަސެންޓް ދަށަށް ދިޔަ އެވެ.
  • ތައިލެންޑާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދުނީ 2013 ވަނަ އަހަރު ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ޗައިނާގެ ފަޅުވެރިން ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކުރުމާ ގުޅިގެންނެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ޗައިނާގެ ޓްރެވަލް އެޖެންސީތަކުން ވަނީ ތައިލެންޑަށް ބުކިން ހެދުން މަދުކޮށްފައެވެ.
  • ޖަލަށްލާފައިވާ ޗައިނާގެ ވެރިއެއް ކަމަށްވާ ލިއު ޒިއާއޯބޯއަށް ސުލްހައިގެ އިނާމު 2010 ވަނަ އަހަރު ނޯވޭއިން ދިނުމުން ޗައިނާއިން ވަނީ ރުޅިވެރިކަމާއެކު އެކަމަށް ރައްދު ދީފައެވެ. އެކަމާއި ގުޅިގެން ނޯވޭއަށް ޗައިނާއިން ދިޔަ ފަތުރުވެރިންގެ އަދަދު 90 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
  • ޓައިވާނާ އެކު ސިޔާސީ ގުޅުން ބަދަހިކުރާ ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ޕަލާއުއަށް ޗައިނާއިން ދަނީ ޕްރެޝަރު ކުރަމުންނެވެ. ފާއިތުވި އަހަރުތަކުގައި ޗައިނާއިން ޕަލާއުއަށް ދާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މުއިއްޒު މަސައްކަތް ކުރަމުން ދަނީ ޗައިނާއާއި އެކު، މިލިޓަރީ ބޭހެއް މަކުނުދޫގައި އެޅުމަށެވެ. އަދި މިހާރުވެސް ރާއްޖެއަށް ޗައިނާގެ ޖާސޫސީ އުޅަނދެއް ދަނީ ދަތުރު ކުރަމުންނެވެ. އެހެންކަމުން، އެއްވެސް ސަބަބަކާއި ގުޅިގެން މިއިން ކަމެއް ވެރިކަން ބަދަލުވެގެން ޗައިނާއަށް ނުވެއްޖެ ނަމަ، މުޅި ދިވެހި ޤައުމު އިނދަ ޖައްސާލުމަށް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން ހުއްޓުވުމަކީ ވަރަށް ކައިރި ކަމެކެވެ.