ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. އެއީ ދިވެހިރާއްޖޭގެ އެގެން އޮތް 2,500 އަހަރުގެ ދިގު ތާރީޚުގައިވެސް އެކަން އޮތް ގޮތެއްވެ. ގަދީމީ ޒަމާނުއްސުރެވެސް ދިވެހިން ދިރިއުޅެފައިވަނީ އަނެކުންގެ ކުރިމަތީގައި އަޅުވެތި ވުމުގެ ގޮތުން ކަނދުރާ ތިރިކޮށްގެނެއް ނޫނެވެ. ދިވެހީންނަކީ އަނެކުންގެ އުނގަށް ވެއްޓި, އަޅިވެތިކަން ގަބޫލުކޮށް, އެއްވެސް ޒަމާނެއްގައި ދެކަކޫމައްޗަށް ތިރިވި ބައެއް ނޫނެވެ.
އޭގެ އެންމެ ބޮޑު ހެއްކަކީ, އަސްކަރީގޮތުން އާރެއް ބާރެއް ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮވެމެވެސް ފާއިތުވެދިޔަ އެއްވެސް ޒަމާނެއްގައި ބޭރުގެ އެއްވެސް އަސްކަރީ އެއްވެސް ބާރަކަށް ދިވެހީންގެ މައްޗަށް އަތްގަދަ ކޮށްގެން މި ފަސްގަަޑަށް ވެރިވެގަނެގެން ދެމި ތިބެވިފައި ނެތްކަމެވެ.
ޕޯޗުގީޒުންނަށްވެސް, ހޮޅީންނަށްވެސް އަދި ތަމަޅައިންނަށްވެސް މިގައުމުގެ މިނިވަންކަން އެއްވެސް ހަމަޔަކުން ނިގުޅައެއް ނުގަނެވުނެވެ. އަދި ފަހުގެ ތާރީޚްތަކުގައިވެސް, އިގްތިސާދީ ގޮތުންވެސް އަދި ޚާރިޖީ ގޮތުންވެސް އެއްވެސް ގައުމަކަށް ދިވެހިރާއްޖެ އަޅުވެތި ކުރެވިފައި ނުވާއިރު, ފާއިތުވި ދައުރުތަކުގައި ދިވެހިރާއްޖޭގައި ވެރިކަންކޮށްފައިވާ ވެރީން ގައުމުގެ ލަގަން އެހެން ގައުމެއްގެ މުށުތެރެއަށް ދޫކޮށްލާފައި ނުވާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ރައީސް މައުމޫންގެ ދައުރުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ އެއްވެސް އަތަކަށް ބުރަނުވާ މިނިވަން ސިޔާސަތެއްގެ ގޮތުގައެވެ. އެއަށްފަހު ރާއްޖެ ދުށް ޒަމާނީ ޑިމޮކްރަސީގައި ވެރިކަން ކުރެއްވި ވެރީންކަމުގައިވާ ރައީސް ނަޝީދާއި, ރައީސް ވަހީދުގެ އިތުރުން ރައީސް ޔާމިންއާއި ރައީސް ސާލިހުގެ ދައުރުގައިވެސް, މި ސިޔާސަތު އެބީދައިން ދަމަހައްޓާފައި ވެއެވެ.
ރައީސް ޔާމިންގެ ދައުރުގައި ޗައިނާއާއެކީ ޚާއްސަ ގުޅުންތަކެއް ދަމަހައްޓާ, އަދި ރައީސް ސާލިހުގެ ދައުރުގައި އިންޑިއާއެކީ ޚާއްސަ ގުޅުން ތަކެއް ދެމެހެއްޓި ނަމަވެސް, ގައުމުގެ ލަގަން ދޫކުރައްވާ އެގައުމުތަކުގެ ގޮނޑިކޮއްކޮ ވެރީންގެ ގޮތުގައި އެބޭފުޅުން ވެރިކަން ކުރައްވާފައި ނުވާކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމާއެކު މިއަދު ފެންނަމުންދާ މަންޒަރުތަކުން, އެދުވަސް މާޒީވެ ހިގައްޖެ ކަމުގައި ގަބޫލުކުރާން މިއަދު މަޖުބޫރު ވެއްޖެއެވެ.
ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު, ދިވެހިރާއްޖޭގެ އިސްތިގުލާލު ނަގަހައްޓަވާ, ސަލާމަތް ކުރައްވާނޭކަމުގެ ވައުދުތައް ވެވަޑައިގެންނެވި ނަމަވެސް, ވެރިކަމަށް އެންމެ ދެމަސްވީއީއިރު އެ ވައުދުތައް ބޮލާލާޖަހާ, މުޅިގައުމުގެ ލަގަން އެމަނިކުފާނު ވަނީ ޗައިނާއަށް ދޫކޮށްލައްވާފައެވެ.
ތިމަން މަނިކުފާނަކީ ހަމައެކަނި "ދިވެހިރާއްޖެ ޕްރޯ" ވެރިއެއްކަމަށް ވިދާޅުވެ, ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ރައީސް މުއިއްޒުވަނީ ޗައިނާގެ އަތްމައްޗަށް ދޫކޮށްލައްވާފައެވެ.
އެގޮތުން ދާދިފަހުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައިވަނީ, ހދ. މަކުނުދޫގައި ޗައިނާގެ އަސްކަރީ ބޭސްއެއް ގާއިމްކުރުމުގެ ސިއްރު އެއްބަސްވުމުގައި ސޮއި ކުރައްވާފައެވެ. އެއާއެކު, ޗައިނާގެ ޖާސޫސީ އަސްކަރީ އުޅަނދެއް މިމަހުގެ 30 ގައި ރާއްޖެއަށް އައުމުގެ ހުއްދަ ދޫކޮށް ރައީސް މުއިއްޒު މިވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކޯޅުންތަކުގެ ތެރެއަށް ދިވެހިރާއްޖެ ޢަރަގު ކޮށްފައެވެ.
އޭގެ އިތުރުންވެސް ލޭންދޭނަށް ބޮޑެތި އަދަދުތަކުން ޗައިނާއިން ލޯނުތައް ނަގާ, ހިއްކަމުންދާ ފުށިދިއްގަރު ފަޅުގައިވެސް ހިންގާ ބޮޑެތި މަޝްރޫއުތަކަކީ ޗައިނާގެ ލޯނުތަކުގެ ދަންތުރައަކަށް ރައީސް މުއިއްޒު މިހާރުވަނީ ހައްދަވާފައެވެ.
ރައީސް މުއިއްޒު މި ސިޔާސަތުތަކާއެކު, ޗައިނާއަށް ރާއްޖެ އަޅުވެތިވެފައިވާ މިންވަރު އެންމެ ބޮޑަށް ރަމްޒު ކޮށްދީފައިވަނީ, ޗައިނާގެ ވައިސް މިނިސްޓަރ އޮފް ދި އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ، ސުން ހައިޔާން މި ހަފްތާގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި, އެކަމަނާ ރައީސް މުއިއްޒުއާއި ބައްދަލު ކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވުމުން, އޭނާއާއި ސަލާމް ކުރައްވަމުން, ބޯ ގުދުކޮށް, މިހާރުގެ ފޮރިން މިނިސްޓަރު އޭނާއަށް ކުރެއްވި ކުރުނީހުންނެވެ.
ސުން ހައިޔާންއާއި ސަލާމް ކުރެއްވުމަށް މޫސާ ޒަމީރު ކަނދުރާ ތިރިކޮށްލެއްވި ގޮތާއި މިންވަރުން, ޗައިނާގެ ރުހުން ހޯދުމަށް މޫސާ ޒަމީރު ފެން ބޮވައިގެންފައި ހުރި މިންވަރު ވަރަށްވެސް ބޮޑަށް ވަޒަކުރެވިގެން ދެއެވެ.
އަޅުވެތިކަން ގަބޫލުކޮށް, ޗައިނާގެ އުނގަށް މިސަރުކާރު ވެއްޓި, ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މިނިވަންކަން ގެއްލިފައި އޮތް މިންވަރު މި ފޮޓޯއިންވަނީ ވަރަށްވެސް ރަނގަޅަށް ވަޒަން ކޮށްދީފައެވެ.
އެހެންނަމަވެސް މި ސަރުކާރު ދަންނާވީ ހަގީގަތަކީ މި އަޅުވެތިކަން ދިވެހީން ދުވަހަކުވެސް ބަލައި ނުގަންނާނޭ ކަމެވެ. ދިވެހީންގެ އިސްތިގުލާލު އެހެންގައުމެއްގެ މުށުތެރެއަށް ދިވެހީން ދޫނުކޮށްލާނޭކެމެވެ. މިނިވަންކަމަށްޓާކާ ދިވެހި ރައްޔިތުން ލޭ އޮހޮރުވާލަންވެސް ފަހަތައް ނުޖެހޭނޭ ކަމެވެ.