ރާއްޖޭގެ ދެކުނު އޮންނަ ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން އެ ޖަޒީރާއާ ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުން ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް މި ސަރުކާރުން ބުނާ ސަރަހައްދު ހޯދަން ކުރާ މަސައްކަތުގައި ބައިވެރިވާ ބޭރުގެ ދެ ތަޖުރިބާކާރުންނަށް ކުރާ ހަރަދާއި އެ މީހުންނާ ގުޅޭ މައުލޫމާތު ހޯދުމަށް އެދުމުން ސަރުކާރުން އެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެ ތަފުސީލުތައް ހޯދުމަށް ރާއްޖޭގެ މަޝްހޫރު "އަދަދު" ނޫހުން އެދުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެކަމާއި ދެކޮޅު ހަދާފަ އެވެ. އެ އޮފީހުން ބުނީ ބޭރުގެ ފަރާތްތަކުގެ ނަންތަކާއި ހަރަދު ސިއްރުކުރުމުގެ މާއްދާއެއް ތަޖުރިބާކާރުންނާ އެކު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެފަދަ މާއްދާއެއް ހިމެނުމުގައި އޮތީ ކޮން ބައެއްގެ މަސްލަހަތުތޯ ސާފުވެފައެއް ނުވެއެވެ.
"މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ވަކި ފަރާތަކުން ހާމަކުރުމަށް އެދިފައިވާ މައުލޫމާތެއް ދޫކޮށްފި ކަމުގައިވާނަމަ، ސިއްރު ނުހިފެހެއްޓުމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެ ކަމުގައިވާނަމަ އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވޭ," އޭޖީއިން ދިން ޖަވާބުގައި ބުނެފައިވެ އެވެ. މި ފަދަ މާއްދާއެއް އޭޖީއިން ހިމަނާފައި ވަނީ ގަސްތުގައި އެ މައުލޫމާތެއް ނުދިނުމަށް ކަމަށް ބެލެވެއެވެ.
ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނުކަމަށް ސަރުކާރުން ކުރާ ދައުވާއާ ގުޅޭ މުރާޖައާކޮށް، މޯލްޓާގެ ޕްރޮފެސަރަކު ލައްވައި ކަރުދާހެއް ތައްޔާރުކުރަމުން އަންނަ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ. އަދި އެ މަސައްކަތުގައި އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ވެސް މަސައްކަތް ކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ނަމަވެސް، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އެ ދެ ފަރާތުގެ ތަފުސީލު ހޯދުމަށް އެދި ސުވާލުކުރުމުން ސަރުކާރުން ވަނީ ވަކި ސަބަބެއް ބަޔާން ނުކޮށް ޖަވާބު ދޭން ދެކޮޅު ހަދާފަ އެވެ.
އޭޖީގެ ޖަވާބުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައަށް ތަޖުރިބާކާރުން އައްޔަނުކޮށްފައިވަނީ މިފަދަ އެހެން މައްސަލަތަކެކޭ ވެސް އެއްގޮތަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުން ކަމަށެވެ.
އަދި، މިކަމުގައި މަސައްކަތް ކުރާ ބޭރުގެ ތަޖުރިބާކާރުންގެ އިތުރުން، ރާއްޖޭގެ ތަޖުރިބާކާރެއްގެ ގޮތުގައި ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލް މަސައްކަތް ކުރައްވަ އެވެ. ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މި ސަރުކާރުން އުފެއްދި ކޮމިޓީ ޗެއާ ކުރައްވަނީވެސް އަނިލް އެވެ. އޭޖީއިން ބުނި ގޮތުގައި އޭނާ މި މަސައްކަތް ކުރައްވަނީ އެއްވެސް އުޖޫރައަކާ ނުލަ އެވެ.
މި ތަޖުރިބާކާރުންގެ ކަރުދާހުގެ ފުރަތަމަ ކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށް ސަރުކާރުން ޖެނުއަރީ 14, ގައި ވަނީ ހާމަކޮށްފަ އެވެ.
"އަދި އިތުރު އެކްސްޕާޓުންގެ ރިޕޯޓްތަކަށް ބަލައި ތައްޔާރުކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ކެބިނެޓަށް ހުށަހެޅިގެން ދާނެ ކަމަށް މިއަދު ކެބިނެޓްގައި މައުލޫމާތު ލިބިފަައިވޭ،" އެ ދުވަހު ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފެށުމަކީ ރައީސް މުއިއްޒު ސަރުކާރުގެ "ހަފުތާ 14" ގައި ހިމެނޭ ކަމެކެވެ. ނަމަވެސް ހަގީގަތަކީ ރާއްޖޭގެ ކަނޑުން އެއްވެސް ބައެއް ގެއްލިފައި ނުވާ ކަމެވެ. ކަނޑު ގެއްލުނު ކަމަށް ބުނެ ހެދި ދޮގުގައި ރައީސް މުއިއްޒު ދަނީ ހިފަހައްޓަމުންނެވެ. އަދި ދައުލަތުން އެ ދޮގު ވަންހަނާ ކުރުމަށް ދަނީ މިލިއަނުން ޚަރަދު ކުރަމުންނެވެ.