ޚަބަރު

މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ގާނޫނު އަސާސީ އިސްލާހުކުރަނީ

ދިޔަވަރު
މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ގާނޫނު އަސާސީ އިސްލާހުކުރަނީ

އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮތް އޮތުން ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ އަދަދު ވަކި އަދަދަކަށް ލިމިޓު ކުރަން އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެކަން ހާމަކޮށްފި އެވެ.

ހިޔާލު ތަފާތުވުންތަކެއް އުފެދި އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިޔުމުން މެމްބަރުންތަކެއް އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްއާ އެ ޕާޓީއާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ނިމިދިޔަ ސިޔާސީ ކެމްޕޭނުތަކުގައި ވަނީ ބަދަލުކޮށްފަ އެވެ.

ނަމަވެސް, ބައެއް ގާނޫނުތަކަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ދެ ޕާޓީން އެކުގައި މަސައްކަތް ކުރާނެކަން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ޕީޖީ ލީޑަރު އަލީ އާޒިމް އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެކަމުގެ މައުލޫމާތު ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.

ދެ ޕާޓީން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް މިއަދު ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް, އެ ފޯމިއުލާ ހާމައެއް ނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން އެބަ ތިއްބެވި އެވެ. އެއީ ކޮންމެ މެމްބަރަކު 5,000 ރައްޔިތުން ތަމްސީލުކުރާ ގޮތަށެވެ. މިއަހަރު އިންތިހާބު ކުރާ މަޖިލީހަށް ހަ ދާއިރާ އިތުރުވެ ޖުމުލަ 93 އަށް އަަރާނެ އެވެ.