އަޒާނު ހިންގާ ފޭކް ޓްވިޓަރ އެކައުންޓަކުން، ސަރުކާރުގެ އިހުމާލުން މަރާލި ކުއްޖާގެ މަރަކީ މުއިއްޒަށްޓަކައި ވި ޝަހީދެއް ކަމަށް ސިފަކޮށްފިއެވެ. ގއ. ވިލިގިލީގެ އުމުރުން ކުޑަ ކުއްޖަކު މަރުވެފައިވަނީ ސަރުކާރުން ފަރުވާއަށް މާލެ ގެނައުން ލަސް ކުރުމާއި ގުޅިގެން ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ. މި ކުއްޖާ މަރުވުމުގެ ކުރިން އައްޑޫއިން ގެއްލުނު ކުއްޖާ ހޯދުމަށް، ޑޯނިޔާ އޮއްވައި، ސަރުކާރުން މަސައްކަތް ކޮށްފައި ނުވުމުން އެކަމާއި ގުޅިގެންވެސް ފާޑު ކިޔުން ވަނީ އިތުރުވެފައެވެ.
ދިޔަރެސް ނޫހުގެ އަޒާން، މިފަދަ މަރުތައް ޝަހީދުވުން ކަމަށް ސިފަކޮށްފައި ވަނީ އޭނާ ގެންގުޅޭ ފޭކް އެކައުންޓަކުންނެވެ. އަޒާނަކީ މީގެ ކުރިންވެސް ފޭކް އެކައުންޓްތައް ބައިވަރު ގެންގުޅެފައިވާ ފަރާތަކެވެ. މިގޮތުން ރުމާލު2ގެ ނަމުގައި އާއި، ދިޔަރެސް ގެ ލިޔުންތައް ރިޓްވީޓްކޮށް ހެދުމަށް ބޮޓު އެކައުންޓްތައް ގެންގުޅެފައި ވެއެވެ. އަޒާނުގެ ގާތް އެކުވެރިއަކު ވަނީ މިއީ އަޒާން ގެންގުޅޭ ޓްވިޓަރ އެކައުންޓެއްކަމަށް ދިޔަވަރު ނޫހަށް ކަށަވަރު ކޮށްދީފައެވެ.
އެކުއްޖާ ވެފައިވަނީ ޝަހީދެއް ކަމަށް ސިފަ ކޮށްފައިވާއިރު، އެ ކުއްޖާއަކީ އިންޑިޔާއާއި ރާއްޖެއާއި ދެމެދު އަޒާނުއާއި، ޕީޕީއެމް އަދި މުއިއްޒު ސިޔާސީ ބޭނުމަށް އުފައްދައިގެން އުޅޭ ހައްދުފަހަނަ އެޅި ޤައުމިއްޔަތަށް ތާޢީދު ކުރާ އާއިލާއެއްގެ ކުއްޖެއް ނޫނެވެ. އަދި އެއީ ވޯޓު ލުމާއި، ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ވުމުގައި އެއްވެސް ދައުރެއް އަދާ ނުކުރާ ކުޑަ މުއުސޫމު ކުއްޖެކެވެ.
އަޒާންވެސް ވަނީ އޭނާގެ އަމިއްލަ އެކައުންޓުންވެސް މި މަރު ދިފާޢު ކޮށް ޓްވީޓް ކޮށްފައެވެ.
އަޒާނަކީ މާލޭގައި، މާރާމާރީ އާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގަކަށް ނިސްބަތްވާ ކުށުގެ ވެށިން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ފެށި ފަރާތެކެވެ. އިންޑިޔާއައުޓު ކެމްޕެއިންގައި އަޒާން ބޮޑު ދައުރެއް އަދާކޮށްފައިވަނީ ގޭންގު ތަކުން ފައިސާ ނަގައިގެންގެންނެވެ. ގޭންގްތަކުން ހިތްހަމަ ނުޖެހުނީ އިންޑިޔާއިން ބަހައްޓާފައިވާ ރާޑަރ ސިސްޓަމްތަކުން ރާއްޖޭގެ ސަރަހައްދު ތައް ބަލަންފެށުމުން، މަސްތުވާތަކެތި ކަނޑުމަގުން އެތެރެ ކުރުމަށް ދަތިވާން ފެށުމުންނެވެ. މުއިއްޒުވަނީ މި ރާޑަރ ސިސްޓަމް ތައް ބޭނުން ކުރުން ހުއްޓާލައި، ޑްރަގަށް ހުރި ދޮރުތައް ތަންމިނަށް ހުޅުވާލާފައެވެ.
ސަރުކާރުން ހެލިކޮޕްޓަރާއި ޑޯނިޔާ މެދުވެރިކޮށް ވަގުތުން އެ ކުއްޖާ ގެނެވެން އޮއްވާ 16 ގަޑިއިރު ފަހުން އެ ކުއްޖާ ގެނައި ގެނައުމަކީ ސަރުކާރުން ވެރިކަމަށް އައުމަށް ހިންގި، ދޮގާއި މަކަރުން ފުރިފައިވާ، ހައްދުފަހަނަ އެޅި ގައުމިއްޔަތުގެ ޕްރޮޕަގަންޑާގެ އަނިޔާވެރިކަމުގައި ކިތަންމެ ގިނަ ބަޔަކު މަރާލަން ޖެހުނަސް، ވެރިކަމަށްޓަކައި މުއިއްޒު ދޫ ނުދޭނޭ ކަން ހާމަ ވެގެން ދިޔަ ކަމެކެވެ. މުއިއްޒު ވެރިކަން ހިފަހައްޓަމުން ދަނީ ދިވެހި ޤައުމުގެ ލޮބުވެތި ދަރިންގެ ފުރާނަ ގުރުބާން ކޮށްގެންނެވެ.