ޚަބަރު

އޭރުވެސް މިހާރުވެސް މުއިއްޒުއަކީ ކަމުދާ މީހެއް ނޫން: ޑިމޮކްރެޓްސް

ދިޔަވަރު
އޭރުވެސް މިހާރުވެސް މުއިއްޒުއަކީ ކަމުދާ މީހެއް ނޫން: ޑިމޮކްރެޓްސް

ކުރިން ވެސް ދަ ޑިމޮކްރެޓްސް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ކަމުދިޔަ ބޭފުޅެއް ނޫން ކަމަށް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން ވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައި ނުވާއިރު، ޑިމޮކްރެޓުންގެ އާންމު މެމްބަރުން ވަނީ ރައީސް މުއިއްޒުގެ ކެމްޕޭނުގައި ބައިވެރިވެފަ އެވެ. އަދި ދާދިފަހުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ޑިމޮކްރެޓްސްގެ ރައީސްއާއެކު ބައްދަލުވުމެއް ވެސް ބާއްވަވާފަ އެވެ.

މިއަދު ހަވީރު އެމްޑީޕީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ވިދާޅުވީ ޑިމޮކްރެޓްސް އަށް ކަމުނުދިޔައީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށާއި އެ ސިޔާސަތުތައް ކަމުނުދިޔުމުން ވަކިން ޕާޓީއެއް ހަދައިގެން ކެންޑިޑޭޓެއް ރިޔާސީ އިންތިހާބަށް ނެރުނީ ކަމަށެވެ. އަދި އެކަކު ކުރާ ކަންކަން ކަމުނުދިޔުމަކީ އަނެކަކު ކުރާ ކަންކަން ކަމުދިޔުން ނޫން ކަމަށާއި ރައީސް މުއިއްޒަކީ އޭރުވެސް ކަމުދިޔަ ބޭފުޅެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.

"ޑރ. މުއިއްޒު އޭރުވެސް ކަމުދިޔައީއެއް ނޫން. މިހާރު ކޮންމެހެން އަޅުގަނޑުމެންނަށް ޑރ. މުއިއްޒު ކަމުދާންވީ ސަބަބެއް ވެސް ނެތް،" ހަސަން ވިދާޅުވި އެވެ.

ޑިމޮކްރެޓުން ކަންކަން ނިންމަނީ އެވަގުތެއްގައި އެބަޔަކު ކުރާ ކަމެއްގެ މައްޗަށް ކަމަށާއި ރައީސް މުއިއްޒު ކުރިން ވިދާޅުވި ގޮތަށް ކަންކަން ކުރައްވާ މަންޒަރު ނުފެންނަ ކަމަށް ހަސަން ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން ކަންކަން ނިންމާއިރު އިންޑިއާއާ ޖައްސާލައިގެން އުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އޭގެ ނަތީޖާތައް ވެސް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ޒިންމާދާރު ސަރުކާރަކުން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށްވެސް ވިދާޅުވި އެވެ.