ޚަބަރު

އެމްޑީޕީން ޕީއެންސީއަށް ސޮއިކުރި ކޮންމެ މެމްބަރަކަށް ދޭން ވައުދުވި 2.5 މިލިއަން ރުފިޔާއިން ދީފައި ވަނީ 5 ލައްކަ ރުފިޔާ, ބާކީ ހުރި ފައިސާ އަދިވެސް ވީ އަދުރޭގެ އަތުގައި! ރައީސް ހުންނެވީ ކޯފާވެފަ!

ދިޔަވަރު
އެމްޑީޕީން ޕީއެންސީއަށް ސޮއިކުރި ކޮންމެ މެމްބަރަކަށް ދޭން ވައުދުވި 2.5 މިލިއަން ރުފިޔާއިން ދީފައި ވަނީ 5 ލައްކަ ރުފިޔާ, ބާކީ ހުރި ފައިސާ އަދިވެސް ވީ އަދުރޭގެ އަތުގައި! ރައީސް ހުންނެވީ ކޯފާވެފަ!

ފާއިތުވި ޑިސެމްބަރުމަހު އެމްޑީޕީން ޕީއެންސީއަށް ސޮއިކުރި މަޖިލިސް މެމްބަރުންނަށް ދޭން ރައީސް މުއިއްޒު ވައުދުވި ފައިސާގެ ތެރެއިން ބޮޑުބައި އަދިވެސް އެމެންބަރުންނަަށް ހަވާލު ނުކޮށްގެން މެމްބަރުންގެ މެދުގައި މައްސަލަ ބޮޑުވެ, ރައީސް މުއިއްޒު އަބުދުއްރަހީމް ދެކެ ކޯފާ ވެއްޖެކަމުގެ މައުލޫމާތު "ދިޔަވަރު އޮންލައިން"އަށް ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, މެމްބަރުން އެޕާޓީއަށް ސޮއި ކޮށްފައިވަނީ ކޮންމެ މެމްބަރަކަށް 2.5 މިލިއަން ރުފިޔާ ދިނުމަށް ރައީސް މުއިއްޒު ވައުދުވެގެން ކަމުގައެވެ. އަދި އޭގެ އިތުރަށް މެމްބަރުން ބެނުންވާ ވަޒީފާތައްވެސް ސަރުކާރުގެ ތެރެއިން ހަމަޖައްސާދޭނެކަމަށްވެސް ރައީސް މުއިއްޒު ވައުދު ވިއެވެ. އެހެންނަމަވެސް މެމްބަރުން ބޭނުންވާ ބައެއް ވަޒީފާތައްވެސް އަދިވެސް ހަމަޖައްސާ ދީފައި ނުވާއިރު, މެމްބަރުންގެ ތެރޭގައި މައްސަލަ ބޮޑުވެފައިވަނީ ހަމަޖައްސާދޭން ވައުދުވި ފައިސާ މިހާތަނަށްވެސް ހަމަޖައްސާދީ ނިންމާފައި ނުވާތީއެވެ.

ޕީއެންސީގެ އިސް އޮފިޝަލް "ދިޔަވަރު އޮންލައިން"އަށް ކިޔައިދިން ގޮތުގައި, ޕީއެންސީއަށް ސޮއި ކުރި ކޮންމެ މެމްބަރަކަށްވެސް 2.5 މިލިއަން ރުފިޔާ ހަމަޖައްސާ ދޭނެކަމަށް ރައީސް މުއިއްޒު ވައުދުވެ އެފައިސާ މެމްބަރުންނަށް ދިނުމަށް ހަވާލު ކޮށްފައިވަނީ އަބުދުއްރަހީމްއާއެވެ. އެހެންނަމަވެސް އެ ފައިސާގެ ތެރެއިން ކޮންމެ މެމްބަރަކާ އަބުދުއްރަހީމް 5 ލައްކަ ރުފިޔާ ހަވާލުކޮށް މިއަދާހަމަޔަށް އައިއިރުވެސް ބާކީ ހުރި ފައިސާ ހަވާލު ނުކޮށްގެން ރައީސް ވަނީ އަބުދުއްރަހީމް ދެކެ ކޯފާ އިސްކުރައްވާފައި ކަމަށްވެސް "ދިޔަވަރު އޮންލައިން"އާ މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒުގެ އިސް މުޝީރުކަމުގެ މަގާމްގައިވެސް ހުންނެވި އަބުދުއްރަހީމް ވަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ އެޕާޓީގެ ކެނޑިޑޭޓުން އަތުންވެސް ޓިކެޓް ކަށަވަރު ކޮށްދޭނެކަމަށް ބުނެ ފައިސާ ނަގާފައެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ރިޝްވަތު ދީގެން ރައީސް މުއިއްޒި ގަނެލާފައިވަނީ, އެމަނިކުފާނު އަޒުލް ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާކަމުގެ އަޑު ގަދަވެގެން ދިއުމާ ގުޅިގެންނެވެ. އެހެންނަަވެސް އެމްޑީޕީން ބުނެފައިވަނީ ރައީސްއާއި ނާއިބު ރައީސް އަޒުލްކުރުމަށް އެއްވެސް އިރަކު މަސައްކަތް ކޮށްފައި ނުވާނެ ކަމުގައެވެ.

ރައީސް މުއިއްޒު ގެންދަވަނީ ރިޝްވަތުގެ ހަރާމް ފައިސާއަށް މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންވެސް ގަންނަމުންނެވެ.