ރާއްޖެއަށް މިހާރު ދަތުރު ކުރަމުންދާ ޗައިނާގެ ޖާސޫސީ އަދި ސަވައިލަންސް އުޅަނދު, ޒިއަންގް ޔަންގް ހޮންގް 3 އިން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގައި އެކްސްޕްލޯރޭޝަން އަދި ޖަސޫސް ކުރުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިޔަ ނުދޭކަމުގައި އިންޑިއާގެ އަސްކަރިއްޔާގެ ނޭވީން ބުނެފިއެވެ.
އިންޑިއާގެ ނޭވީއާއި ހަވާލާދީ އެގައުމުން ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި, ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގައި ޗައިނާގެ މި ޖާސޫސީ އުަޅަނދުން ޖާސޫސް ކުރުމާއި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފިނަމަ ވަގުތުން ފިޔަވަޅު އެޅޭ ހާތުގައި އިންޑިއާގެ ނޭވީ މިހާރުވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފައެވެ.
އިންޑިއާއަކީ ނިއުކުލިއަރ ބާރަކަށް ވުުމުގެ އިތުރުން އެގައުމަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އެއް އަސްކަރިއްޔާ އޮތް އެއް ގައުމުވެސްމެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ފާއިތުވި އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާގެ އުޅަނދު މާލެ އަންނަނީ ކާބޯތަކެއްޗާއި ތެލުގެ ސާމާނު ނެގުމަށް ކަމަށާއި, އެއީ އޮޕަރޭޝަނަލް ޓާން އެރައުންޑް (އޯޓީއާރު)އަށް, (ދަތުރުގެ މެދުތެރެއިން އަސާސީ ބައެއް ކަންކަން ފުރިހަމަ ކުރުމަށް މަޑުކުރާ ކުރުމެއް) ކަމުގައެވެ. އަދި މި ބަނދަރުކުރާ ކުރުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މި އުޅަނދުން ރިސާރޗްގެ އެއްވެސް މަސައްކަތެއް ނުކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ޗައިނާގެ އަސްކަރީ ޖާސޫސީ އަދި ސަވައިލަންސް ބޯޓު މިވަގުތު އޮތީ ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކަމަށާއި ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު މާލޭ ކަނޑުގެ ބަނދަރަށް މިއުޅަނދު ބަނދަރު ކުރާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
ޗައިނާގެ މި ޖާސޫސީ އުޅަނދު މިދިޔަ އަހަރުވެސް ސްރީލަންކާ އަށާއި ރާއްޖެއަށް ދަތުރުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް, އިންޑިއާގެ އެދުމުގެ މަތިން, ފާއިތުވި ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހު ސްރީލަންކާއިން ނިންމާފައިވަނީ އެ އުޅަނދު ސްރީ ލަންކާގެ އީއީޒެޑްއަށް ވަނުމުގެ ހުއްދަ ނުދިނުމަށެވެ. އަދި 2024 ވަނަ އަހަރުވެސް ސަވައިލަންސް އެއްވެސް އުޅަނދަކަށް އެގައުމުގެ އީއީޒެޑްއަށް ވަނުމުގެ ހުއްދަ ނުދިނުމަށްވެސް ސްރީލަންކާއިން ނިންމާފައި ވެއެވެ.
ޗައިނާގެ ޖާސޫސީ އުޅަނދު ރާއްޖޭގައި އެއްވެސް ރިސާރޗް މަސައްކަތެއް ނުކުރާނެކަަމަށް ސަރުކާރުން ބުނެފައިވި ނަމަވެސް, ބައިނަލް އަގުވާމީ ނޫސްތަކުންވެސް ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އުޅަނދު ސްރީ ލަންކާ ސަރަހައްދަށް ވަނުމަށް އިންޑިއާއިންނާއި ސްރީ ލަންކާއިންވެސް ދެކޮޅު ހެދީ ކަނޑުގައި ދުއްވާ އުޅަނދުތަކާއި ސަބްމެރިންތައް ޖާސޫން ކުރުމަށް ބޭނުންކުރާ ރާޑަރުތަކާއި ސޯނާރ އެކުއިޕްމަންޓަ ތަކާއި, ކަނޑުގެ އަޑިން ދަތުރުކުރާ ސަބްމެރިންތައް ދެނެގަތުމަށް ބޭނުންވާ އޮޕްޓިކަލް އެކުއިޕްމަންޓަތައްވެސް މިއުޅަނދުގައި ހުރުމުގެ ސަބަބުންނެވެ.
ރާއްޖެއަށް ދަތުރު ކުރަމުންދާ ޒިއަންގް ޔަންގް ހޮންގް 03 އަކީ ކަނޑުގެ ސާވޭތައް ހެދުމުގެ ތާރީހެއް އޮތް ބޯޓެއްކަމަށްވެސް ކަމާއި ގުޅުންހުރި ފަރާތްތަކުން ބުނެފައި ވެއެވެ. އިންޑިއަން އޯޝަން ރީޖަން (އައިއޯއާރު) އާއި ބޭ އޮފް ބެންގާލް އަދި އަރަބި ކަނޑު ފަދަ މުހިންމު ސްޓްރެޓެޖިކް ތަންތަނުން މި އުޅަނދު ވަނީ މީގެ ކުރިން ފެނި، އެ ބައްރުތަކުގެ ގައުމުތަކާއި ޗައިނާއާއި މެދު ނުތަނަވަސްކަން ވަނީ އުފެދިފައި ވެއެވެ.
ޖާސޫސީ އުޅަނދުތަކެއްގެ ގޮތުގައި ގިނަ ފަހަރަށް ބެލެވޭ ޗައިނާގެ އުޅަނދުތަކުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ތަކުރާރުކޮށް ވަންނަމުން ދާދިއުމަކީ ގިނަ ގައުމުތަކާއި ޗައިނާއާއި މައްސަލަޖެހެން މެދުވެރިވާ ވަރަށް ބޮޑު ސަބަބެއްވެސް މެއެވެ.
ޗައިނާގެ ޖާސޫސީ އުޅަނދު ރާއްޖެއަށް ދަތުރު ކުރަމުންދާއިރު, ރައީސް މުހައްމަދު މުއިއްޒުވަނީ ޗައިނާ ސަރުކާރާއެކު ސިއްރު ގުޅުންތަކެއް ގާއިމް ކޮށްފައެވެ. އެގޮތުން, މުއިއްޒު ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެގައުމުގެ ސަރުކާރާއެކު ސިއްރު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.
އޭގެ އިތުރުން މި ހަފްތާގައި ރާއްޖެއަށް ވަޑައިގެންނެވި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރު ސަން ހައިޔާން ވަނީ, ޗައިނާއާއެކު ކޮށްފައިވާ ސިއްރު އެއްބަސްވުމުގެ ދަށުން މަކުނުދޫގައި ގާއިމްކުރާ ޗައިނާގެ އަސްކަރީ މަރުކަޒާ ގުޅޭގޮތުން ރައިސް މުއިއްޒުއާ މަޝްވަރާ ކޮށްފައެވެ.