ޚަބަރު

ކަނޑު އަޑީގެ ޓަނަލްގެ ވާހަކަ ދައްކަނީ ޗައިނާ ލައްވާ ރާއްޖޭގެ ކަނޑުތަކުގެ އަޑި މެޕް ކުރުމުގެ، މަކަރުވެރި ރޭވުމުގައި!

ދިޔަވަރު
ކަނޑު އަޑީގެ ޓަނަލްގެ ވާހަކަ ދައްކަނީ ޗައިނާ ލައްވާ ރާއްޖޭގެ ކަނޑުތަކުގެ އަޑި މެޕް ކުރުމުގެ، މަކަރުވެރި ރޭވުމުގައި!

ފުށިދިއްގަރު ފަޅާއި މާލެ އާއި ދެމެދު އޮތީ އެތައްހާސް މީޓަރެއްގެ ބިޔަ ބޮޑު ވާދޫ ކަނޑެވެ. އެތާގައި ޓަނަލް އަޅަން އޮތް ކަނޑުގެ އަޑި އަކީ އެފަދަ މަސައްކަތެއް ކުރުމަށް އަދި އެނޫން ކަމަކަށްވެސް އިންސާނުން ނަށް ފީނައިގެން ދެވިފައިވާ ހިސާބެއް ނޫނެވެ. ރާއްޖޭގެ ބޮޑެތި ކަނޑުތަކުގެ ފުން މިނުގައި 1000 މީޓަރާއި، 4000 މީޓަރު ހުންނައިރު، މިއީ މިފަދަ މަސައްކަތެއް ކުރެވޭ ވަރަށްވުރެ މާ ފުން ކަނޑުތަކެކެވެ. އަދި ކަނޑު ފުންވެފައި އަނދިރިވުމުން، މިފަދަ ކަނޑަކުން ފެންނާނެ ރީތި މަންޒަރެއްވެސް ނޯންނާނެއެވެ.

ރާއްޖޭގެ ކަނޑުގެ އަޑީގެ ވެލިގަނޑު އާންމުކޮށް މަޑެވެ. ކަނޑުގެ އަޑީގެ ވެލިގަނޑު މަޑު ނަމަ، އެއްގަމުގައި ޓަނަލް ހަދައިގެން އަޑިއަށް ފައްތައިގެންވެސް ޓަނަލް ނުބެހެއްޓޭނެއެވެ. ޖެހޭނީ އެތައް މީޓަރެއް އަޑިއަށް ކޮނެ ބިންގަޑު ހަރު ހިސާބެއް ހޯދާށެވެ. މިއީ އިންސާނުންނަށް ނުދެވާހާ ފުން ހިސާބުތަކުގައި ކުރެވޭނެ ކަމެއް ނޫނެވެ. ރޮބޮޓް ބޭނުން ކޮށްގެންވެސް މިއީ އަދި ކިތަންމެ މުއްސަނދިވިއަސް މިހާ ފުނުގައި ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެހާ އަޑީގައި ޓަނަލް ނުބެހެއްޓެނީވެސް އެހާ އަޑީގައި ޕްރެޝަރ ހުންނަ ވަރު އިތުރު ވެފައި އެއީ އެއްވެސް ގޮތަކަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. ޓަނަލް އެޅުމަށް ވުރެ ފަސޭހަ ވާނީ ހުރިހާ ގޮތަކުންވެސް އެތާގައި ބްރިޖެއް އެޅުމެވެ. ވާދޫ ކަނޑުގައި ބްރިޖް ނޭޅޭނެ ކަމަށް މުއިއްޒުގެ ހައުސިންގ މިނިސްޓަރ ހައިދަރު ވިދާޅުވީ، އެ ކަނޑު ފުންވުމުން، ބިމު އަޑިއަށް ފައްތަންޖެހޭ ތަނބުތައް ޖަހާނެ ގޮތެއް ނެތުމުންނެވެ. އެވަރު ތަނެއްގައި އެޅޭނެ އެއްވެސް ކަހަލަ ޓަނަލް އެއް ނެތް ކަން މުއިއްޒަށް ރަނގަޅަށް ސާފުކޮށް އެނގެއެވެ.

އިންޑިޔާއާއި އެކު ހަދާފައިވާ ހައިޑްރޯފްރަފީގެ އެއްބަސްވުން އުވާލީ ޗައިނާއިން އެދިގެންނެވެ. ކަނޑު އަޑީގައި ޓަނަލް ހަރުކުރަން ކަމަށް ބުނެ އޮޅުވާލައިގެން އެ އުޅެނީ، ކަނޑު މެޕް ކުރުމަށް ފުރުޞަތު ޗައިނާއަށް ދިނުމަށެވެ. މިއީ އެކަން ކުރުމަށް ދެއްކި މަކަރުވެރި އުޒުރެކެވެ. ކަނޑު އަޑިން ޓަނަލް އަޅަން ކަމަށް ވިދާޅުވެ ހެއްދެވި ސީދާ ކަނޑައެޅިގެން ދޮގެވެ. މުއިއްޒު އެފަދަ ކަމަކާއި ވިސްނާފައެއްވެސް ނެތެވެ. އެތައް ލައްކަ ރައްޔިތުންތަކެއްގެ މޫނުމައްޗަށް، ލައިވް ޓީވީ ގައި މިހާ ބޮޑު ދޮގެއް މުއިއްޒު ހަދާފައި ވަނީ ޗައިނާއަށް މުއިއްޒު އަޅުވެތި ވެފައިވާލެއް ބޮޑު ކަމުންނެވެ.

ކަނޑު އަޑި މެޕް ކުރުމުގެ އިތުރުން، ޗައިނާއިން ދަނީ މިގޮތަށް ކަނޑުތަކުގައި އެމީހުންގެ ސެންސަރ ތައް ހަރުކޮށް، ޖާސޫސް ކުރަމުންނެވެ.

ޗައިނާއަށް ރާއްޖޭގެ ކަނޑު ސަރަހައްދު ބެލުމަށް އެއްވެސް އެއްބަސްވުމެއް ނަހަދައި، ޗައިނާގެ ޖާސޫސީ ބޯޓުތައް ރާއްޖެ ގެނެސް، ޓަނަލް އަޅަން އުޅޭ ކަމަށް ބުނެ ކަނޑުގެ އަޑި މެޕްކޮށް، ހެދުމަކީ މުޅި ސަރަހައްދުގެ ސެކިޔުރިޓީ ނުވަތަ ސަލާމަތާއި، ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. މިއީ އިންޑިޔާ ކަނޑުގައި ސްޕަރ ޕަވާއެއް ގޮތުގައި އަދި ނިއުކުލިއަ ބާރެއް ގޮތުގައި އިންޑިޔާ އޮވެ، އެމީހުންގެ އަސްކަނި ދޮށަށް މާދުރުގައި އޮތް ބާރުވެރި ޤައުމެއް ގެނައުމެވެ. މާދުރުގައި އޮތް ބާރަކުން އައިސް އަވަށްޓެރި ޤައުމުތަކުގެ ބާރުތައް ކޮންޓްރޯލް ކުރަން ފެށުމަކީ ހަމަ ނުޖެހުން މަގުފަހިވެ، ހަނގުރާމަ ހިނގާފަދަ ކަންކަމެވެ. ރައިޝިޔާއިން، ޔޫކްރެއިން އަށް ހަމަލާދޭން ޖެހުނީ ޔޫކްރެއިން އިން ރަޝިޔާގެ އަސްކަނި ދޮށަށް ނޭޓޯ ގެންނަން ނިންމުމުންނެވެ. ހަމަ އެގޮތަށް ރާއްޖޭގެ ކަނޑުތައް މާދުރުގައި އޮތް، އިންޑިޔާ އާއި ދެކޮޅުވެރި ޤައުމަކަށް ކަނޑުގެ އަޑި މެޕްކޮށް ޖާސޫސް ކުރުމަށް ފުރުސަތު ދިނުމަކީ، އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. ދުނިޔޭގައި ބޮޑެތި ހަނގުރާމަތައް ފެށިފައި ހުރީ މިފަދަ ވިސްނުމެއް ނެތް ވެރިން ހިންގާފައި ހުރި އަމިއްލަ އެދުން ބޮޑު، މިފަދަ ނުބައި ޖަރީމާ ތަކުގެ ސަބަބުންނެވެ.