ޚަބަރު

އަބުދުއްރަހީމް ދެ އަންބަށް ކައިވެނި ބައްލަވައިގަންނަވަނީ!

ދިޔަވަރު
އަބުދުއްރަހީމް ދެ އަންބަށް ކައިވެނި ބައްލަވައިގަންނަވަނީ!

ރައީސް މުއިއްޒުގެ ޚާއްސަ މުޝީރުކަމަށް އައްޔަން ކުރައްވާފައިވާ, ޕީއެންސީގެ ޗެއަރމަން އަބުދުއްރަހީމް ދެއަންބަށް ކައިވެނި ބައްލަވައިގަތުމަށް ހަމަޖެހިފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އަބުދުއްރަހީމްގެ ގާތް ބޭފުޅަކު ކިޔައި ދިން ގޮތުގައި އަބުދުއްރަހީމް ދެ އަންބަށް ކައިވެނި ބައްލަވައިގަންނަވަނީ އުމުރުން 22 އަހަރުގެ ޒުވާން އަންހެން ކުއްޖަކާ ކަމުގައެވެ. އަދި ކައިވެނި ބައްލަވައިގަތުމަށް އަންހެން ކުއްޖާގެ އާއިލާގެ ރުހުން ލިބިފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި އަބުދުއްރަހީމްގެ ގާތް ފަރާތުން ކިޔައިދީފައިވެއެވެ.

އޭނާ ކިޔައިދިން ގޮތުގައި މިހާރު ނިންމާފައިވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގެ ކުރިން ކައިވެނިކޮށް ނިންމުމަށް ކަމަށާއި އެހެންނަމަވެސް އެ ތާވަލަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވަނީ އަބުދުއްރަހީމްގެ އެންމެ ފުރަތަމަ ކައިވެންޏަށް ލިބިޖެއްވި ދަރިފުޅެވެ.

ރައީސް މުއިއްޒުގެ އެންމެ ގާތް, އަދި އެމަނިކުފާނުގެ ޚާއްސަ މުޝީރުގެ މަގާމަށް އައްޔަން ކޮށްފައިވާ އަބުދުއްރަހީމްވަނީ, އޭނާއާއި ގާތްކަން އޮންނަ ގިނަ އަދަދެއްގެ އަންހެން ކުދިންނަށް, ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު, ސަރުކާރުގެ ވުޒާރާތަކުންނާއި އަދި ކުންފުނިތަކުންވެސް ވަޒީފާ ދީފައެވެ.

ފަހަކަށް އައިސް, މިގޮތުން ވަޒީފާ ދީފަތިބޭ އަންހެން ކުދިން ގޮވައިގެން ހަފްތާ ބަންދުތަކުގައި އަބުދުއްރަހީން ރިސޯޓުތަކަށް ވަޑައިގަންނަވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.