ޚަބަރު

މިނިސްޓަރ ޒަމީރަށް, އިނގިރޭސިބަހުން ފުރިހަމަޔަށް ޑިޕްލޮމޭޓުންނާއި މުއާމަލާތު ކުރަން ނޭގޭތީ ފޮރިން މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުން!

ދިޔަވަރު
މިނިސްޓަރ ޒަމީރަށް, އިނގިރޭސިބަހުން ފުރިހަމަޔަށް ޑިޕްލޮމޭޓުންނާއި މުއާމަލާތު ކުރަން ނޭގޭތީ ފޮރިން މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުން!

ކޮންމެ ގައުމެއްގެވެސް ފޮރިން މިނިސްޓަރއަކީ ގައުމުން ބޭރުގައި އެގައުމެއް ތަމްސީލުކުރާ އެންމެ މުހިންމު ވުޒާރާއެވެ. އެއީ ގައުމުގެ މޫނުމައްޗެވެ. އެގޮތުން, ދައުލަތުގެ އެހެން ގިނަ ވުޒާރާތަކާއި ޚިލާފަށް, ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރާ މުވައްޒަފުން ވެގެން ދަނީ, ތައުލީމީ ގޮތުންނާއި ގާބިލްކަމުގެ ގޮތުންވެސް ތަފާތު މުވައްޒަފުންތަކެއް ކަމުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިނގިރޭސިބަހުން މުއާމަލާތު ކުރުމުގެ ފެންވަރު ރަގަޅުވާން ޖެހެއެވެ. އެއީ ދުވަހުން ދުވަހަށް ކުރާންޖެހޭ މުއާމަލާތުތަކުގެ ގޮތުންނެވެ. ގައުމުން ބޭރުގަ އެކިއެކި ޕްލެޓްފޯމްތަކުގައި ގައުމު ތަމްސީލުކުރަން ޖެހޭތީއެވެ. ޑިޕްލޮމޭޓުންނާއި ބައްދަލުކޮށް ގައުމު ހާލަތުގެ ވާހަކަތައް ބަޔާންކޮށްދޭން ޖެހޭތީއެވެ.

އެގޮތުން, ޚާރިޖީ ވަޒީރަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ކިބައިގައި މިދެންނެވުނު ގާބިލްކަން ވަކީން ބޮޑަށް ފުރިހަމަވާން ޖެހެއެވެ. އިނގިރޭސިބަހަށް ފަރުތަވުމުގެ އިތުރުން, ޑިޕްލިކެޓިކް ލޭންގުއޭޖް އެގެން ޖެހެއެވެ. އެގިގައުމުތަކުގެ ވެރިންނަށާއި އިސް ޑިޕްލޮމޭޓުންނަށް އިހުތިރާމް އަދާކުރަންޖެހޭ ގޮތާއި, ދައްކަންޖެހޭ ވާހަކައާއި ދައްކަން ނުޖެހޭ ވާހަކަވެސް އެގެން ޖެހޭނެއެވެ. ހަމައެއާއެކު ދައްކާވަހަކަ ދައްކާލަން ރަގަޅަށް އެގުމުގެ އިތުރުން, ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން އިނގިރޭސިބަހުން ދައްކާވާހަކަ ވަރަށްވެސް ރަގަޅަށް ފަހުމްވެސް ވާން ޖެހެއެވެ.

ޚާރިޖީ ވަޒީރަކީ ވަރަށް ގިނަ ޕްލެޓްފޯމްތަކުގައި ގައުމު ތަމްސީލުކުރާ އެންމެ އިސް ޑިޕްލޮމޭޓެވެ. އޭގެ އެންމެ ފުރިހަމަ މިސާލެއް ފެނިގެން ދިޔައީ, ރައީސް ސާލިހުގެ ވެރިކަމުގަ އޭރުގެ ޚާރިޖީ ވަޒީރު އަބުދުالله ޝާހިދު ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ގައުމު ތަމްސީލުކުރުމުގައި އަދާކުރެއްވި މުހިންމު ދައުރެވެ.

ޝާހިދު ވަނީ ޔޫއެންގެ އާންމު މަޖިލިހުގެ ރައީސްކަން ކުރައްވާ, ދިވެހިރާއްޖޭގެ އެންމެ އިސް ޑިޕްލޮމޭޓެއްގެ ދައުރު ވަރަށްވެސް ފުރިހަމައަށް އަދާކުރައްވާ, ގާބިލްކަމާއެކު ގައުމު ތަމްސީލުވެސް ކޮށްދެއްވާފައެވެ.

އެހެންނަމަވެސް އެއާއި ޚިލާފަށް, ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ޚާރިޖީ ވުޒާރާއާ ހަވާލުވެވަޑައިގެންނެވި މޫސާ ޒަމީރު ޚާރިޖީ ވުޒާރާއާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޑިޕްލެމޭޓުންނާއި މުއާމަލާތު ކުރުމުގައި އިނގިރޭސިބަހަށް ނުފަރިތަ ވުމާއި, އަދި ދުނިޔޭގެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި މުއާމަލާތު ކުރެއްވުމުގައި ގެންގުޅުއްވަންޖެހޭ ޑިޕްލޮމެޓިކް ބަހުރުވަ ރަގަޅަށް އެނގިވަޑައިނުގަތުމުގެ ސަބަބުން ފޮރިން މިނިސްޓްރީގެ ރަސްމީ މުއާމަލާތްތަކުގައި ގިނަގުނަ ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ކަންބޮޑުވުން ފޮރިން މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ގެންދަވަނީ ފާޅު ކުރައްވަމުންނެވެ.

އެގޮތުން މުވައްޒަފުން ވިދާޅުވާ ގޮތުގައި, ޒަމީރު އިނގިރޭސިބަހަށް ކޮށި ވުމުގެ ސަބަބުން ބައެއް ޑިޕްލޮމޭޓުންނަށް ވާނުވާ އޮޅުން ނުފިލާ ހިސާބަށްވެސް ހާލަތު ގޮސްފައި އެބަހުއްޓެވެ.

ވަރަށްބޮޑަށް ދަތިވޭ, މިނިސްޓަރަށް ޑިޕްލޮމެޓިކް ލޭންގުއޭޖު ރަގަޅަށް އެނގިވަޑައި ނުގަންނަވާތީ. އިނގިރޭސިބަހަށް ކޮށިވެސް ވީމަ. އެހެންނަމަވެސް އެއީ މައްސަލައެއް ނޫން, އެމައްސަލައަށް ހައްލު ކުރުމަށް އިންޓަރ ޕްރިޓަރއެއް ގެންގުޅުއްވާނަމަ.

ފޮރިން މިނިސްޓްރީގެ މުވައްޒަފަކު "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ޒަމީރަކީ އެއްވެސް އިރަކު ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިނުވާ, އެދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިފައިނުވާ ފަރާތެއްކަންކަންވެސް މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.

އެހެންނަމަވެސް, ދުނިޔޭގެ ގައުމުތަކުގެ ބައެއް ވަޒީރުންނާއި އަދި ގައުމުތަކުގެ ވެރިންވެސް އިނގިރޭސިބަހަށް ފަރިތަ ނުވުމަކީ އާކަމެއް ނޫނެވެ. އެމައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި އެފަދަ ހާލަތްތަކުގައި އެބޭބޭފުޅުން އިންޓަރޕްރިޓަރއިން (ތަރުޖަމާނުން) ގެންގުޅުއްވައެވެ. އެބޭބޭފުޅުން މުއާމަލާތު ކުރައްވަނީ ތަރުޖަމާނުން ބޭނުން ކޮށްގެންނެވެ.

އެހެންނަމަވެސް އެއާއި ޚިލާފަށް ރާއްޖެއިން ފެންނަމުން މިދަނީ އެއާއި މުޅިން ތަފާތު މަންޒަރެކެވެ. އިނގިރޭސިބަހުން ރަގަޅަށް މުއާމަލާތު ކުރަން ނޭނގުނު ނަމަވެސް, އަދި އޭގެ މުގާބިލުގައި ބޭރުގެ ޑިޕްލޮމެޓުންގެ ކުރިމަތީގައި ގައުމު ބަދުނާމްވެގެން ދިޔަނަމަވެސް, ފެންނަމުން މިދަނީ, އެކަން ވަރިހަމަ ކޮށްލައްވައިގެން, ޚާރިޖީ ވަޒީރު ގޮތް ދޫނުކުރައްވާ, ގައުމު ލަދުގަންނުވަމުން ގެންދަވާ މަންޒަރެވެ.

އެެހެންނަމަވެސް, ކޮންމެ ދާއިރާއަކަށްވެސް, އެދާއިރާއަކާ ގުޅޭ, ގާބިލް ވަޒީރުން ކެބިނެޓަށް ލެއްވުމަކީ ރައީސް މުއިއްޒުގެ މައްޗަށް ގާނޫނީގޮތުން ލާޒިމްވެފައި އޮތް ކަމެއްކަމުގައި ފާހަގަ ކޮށްލާން ޖެހެއެވެ.